15 May 2013, 15:25
ޕަބްލިކް ބްރޯޑްކާސްޓާ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްބީސީ)ގެ ދިވެހިރާއްޖޭގެ އަޑުގެ އޭއެމް ޗެނަލް ހުއްޓުވާލުމުގެ ބަދަލުގައި އަޑި ޕާކުގައި ހުރި އޭއެމް އެންޓަނާތައް އެހެން ތަނަކަށް ބަދަލުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް ލަފާ އަރުއްވައިފި އެވެ.
ބްރޯޑްކޮމްއިން މިއަދު ބުނީ އަޑުގެ މީޑިއަމް ވޭވް (އޭއެމް) ޗެނަލް ހުއްޓުވުމަކީ ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ މައުލޫމާތު ލިބިގަތުމުގެ ހައްގަށް އުނިކަމެއް ލިބިގެންދާނެ ކަމެއް ކަމުން، އެޗެނަލް ހުއްޓުވުމުގެ ބަދަލުގައި ހެންވޭރު ރާޅުގަނޑު ކުރިމަތީގައިވާ އަޑި ޕާކުގައި ހުރި އަޑުގެ އެންޓަނާތައް އެހެން ތަނަކަށް ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ވަޒީރުންގެ މަޖިލީހުން އަޑުގެ އޭއެމް ޗެނަލް ހުއްޓާލަން ނިންމާފައި ވަނީ، އަޑި ޕާކު ސަަރަހައްދުގައި ހުރި އެންޓަނާތަކުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމަށް ދިރާސާތަކުން ދައްކާތީވެ ކަމަށެ ބުނެ އެވެ.
އެ މައްސަލާގައި ދިވެހި ރާއްޖޭގެ އަޑު ހިންގާ އެމްބީސީ އިން ބުނެފައި ވަނީ އެކުންފުނީގެ އެއްވެސް ޗެނަލެއް ހުއްޓުވުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެގޮތަށް އޭއެމް ޗެނަލް ހުއްޓާލައިފި ނަމަ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް އެމްބީސީ އިން އޭރު ވަނީ ބުނެފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ޗެނަލް ހުއްޓާލުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށާއި ޗެނަލް ހުއްޓުވާލައިފި ނަމަ، އެމްބީސީގެ މައްޗަށް ގާނޫނު ލާޒިމްކުރާ އުސޫލުން ދިވެހި ހުރިހާ ރައްޔިތުންނަށް ހަބަރާއި މައުލޫމާތު ފޯރުވައިދިނުމުގެ މަސައްކަތައް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.