ޏ. ފުވައްމުލަކު ތިން ގެއެއްގެ ރަޖިސްްޓްރީ އަލުން ހައްދައިދިނުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާފައިވާ ކަމުގެ ތުހުމަތުގައި އެ ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ ކުރީގެ ދެ މެމްބަރެއްގެ މައްޗަށް އިތުރު ދައުވާއެއްކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަަލާގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ހުށަހަޅައިފައި ވަނީ ފުވައްމުލަކު ކުރީގެ ކައުންސިލަރެއް ކަމުގައިވާ ޏ. ފުވައްމުލަކު، އިބްރާހިމް ފިކުރީ ހުސެއިން އާއި އެ ރަށު އަތޮޅު ކައުންސިލްގެ ކުރީގެ މެމްބަރެއް ކަމުގައިވާ އެރަށު އެއްގަމިގޭ، ހުސެއިން ސައީދުގެ މައްޗަށެވެ.

އޭސީސީ އިން ބުނީ އިބްރާހިމް ފިކުރީ ހުސެއިންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ހުށަހަޅައިފައި ވަނީ ދިވެހި ރާއްޖޭގެ ބިމާ ބެހޭ ގާނޫނުގެ ދަށުން ދިރުއުޅުމަށް ދޫކުރެވޭ އެއްވެސް ގޯއްޗެއް 4000 އަކަފޫޓަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ބުނެފައިވާ އިރު ފުވައްމުލަކު މަހިލަނބުމާގޭ ގޯޗަށް ބިން އިިތުރުކޮށް ގޯތީގެ ރަޖިސްޓްރީ އިސްލާހު ކުރުމަށް ސޮއިކޮށް ހުށަހަޅައިފައި ވަނީ އޭނާ ކަމަށެވެ. އަދި އެކަމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއްގެ ގޮތުގައި ދަލީލުކުރެވޭ ކަމަށް ވެސް އޭސީސީން ބުންޏެވެެ.

ފުވައްމުލަކު މާހިލަނބުމާގޭ ގޭ ރަޖިސްޓްރީ 1999ގައި ހަދާދީފައިވާ އިރު ހަދާދީފައި ވަނީ ގަވާއިދާ ހިލާފަށް ކުޑަކޮށްފައިވާ ކަމަށް ބުނެ ފުވައްމުލަކު އޮފީހަށް އެ މައްސަލަ ހުށަހަޅާފައި ވަނީ ރަޖިސްޓްރީ ހެދިތާ 10 އަހަރު ފަހުންނެވެ. އަދި ކުރިން ގޯތީގެ ބޮޑު މިނަކީ 6645 އަކަފޫޓެވެ. އަދި އިސްލާހުކުރުމަށް ހެދި ރަޖިސްޓްރީ އެކު ކުރަހާފައިވާ ޗާޓުގައިވާ ގޮތުން އެގޯތީގެ ބޮޑު މިނަކީ 12862 އަކަފޫޓު ކަމުގައި އޭސީސީން ބުންޏެވެ.

މީގެއިތުރުން އެ ރަށު އެއްގަމިގޭ، ހުސެއިން ސައީދުގެ މައްޗަށް ދައުވާކުރުމަށް އެދި ހުށަހަޅާފައި ވަނީ 1996ގައި ހަދާފައިވާ އެ ރަށު މާލެގަމު ގޯތީގެ ބޮޑުމިނަކީ 3267 އަކަފޫޓު ކަމަށް ބަޔާންކޮށްފައި ވަނިކޮށް 2010ގައި އެގޯތީގެ ޑިޒައިންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ގޯތީގެ ބޮޑުމިނަކީ 7565 އަކަފޫޓު ކަމުގައި ބަޔާންކޮށް ތައްޔާރުކޮށްފައިވާ ރަޖިސްޓްރީގައި ހުއްދަދީފައިވާ ފަރާތަކީ އޭނާ ކަމުގައިވާތީ ކަމަށެވެ.

އެ މައްސަލާގައި ވެސް ފުވައްމުލަކު ކުރީގެ ކައުންސިލަރެއް ކަމުގައިވާ ޏ. ފުވައްމުލަކު، އިބްރާހިމް ފިކުރީ ހުސެއިންގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ އެގޯތީގެ ރަޖިސްޓްރީ ތައްޔާރުކޮށް އަތޮޅު އޮފީހަށް ނިންމުމަށް ފޮނުވި މައްސަލައިގަ އެވެ.

ފުވައްމުލަކު ދިގުވާޑު ވާދީ، ގޯއްްޗަށް 2000 އަކަފޫޓު އިތުރުކޮށްދީފައިވާ މައްސަލަ ވެސް އޭސީސީން ވަނީ ހުށަހަަޅައިފަ އެވެ. އެއީ 1979 ގައި ރަޖިސްޓްރީކޮށްފައިވާ 5000 އަކަފޫޓުގެ ގޯއްޗެއްގެ ރަޖިސްޓްރީ ގެއްލިގެން ކަމަށް ބުނެ އަލުން ތައްޔާރުކޮށް ފުވައްމުލަކު ރަށު ކައުންސިލުން އަތޮޅު ކައުންސިލަށް ނިންމުމަށް ފޮނުވި ރަޖިސްޓްރީގައި އެގޭގެ ބޮޑުމިނަކީ 6694 ކަމުގައި ބުނެފައިވާ މައްސަލައެކެވެ.

މިމައްސަލާގައި ގޯތީގެ ވެރިފަރާތުން ރަޖިސްްޓްރީ ހަދައިދިނުމަށް އެދިފައި ވަނީ އެގޯއްޗާއި ޖެހިގެން އޮންނަ ބިން އެ ގޯއްޗަށް އިތުރު ކުރުމަށް ކަން އެ ކޮމިޝަނަށް އެނގިފައިވާ އިރު ފުވައްމުލަކު ކައުންސިލުން އަތޮޅު ކައުންސިލަށް ފޮނުވި ސިޓީއާއި އެގޯތީގެ ރަޖިސްޓްރީގައި ރަޖިސްޓްރީ ހަދާދީފައި ވަނީ ރަޖިސްޓްރީ ގެއްލިފައިވާ ކަމަށް ގޯތީގެ ވެރިފަރާތުން ބުނެގެން ކަމަށް ބުނެފައިވާ ކަމަށެވެ. މި މައްސަލާގައި ވެސް އަތޮޅު ކައުންސިލަރު ހުސެއިން ސައީދާއި ފުވައްމުލަކު ރަށު ކައުންސިލަރު އިބްރާހިމް ފިކުރީ ހުސެއިންގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ.

އޭސީސީން ވަނީ ފުވައްމުލަކުން ދޫކޮށްފައިވާ އެ ތިން ގޯތީގެ ބޮޑު މިން ކުރިން ވެސް އޮތް ވަރަށް ބަދަލުކޮށް، ގޯތީގެ ރަޖިސްޓްރީތައް އަލުން އިސްލާހު ކުރުމަށް އަތޮޅު ކައުންސިލްގެ އިދާރާއަށް އަންގައިފަ އެވެ.

އެ ދެ މެމްބަރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ އެ މީހުންގެ މައްޗަށް އިތުރު ދައުވާކޮށްދިނުމަށް ވެސް އެދި އޭސީސީ އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ކުރިން ވަނީ ފޮނުވައިފަ އެވެ.