ޕޮކެޓްމަނީ ނުދޭތީ ހިތްހަމަ ނުޖެހިގެން މޯލްޑިވްސް ކޮލެޖް އޮފް ހައާ އެޑިއުކޭޝަންގެ ދަރިވަރުންތަކެއް ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް އެއްވެ ޝަކުވާ ހުށަހަޅައިފި އެވެ.


ރައީސް އޮފީސް ކައިރިއަށް މިއަދު 10:30ގައި ޝަކުވާ ހުށަހަޅަން އެއްވީ ކޮލެޖްގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ 50 ދަރިވަރުންނެވެ. އެމީހުން ބުނީ ރައީސް އޮފީސް ކައިރިއަށް ދިޔައީ ޕޮކެޓް  ލިބެމުން ނުދާތީ ހތް ހަމަ ނުޖެހިން މީގެ ކުރިން ޕެޓިޝަނެއް ހުށަހަޅައިގެން ވެސް އެކަން ހައްލު ނުވެ އޮތުމުން ކަމަށެވެ. އަދި މިއަދު ދިޔައީ ކޮންމެ ދަރިވަރަކު ވަކީން ރައީސުލް ޖުމްހޫރިއްޔާއަށް ސިޓީއަކުން އެ ވާހަކަ ދެންނެވުމަށް ކަމަށެވެ.


"މިއީ ހަޅުތާލެއް ނޫން. މިއީ އަޅުގަނޑުމެންގެ ޝުއޫރު ވަކި ވަކިން ކޮންމެ ކުއްޖަކު ސިޓީއެއްގައި ލިޔެގެން ރައީސަށް އަރުވަން އައި އައުމެއް،" ރައީސް އޮފީސް ކައިރިއަށް ދިޔަ ދަރިވަރުންގެ ތެރެއިން މިޑިޔާއަށް މައުލޫމާތު ދިން އަބްދުﷲ ރާޒީ ބުންޏެވެ.


އޭނާ ބުނީ  ޕޮކެޓް މަނީ މިއަހަރު ފެށުނީއްސުރެ ނުދޭއިރު ބައެއް ކުދިންނަށް ދީފައިވާ ކަމަށާއި ޕޮކެޓްމަނީ އެއް އުސޫލަކުން ނުދޭ އިރު ތަފާތުކުރުން ވަރަށް ބޮޑު ކަމަށެވެ.


‹މިއީ ހަޅުތާލެއް ނޫން. މިއީ އަޅުގަނޑުމެންގެ ޝުއޫރު ވަކި ވަކިން ކޮންމެ ކުއްޖަކު ސިޓީއެއްގައި ލިޔެގެން ރައީސަށް އަރުވަން އައި އައުމެއް›


ދަރިވަރުން މިއަދު ރައީސަށް ލިޔުނު ސިޓީގައި ބުނަނީ މަތީ ތައުލީމް ހާސިލު ކުރަމުންދާ ދަރިވަރުންނަށް ޕޮކެޓްމަނީ ދޭއިރު އަނެއްބައި ދަރިވަރުންނަށް ޕޮކެޓް މަނީ ނުދޭ ގޮތަށް 2009 ގެ ޖުލައި މަހު ހަމަޖެއްސި ހަމަޖެއްސުމަކީ އިންސާފުވެރި އުސޫލެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި އެހެން އޮތް ކަމުގައި ވިޔަސް ސަރުކާރުން ބޭނުންވާ ދަރިވަރުންނަށް ޕޮކެޓްމަނީ ދެމުން އަންނަ ކަމަށެވެ.


"މިއަހަރު ފެށުނީއްސުރެ އަޅުގަނޑަކަށް ޕޮކެޓް މަނީއެއް ނުދޭ. އެކަމަކު ހަމަ އަޅުގަނޑުމެންގެ ތެރެއިން ބައެއް ކުދިންނަށް ޕޮކެޓް މަނީ އެބަލީބޭ. އެހެންވީމާ އެކަން ހާމަ ކުރަން މިއަދު އައީ." ޓީޗިން ކިޔަވާ ދަރިވަރަކު ބުންޏެވެ.


ކޮލެޖްގެ ބައެއް ދަރިވަރުންގެ ޕޮކެޓް މަނީއަށް 2000ރ. ދެ އެވެ. އަދި ބައެއް ދަރިވަރުންނަށް 1130ރ. ދެ އެވެ.