އޭއެފްސީ ކަޕުގެ ދެވަނަ ބުރުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް މެލޭޝިޔާގެ ސެލަންގޯ އަމިއްލަ ދަނޑުގައި މިއަދު ހަވީރު ކުޅޭ މެޗުން މޮޅުވާނެ ކަމުގެ ޔަގީންކަން އެބޮތް ކަމަށް ނިއުގެ ކުރީގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މެޗުގެ ކުރިން ސަން އޮންލައިނާ ވާހަކަ ދައްކަމުން މޯހަން ބުނީ، ނިއުރޭޑިއަންޓަކީ އަބަދުވެސް އޭނާ އިހްތިރާމް ކުރާ ޓީމެއް ކަމަށާއި އެގޮތުން އޭއެފްސީ ކަޕުގެ ދެވަނަ ބުރުގައި މިއަދު ހަވީރު ނިއު ނިކުންނާނީ މޮޅުވާނެ ކަމުގެ ޔަގީން ކަމާއެކު ކަމަށެވެ. އަދި މި ވަގުތި ނިއުގައި ތިބި ކުޅުންތެރިންނަނީ ރާއްޖޭގައި މި ވަގުތު ތިބި އެންމެ މޮޅެތި ކުޅުންތެރިން ކަމަށް ވެސް މޯހަން ބުންޏެވެ.

"އަޅުގަނޑުގެ އުއްމީދަކީ މެޗުން މޮޅުވުން. މެޗް ކާމިޔާބު ކުރުމަށް ހުރިހާ ކުޅުންތެރިން ވެސް ގަދައަޅާ މަސައްކަތް ކުރުމަށް އެދެން. ރެފްރީގެ އެންމެ ފަހު ކަށިގަނޑާހަމައަށް ވެސް ރަނގަޅަށް ހުރިހާ ކުޅުންތެރިން މަސައްކަތްކޮށްފި ނަމަ މެޗް ކާމިޔާބު ވާނެ ކަމުގެ ޔަގީން ކަން އެބޮތް،" ހުސްވި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ ދެ މުބާރާތް ކަމަށްވާ ދިވެހި ލީގާއި ގައުމީ މުބާރާތް ނިއުއަށް ކާމިޔާބު ކޮށްދިން މޯހަން ބުންޏެވެ.

ނިއުގެ ކޯޗް ކަމުން މޯހަން އިސްތިއުފާދިނީ ހުސްވި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ފަހު އެވެ.

ސެލަންގޯއާ ދެކޮޅަށް ނިއު ކުޅޭ މެޗް ފެށުމަށް ހަމަޖެހިފައި މިއަދު ހަވީރު 4:00 ގައި ގަލޮޅު ރަސްމީ ދަނޑުގައެވެ. އަދި މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރާނެ އެވެ.

މުބާރާތުގެ ދެވަނަ ބުރަށް ސެލަންގޯ ދަތުރު ކުރީ އޭއެފްސީ ކަޕްގެ ގްރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ނިއު ދެވަނަ ބުރަށް ދަތުރު ކުރީ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

މެލޭޝިޔާ ލީގުގެ ހަތަރުވަނައިގައި އޮތް ސެލަންގޯ ދެކޮޅަށް އަމިއްލަ ދަނޑުގައި ނިއުރޭޑިއަންޓު ނުކުންނަ އިރު، އޭއެފްސީ ކަޕްގެ ދެ ވަނަ ބުރުން ނިއު އެންމެ ފަހުން ޖާގައެއް ހޯދާފައި ވަނީ މީގެ އަށް އަހަރު ކުރިންނެވެ. އަދި މިފަހަރު ނިއު ދެވަނަ ބުރުން ޖާގަ ހޯދީ 15 ޕޮއިންޓާ އެކު މުބާރާތުން އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުގެ ގޮތުގައި ކަން ފާހަގަ ކޮށްލެވެ އެވެ.

ސެލަންގޯ ޓީމު ވެސް ވަނީ މީގެ ކުރިން 2006 ވަނަ އަހަރު އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލް ކުޅެފަ އެވެ.