15 May 2013, 13:57
އިސްލާމިކް މަރުކަޒުގެ ނަމާދު ކުރާ މާލަމުގެ ކާޕެޓް ބަދަލުކުރުމަށް 1.2 މިލިއަން ރުފިޔާއަށް ދިވެހި ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ދީދީ މިއަދު ސަން އަށް ވިދާޅުވީ އަށް ވަރަކަށް އަހަރު ފަހުން އިސްލާމިކް މަރުކަޒުގެ ކާޕެޓްތައް ބަދަލުކުރުމަށް ސުޕެކްޓުރާ ކޮންސެޕްޓް ޕުރައިވެޓް ލިމިޓެޑް ކިޔާ މިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކާޕެޓް ބަދަލު ކުރުމުގެ މަސައްކަތް މިދިޔަ މަހުގެ 21 ވަނަ ދުވަހު ހަވާލުކޮށްފައިވާ ސުޕެކްޓުރާ ކޮންސެޕްޓްގެ މެނޭޖިން ޑައިރެކްޓާ މުހައްމަދު އަޝްފާގް ސަންއަށް އޮންލައިނަށް މިއަދު ވިދާޅުވީ 1.2 މިލިއަން ރުފިޔާއަށް އެކުންފުއްޏާއި އެ މަސައްކަތް ހަވާލުކޮށްފައިވާއިރު މިހާރު ކާބެޓް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މި އަނަންނަނީ ކާޕެޓް ބަދަލުކުރުމުގެ ތައްޔާރީތައް ވަމުން، އަޅުގަނޑުމެން އެންމެ ބޮޑު އިސް ކަމެއްދޭނީ ކާޕެޓް ބަދަލުކުރާއިރު ސަފްތައް ދިމާވާގޮތަށް ކާޕެޓްތައް އެޅުމަށް" އަޝްފާގް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން އިސްލާމިކް މަރުކަޒުގައި އަޅާފައިހުރި ކާޕެޓްތަކުގެ ބަދަލުގައި އެއަށްވުރެ މާކޮލެޓީ ކާޕެޓްތަކެއް އަޅާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ފެށޭ ވަރުވާނެ ކަމަށް އަޝްފާގު ވިދާޅުވި އެވެ.