Last Updated: 1 decade 3 year ago
ގޮނޑި ބަރީގެ 1800 ޓިކެޓާއި ސިޑިބަރީގެ 7000 ޓިކެޓް ވިކި ހުސްވެގެން އިތުރަށް ވެސް ޓިކެޓްވަނީ ޕްރިންޓު ކޮށްގެން ވިއްކާފަ އެވެ. އިތުރަށް ވިއްކި ޓިކެޓްތަކާއެކު ލަފާ ކުރެވޭ ގޮތުގައި މިއަދު ނިއުގެ މެޗު ބަލައިލުމަށް ގާތްގަނޑަކަށް 10000 ވުރެ ގިނަ މީހުން ގަލޮޅު ދަނޑަށް ވަންނާނެ އެވެ.
ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބް ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ ގުރޫޕު ސްޓޭޖުގައި އެކުލަބު ކުޅުނު ހަ މެޗުގެ ތެރެއިން ފަސްމެޗު ކާމިޔާބުކޮށް ޖުމުލަ 15 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދައިގެނެވެ. ނިއު ބަލިވީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން އެކަނި އެވެ. އަދި ގްރޫޕު ސްޓޭޖުގައި އެއް ޓީމަކުން އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ޓީމަކީވެސް ނިއު އެވެ. އިދިކޮޅު ޓީމުތަގުގެ ގޯލަށް 20 ލަނޑު ޖަހާފައިވާއިރު ނިއުގެ ކޮޅަށް ވަދެފައިވަނީ އެންމެ 4 ލަނޑެވެ.
ސެލަންގޯ ދެވަނަ ބުރަށް އައިގޮތަށް ބަލައިލާ އިރު އެކުލަބު ގްރޫޕް ސްޓޭޖްގައި ކުޅު ހަ މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ ދެމެޗުން ބަލިވެ ދެމެޗުން ވަނީ އެއްވަރުވެފަ އެވެ. އެގޮތުން އިންޑިއާގެ އީސްޓް ބެންގަލްއާ ދެކޮޅަށް ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުން ބަލިވެ ދެވަނަ މެޗު އެއްވަރުވެފައިވާ އިރު، ސިންގަޕޫރުގެ ޓަންޕިނޭ ރޯވާސްއާ ދެކޮޅަށް ކުޅުނު އެއްމެޗުން އެއްވަރުވެ އަނެއް މެޗުވަނީ ކާމިޔާބު ކޮށްފަ އެވެ. އަދި ވިއެޓްނާމްގެ ސައިގަންއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ބަލިވި އިރު ދެވަނަ މެޗު ސެލަންގޯވަނީ ކާމިޔާބު ކޮށްފަ އެވެ. ގްރޫޕް ސްޓޭޖުގައި އިދިކޮޅު ޓީމުތަކުގެ ގޯލަށް ޖުމުލަ 12 ލަނޑު ޖެހިފައިވާއިރު ބައިކޮޅަށްވަނީ 11 ލަނޑު ވަދެފައިވެ އެވެ. ސެލަންގޯ ދެވަނަ ބުރުން ޖާގަހޯދީ ޖުމުލަ އަށް ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ހޯދައިގެނެވެ.
ނިއުގެ ފުރަތަމަ 11 ކުޅުންތެރިން:
އިމްރާން މުހައްމަދު (ކެޕްޓަން)
ކިންގްސްލީ
މުހައްމަދު ޝިފާން (ކުޑައްޓޭ)
އަހުމަދު އަބްދުﷲ (ލިލީ)
އަލީ ފާސިރު (ސެންޓޭ)
އަލީ އަޝްފާގް (ދަގަނޑޭ)
ރިލްވާން ވަހީދު (ރިލޭ)
އަލީ އުމަރު
ސީލާ މަންސާ
ހުސެން ނިއާޒް (ބޮކުރީ)
އަހުމަދު ނިއާޒް
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު ފޯރިގަދަ މެޗުގައި ނިއުގެ ދެލަނޑުވެސް ކާމިޔާބު ކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވި އިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވުމުން ނަތީޖާ ނެރުމަށް ޓަކައި އިތުރަށް ދިން 15 މިނިޓުގެ ދެހާފުގެ ތެރެއިން ފުރަތަމަ ފަނަރަ މިނިޓު ތެރޭގަ އެވެ.
ނިއުއަށް ސެލަންގޯގެ ގޯލް ހުޅުވާލަދިން ލަނޑު އިތުރަށް ކުޅުނު ހާފުގެ ހަވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ކުލަބުގެ ތަޖުރިބާ ކާރު މިޑްފީލްޑަރު އަހްމަދު ނިޔާޒު އެވެ. ސެލަންގޯގެ ޕެނަލްޓީއޭރިޔާގެ ބޭރުން މުހައްމަދު އުމެއިރު ގޯލް އޭރިޔާ ތެރެއަށް ފޮނުވާލި ރީތި ހުރަސް ބޮލުންޖަހައި ނިޔާ ވަނީ އެހާމެ ރީތިކޮށް ސެލަންގޯގެ ގޯލްތެރެއަށް ފޮނުވާލާފަ އެވެ.
ނިއުގެ ދެވަނަ ލަނޑު އޭގެ ނުވަމިނިޓު ފަހުން ސެލަންގޯގެ ގޯލްއޭރިޔާ ތެރެއަށް ނިޔާ ނަގައިދިން ރީތި ހުރަހެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.
އޭއެފްސީ ކަޕްގައި 2005 ވަނަ އަހަރު އަލަށް ކުޅެ އެ ފަހަރު ސެމީފައިނަލުގައި ކުޅުނު ނިއުއިން ވަނީ ޖެހިގެން އައި ތިން އަހަރު ވެސް ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. އަދި ރާއްޖޭގެ ކުލަބަކަށް އޭއެފްސީ ކަޕުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބު މިހާތަނަށް ހޯދާފައި ވަނީ ވެސް އަދި އަލުން އެކާމިޔާބު އަނބުރާ އިޔާދަ ކުރި ކުލަބަކީވެސް ނިއު އެވެ.