މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އަދި ދިރާގުގެ ހަތަރުވަނަ ކުއާޓަރުގައި 201 މިލިއަން ރުފިޔާ ފައިދާ ވެފައިވާ ކަމަށް އެ ކުންފުނިން މިއަދު އާންމުކުރި އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ދިވެހި ސަރުކާރާއި ބަހުރެއިންގެ ބަޓެލްކޯގެ އިތުރުން އާއްމުން ހިއްސާވާ ދިރާގުން ވަނީ ހަތަރު ވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި 533 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ ތިން މަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 510 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނީގެ ހަތަރުވަނަ ކުއާޓަރުގައި 201 މިލިއަން ރުފިޔާ ފައިދާވިއިރު އޭގެ ކުރީ ތިން މަހު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައި ވަނީ 154 މިލިއަން ރުފިޔާ އެވެ. އެހެން ކަމުން އެ ކުންފުންޏަށް ވަނީ ތިން ވަނަ ކުއާޓަރަށް ވުރެ ހަތަރު ވަނަ ކުއާޓަރުގައި 46،053ރ. ފައިދާގެ ގޮތުގައި އިތުރަށް ލިބިފަ އެވެ.

އެ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން ހަތަރު ވަނަ ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައި ވަނީ ފައިދާގެ ގޮތުގައި 2.65ރ. އެވެ. އޭގެ ކުރީ ތިން މަހު ޖެހުނީ 2.05ރ. އެވެ.

ދިރާގުގެ ހިއްސާ އާންމުކޮށް ވިއްކާލަން 2011 ވަނަ އަހަރު ހުޅުވާލި ފުރުސަތުގައި ދޫކޮށްލި 11 މިލިއަން ހިއްސާގެ ތެރެއިން 41 ޕަސެންޓް ހިއްސާ ވިކިފައިވެ އެވެ.

ދިރާގު އިން ހަތަރު ވަނަ ކުއާޓާގެ ރިޕޯޓް މިއަދު އާންމުކޮށްފައިވާއިރު އިއްޔެ ސީއެމްޑީއޭއިން ވަނީ އެރިޕޯޓް އާންމުކޮށްފައިނުވާތީ 30،000ރ. އިން ދިރާގު ޖޫރިމަނާ ވެސް ކޮށްފަ އެވެ.