ޓޫރިޒަމް އިންޑަސްޓްރީއަށް އާ ބްރޭންޑް ނަމަކާއެކު ޅ. ކަނިފުށި ރިސޯޓް ހުޅުވަން ނިންމައިފި އެވެ.

އެ ރިސޯޓް ތަރައްގީކުރާ ކަނިފުށި އިންވެސްޓްމަންޓްގެ އެއް ހިއްސާދާރު މުހައްމަދު ނަޝީދު (ކާނަލް) މިއަދު ވިދާޅުވީ 300 އެނދުގެ ރިސޯޓް ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުވޭވަރުވާނެ ކަމަށެވެ.

"ރިސޯޓްގެ 90 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި. އަޅުގަނޑުމެން މި މަސައްކަތްކުރަނީ ޔޫރަޕްގެ ފިނި މޫސުމާ ދިމާކޮށް ޓޫރިސްޓުން ގެންނަން ފަށަން،" ކާނަލް ވިދާޅުވި އެވެ.

"އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސް"ގެ ނަމުގައި ހުޅުވާ ފަސްތަރީގެ ފެންވަރުގެ ރިސޯޓް ހިންގާނީ ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ތަރައްގީކޮށް ހިންގާ އިއޮން ރިސޯޓްސް އިންނެވެ. އެ ކުންފުނިން ތަރައްގީކުރި ރިސޯޓްތަކުގެ ތެރޭގައި އައިލެންޑް ހައިޑަވޭ، ކޮންސްޓެންސް ހަލަވެލި، ޖުމައިރާ ދެވަނަފުށި، ޖުމައިރާ ވިޓަވެލި، އަދި ވައިސްރޯއީ ހިމެނެ އެވެ.

އިއޮން ރިސޯޓްސްގެ ސީއީއޯ ސަލީލް ޕަނިގްރާއީ ވިދާޅުވެފައި ވަނީ އެ ރިސޯޓްގެ މައިގަނޑު މާކެޓަކީ އިނގިރޭސިވިލާތް ކަމަށެވެ.

"އަޅުގަނޑުމެން މިވަނީ އިންޑިއާ ކަނޑުގެ ރިސޯޓްތަކުން ލިބޭނެ އެންމެ ހިތްގައިމު ކަންތައްތައް ހިމަނާފައި. މި ރިސޯޓަށް އައުމުން އެ ހުރިހާ ކަމެއް ފެނިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ކަނިފުށީގެ އިތުރުން ތ. މާލެފުށި ވެސް މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހުޅުވުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ކުލި ހުޅުވާލައިގެން 2006 ވަނަ އަހަރު ދޫކުރި ފަސް ރަށުގެ ތެރޭގައި ހިމެނޭ ޅ. ކަނިފުށީގެ ބީލަން ކާމިޔާބުކުރީ ހ. ފޮއްދޫގެ މުހައްމަދު ނަޝީދު (ކާނަލް) އެވެ.