ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ގައުމީ އެއާލަައިން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަނުން ފަސް ޖަމާއަތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ނަސަންދުރާ ޕެލަސް ހޮޓަލުގައި މިއަދު ބޭއްވި ހަފްލާއެއްގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަބްދުލް ހާރިޝް އެވެ. އަދި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ އަށް ޖަމާއަތުގެ ތެރެއިން އައިލެންޑް އޭވިއޭޝަންއާއެކު ސޮއިކުރި ފަސް ޖަމާއަތްތަކަކީ ޒައީ ގުރޫޕު ޕުރައިވެޓް ލިމިޓެޑް އާއި މީނާ ހައްޖު އުމުރާ ޕުރައިވެޓް ލިމިޓެޑްގެ އިތުރުން އަލްބަޓްރޮސް އިންޓަނޭޝަނަލް ޕުރައިވެޓް ލިމިޓެޑް އާއި އެކްރޯ ޕުރައިވެޓް ލިމިޓެޑް އާއި ޔޫ އެސް އިންވެސްޓްމެންޓްސް ޕުރައިވެޓް ލިމިޓެޑް އެވެ.

ސޮއިކުރި ހަފްލާއަށްފަހު ސަން އޮންލައިނަށް އިން އެއެއްބަސްވުމާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަބްދުލް ހާރިޝް ވިދާޅުވީ މިއަހަރު އެ ފަސް ޖަމާއަތުގެ މީހުން ހައްޖަށް ގެންދިއުމަށްޓަކައި މޯލްޑިވިއަންގެ ފުލައިޓެއް ސައުދީ އަރަބިއްޔާއަށް ހަތަރު ދަތުރެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އުމުރާއަށް މީހުން ގެންދިއުމަށް އެއް ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ދަތުރުތަކުގެ އަގުތަކާއި ގުޅިގެން ސުވާލުކުރުމުން ހާރިޝް ވިދާޅުވީ އަގުތައް އާންމު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އުމުރާއަށް މީހުން ގެންދިއުމުގެ ފުލައިޓް ޖުލައި މަހު ހަ ވަނަ ދުވަހު އެކޮޅަށް ދިއުމަށް ނިންމާފައިވާއިރު، އަދި ހައްޖު ފުލައިޓްގެ ފުރަތަމަ ފުލައިޓް ސެޕްޓެމްބަރު މަހުގެ ތެރޭގައި ދާނެ،" ހާރިޝް ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ސަން އޮންލައިނަށް ވިދާޅުވީ މޯލްޑިވިއަންގެ ފުލައިޓަކުން ހައްޖަށް ދިއުމަށް އެއްބަސްވި ޖަމާއަތްތަކުން ހައްޖަށްދާ ފަރާތަކުން ހައްޖަށް ދިއުމަށްޓަކައި މާލެ އައުމަށާއި ހައްޖުގެ އަޅުކަން ނިންމުމަށްފަހު ރަށަށް ދިއުމަށް އެ ޖަމާއަތްތަކުގެ ކާޑް ދެއްކުމުން މޯލްޑިވިއަންގެ ޓިކެޓުން އެފަރާތްތަކަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށެވެ.

އައިލެންޑް އޭވިއޭޝަންއާއެކު ސޮއިކުރި ޖަމާއަތްތަކުން ބުނީ ގައުމީ އެއާލައިންއިން ސީދާ ސައުދީއަށް ދެވޭނެގޮތް މަގުފަހުވުމުން އެކަމާއި އުފާކުރާ ކަމަށާއި އަދި އެއީ ހައްޖަށްދާ މީހުނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި މޯލްޑިވިއަންގެ މެދުވެރިކޮށް 650 މީހުން ރާއްޖެއިން ހައްޖަށް ދާނެ ކަމަށް އެޖަމާއަތްތަކުން ބުންޏެވެ.

މޯލްޑިވިއަންއިން މީހުން ހައްޖަށް ގެންދިއުމުގައި ބޭނުންކުރާނީ މޯލްޑިވިއަންއިން އަލަށް ގެނައި ބޮޑު ބޯޓް އޭ320 އެވެ. އެ ބޯޓަކީ 152 ސީޓުގެ ބޯޓެކެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ބިޒްނަސް ސީޓާއި 138 އިކޮނޮމީ ސީޓެވެ.