ގުރުއާނުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ބައެއް ހައްދުތަކުގެ އަދަބު ގާނޫނުލް އުގޫބާތުގެ ބިލުގައި ހިމެނިފައިނުވާނެ ކަމަށް އެ ބިލް ދިރާސާ ކުރަމުންދާ ކޮމެޓީގެ މުގައްރިރު އަހުމަދު ހަމްޒާ އެއްބަސްވެވަޑައިގެންފި އެވެ. ގާނޫނުލް އުގޫބާތުގެ ބިލަކީ "އިސްލާމްދީން ފުނޑުފުނޑުކޮށްލުމަށް ބިނާކޮށްފައިވާ" ބިލެއް ކަމަށް ހުވާ ކުރައްވައި ދެއްވި ދަރުހަކާ ގުޅިގެން ޝެއިހް އިލްޔާސް ހުސައިން ކޮމެޓީ އަށް ހާޒިރު ކުރުމުން އޭނާ ވަނީ ދަރުހުގައި ދެއްކެވި ވާހަކަތައް މިއަދު ކޮމެޓީގައި ތަކުރާރު ކުރައްވައިފަ އެވެ. ގުރުއާނުގައިވާ ގޮތަށް ޒިނޭގެ އަދަބާއި ވައްކަމުގެ އަދަބު ބިލުގައި ހިމެނިފައި ނުވާ ކަމަށް ތަކުރާރުކޮށް އިލްޔާސް ވިދާޅުވުމުން، ކޮމެޓީގެ މުގައްރިރު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން ވިދާޅުވީ ހައްދުތަކުގެ އަދަބު ގާނޫނުލް އުގޫބާތުގައި ހިމެނިފައިވާނެ ކަމަށެވެ. ކޮމެޓީގެ މުގައްރިރު ވިދާޅުވީ ގުރުއާނުގައިވާ ހުރިހާ ހައްދެއް ވެސް ބިލުގައި ހިމަނާފައިވާނެ ކަމަށާއި ނަމަވެސް ހައްދުތަކުގެ ބައެއް އަދަބުތައް ބިލުގައި ހިމެނިފައިނުވާނެ ކަމަށެވެ. "ޝުބުހު އުފެދޭ ވަރަށް އެއްވެސް ކުށެއް ސާބިތުނުވާ ނަމަ، އޭގައި ހައްދު ގާއިމް ކުރުމަކީ އެއީ އޮންނަ ކަމެއް ނޫން ކަން ރަސޫލާގެ ސާފު ހަދީސުން އެނގިވަޑައިގަންނަވާނެ. އާދެ، އެހެންވީމަ އެގޮތުން އިސްލާމް ދީނުގައި ހައްދު ކުށްތައް އަޅުގަނޑުމެން ބަޔާންކޮށްފައިވާނެ. އެހެން ނަމަވެސް އޭގެ ތެރެއިން ބައެއް ކުށަށް ގުރުއާނުގައި ކަނޑައެޅިފައިވާ އަދަބު ބަޔާން ކުރެވިފައި ނުވާނެ،" ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވި އެވެ. ~ ހަމްޒާ ވިދާޅުވި ގޮތުގައި ކީރިތި ގުރުއާނުގައި ބަޔާންކޮށްފައިވާ ހައްދުތައް ގާއިމް ކުރުމުގެ ގާބިލުކަމެއް ރާއްޖޭގެ ޝުރުއީ ނިޒާމުގައި ނެތް ކަމަށެވެ. "ސުވާލު އެންމެން ވެސް އުފައްދާ ކަމަކީ ދިވެހިރާއްޖޭހެ ޝަރުއީ ނިޒާމުގައި ގާބިލްކަން އެބަހުރިތޯ. އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންގެ ޝަރުއީ ނިޒާމް މިއޮތީ، އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އަޅުގަނޑުމެންގެ ޝަރުއީ ނިޒާމުގައި ހައްދު ގާއިމް ކުރެވޭ ފެންވަރަކަށް ޝަރުއީ ނިޒާމެއް ނުވޭ،" ހަމްޒާ ވިދާޅުވީ ގުރުއާނުގައިވާ ހައްދުތަކުގެ ބައެއް އަދަބުތައް ބިލުގައި ހިމެނިފައި ނުވުމުން، އެ އަދަބު ކަނޑައަޅައި ހުކުމް ކުރުމުގެ އިހްތިޔާރު ކޯޓުތަކަށް ދީފައިވާ ކަމަށެވެ. ކޮމެޓީގެ މެންބަރުން ވިދާޅުވާ ގޮތުންނަމަ އެ މާއްދާއަކީ އިސްލާމް ދީނުގެ ހުރިހާ ހައްދުތަކުގެ އަދަބުތައް ދިނުމަށް ކޯޓުތަކަށް ބާރުލިބިދޭ މާއްދާއެކެވެ. އެ މާއްދާއަކީ ގާނޫނުލް އުގޫބާތުގެ އެންމެ ފަހު މާއްދާ އެވެ. އެ މާއްދާގައި ބުނަނީ ގުރުއާނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ގުރުއާނުގައި ކަނޑައެޅިފައިވާ ހައްދު އެ މީހެއްގެ މައްޗަށް ގާއިމް ކުރަންވާނެ ކަމަށެވެ. އެ މާއްދާއަކީ ގާނޫނުލް އުގޫބާތުގެ ބިލް ހިޔާލަށް ހުޅުވާލުމަށް ފަހު، ދީނީ އިލްމުވެރިންނާއި އިސްލާމިކް މިނިސްޓްރީން އެ ބިލާމެދު ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށް އިތުރު ކުރި މާއްދާއެކެވެ. ކޮމެޓީގައި އިލްޔާސް ވިދާޅުވީ ގާނޫނުލް އުގޫބާތަކީ އިސްލާމް ދީން ފުނޑުފުނޑުކޮށްލުމަށް ހަދާފައިވާ ގާނުނެއް ކަމަށް ހަތް ފަހަރު ވެސް ހުވާ ކުރައްވާފާނެ ކަމަށެވެ.