އުރަމަތީގެ ކެންސަރުން ރައްކާތެރި ވުމާއި އެކަމަށް ސަމާލުވުމަށް ހޮލީވުޑްގެ މަޝްހޫރު އޮސްކާ ވިނާ ފިލްމީ ތަރި އެންޖެލީނާ ޖޮލީ ގޮވައިލައިފި އެވެ.

ނިވްޔޯކް ޓައިމްސްގައި "މައި މެޑިކަލް ޗޮއިސް"ގެ ނަމުގައި ލިޔެފައިވާ ލިޔުމެއްގައި އުމުރުން 37 އަހަރުގެ މަޝްހޫރު ތަރި ބުނެފައި ވަނީ އޭނާ "މާސްޓެކްޓޮމީ" އޮޕަރޭޝަންކޮށްފައި ވަނީ ލެބޯޓަރީ ތަހުލީލުތަކަށް ފަހު އޭނާގެ ހަށިގަނޑުގައި "ބީއާރުސީއޭ1 ޖީން" ބްރެސްޓް ކެންސަރަށް ބަދަލުވެދާނޭ ކަމަށް 87 އިންސަތަ އަށް ހުރުމާ ގުޅިގެން އެކަމުން ރައްކާތެރި ވުމުގެ ގޮތުން ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ.

"އަހަރެންގެ ޑޮކްޓަރުން ލަފާކުރާ ގޮތުގައި އަހަންނަށް ބްރެސްޓް ކެންސަރު ޖެހުގެމެ ފުރުސަތު 87 އިންސައްތައަށް ބޮޑު. އަދި އޯވޭރިއަށް ކެންސަރު ޖެހުމުގެ 50 އިންސަތަ ބިރު އެބަ އޮތް. އެކި މީސް މީހުނަށް ކެންސަރު ޖެހުމުގެ މިންވަރު ތަފާތު،" ޖޮލީ ލިޔެފައިވެ އެވެ. "އަހަރެންނަށް ހަގީގަތް އެނގުމުން އެކަމުން ރައްކާތެރިވުމުގެ ގޮތުން އެޅެން އޮތް ފިޔަވަޅެއް އެޅީ. އެގޮތުން ޑަބަލް މާސްޓެކްޓޮމީ ހަދަން އަހަރެން ނިންމީ،"

އުރަމަތީގެ ކެންސަރު ޖެހިގެން އުމުރުން 56 އަހަރުގައި ޖޮލީގެ މަންމަ އަދި މަޝްހޫރު އެކްޓްރެސްއެއްގެ އިތުރުން ޕްރޮޑިއުސަރެއް ކަމަށްވާ މާޝެލީން ބާޓްރެންޑް ވަނީ 2007 އަހަރު މަރުވެފަ އެވެ.

ޖޮލީ ބުނެފައި ވަނީ އޭނާގެ އެވާހަކަތައް އާންމުނާ ހިއްސާކުރަން ނިންމީ، އުރަމަތީގެ ކެންސަރާ ބެހޭގޮތުން އަންހެނުން ހޭލުންތެރި ކުރުވުމަށާއި އަދި އެކަމުން ރައްކާތެރިވުމަށް ކުރަންޖެހޭ އެފަދަ ކަންތައް ކުރަން ފަސްނުޖެހުމަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ.

"އަހަރެން އެހެން އަންހެނުންނަށް ބުނެލަން އޮތީ ޑަބަލް މާސްޓެކްޓޮމީ ހެދުމަށް ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫނޭ. އެކަމަކު އެއީ އަހަރެން ނިންމި ވަރަށް އުފާވެރި ނިންމުމެއް،" ޖޮލީ ލިޔެފައިވެ އެވެ. "އަހަރެންނަށް ބްރެސްޓް ކެންސަރު ޖެހުމަށް އޮތް ފުރުސަތު، މި އޮޕަރޭޝަނަށް ފަހު ވަނީ ފަސް ޕަސެންޓަށް ވުރެ ދަށަށް ގޮސްފައި،"

ލާރާ ކްރޮފްޓްގެ ނަމުން މަޝްހޫރުވެފައިވާ ޖޮލީ ވަނީ "ގާލް އިންޓަރަޕްޑެޓް"ގައި އޭނާ ކުޅެފައިވާ ރޯލަށް "ބެސްޓް ސަޕޯޓިން އެކްޓްރެސް" އެކަޑަމީ އެވޯޑާއި، ގޯލްޑަން ގްލޯބް އެވޯޑާއި، އަދި އެއްއޭޖީ އެވޯޑް ހާސިލުކޮށްފަ އެވެ.

އެންޖެލީނާ ޖޮލީ އެ ލިޔުމުގައި އިތުރަށް ލިޔެފައިވަނީ، "އަހަރެން އުންމީދު ކުރަން މި އާޓީކަލް ލިޔާ ކޮންމެ އަންހެނަކަށް ވެސް މިފަދަ ހާލަތެއްގައި ގޮތެއް ނިންމުމަށް މި އާޓިކަލް އެހީތެރިވެދޭނޭ ކަމަށް. އަދި އަހަރެން ގޮވާލަން ބޭނުން ހާއްސަކޮށް އާއިލާގައި ބްރެސްޓް ކެންސަރު ނުވަތަ އޯވޭރިއަން ކެންސަރާ ގުޅުންހުރި ހާލަތެއް މެދުވެރިވެފައިވާ އަންހެނުން ސިއްހީ ތަޖްރިބާ ކާރުންގެ ލަފަޔާއި އިރުޝާދު ހޯދަން،"

ޖޮލީގެ ފިރިމީހާ ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ބްރެޑްޕީޓް ވަނީ ޖޮލީގެ އެ ނިންމުމަކީ "އިމޯޝަނަލް" އެހެން ނަމަވެސް މުހިއްމު ނިންމުމެއް ކަމަށް ބުނެފަ އެވެ.