15 May 2013, 12:12
މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއިލް އަބްދުއްލަތީފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޚިޔާނަތްތެރިވުމުގެ ކުށުގެ ދައުވާ އަށް ޖަވާބު ދާރީވުމަށް ކްރިމިނަލް ކޯޓުން އޭނާ އަށް މިއަދު ފުރުސަތު ދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އިސްމާއިލް އަބްްދުއްލަތީފު ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި ބޭނުން ވަނީ އެކަން ކޮށްދޭން ކަމަށެވެ. އަދި އެކަން ކުރެވޭނީ ފުރުސަތު ލިބިގެން ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑު އެކަން ކޮށްދޭން ބޭނުންވަނީ، ފުރުސަތެއް ލިބިގެން އެކަން ކޮށްދެވޭނީ،" އިސްމާއިއް އަބްދުއްލަތީފު ބުންޏެވެ.
އިސްމާއިލް އަބްދުއްލަތީފު އެގޮަތަށް ބުނުމުން އެއީ ކޮން ކަމެއްތޯ ގާޒީ ސުވާލުކުރެއްވި އެވެ. އަދި ގާޒީގެ އެސުވާލަށް ޖަވާބު ދެއްވަމުން އިސްމާއިލް އަބްދުއްލަތީފުގެ ވަކީލު ވިދާޅުވީ އެމައްސަލާގައި ހިމެނޭ ލިޔުންތައް ލިބުނީ މިއަދު ކަމަށާއި ދައުވާ އަށް ޖަވާބު ދާރީ ވެވޭނީ އެކަމާ ބެހޭ ލިޔުންތައް ބަލާ ދިރާސާ ކުރުމަށްފަހު ކަމަށެވެ. އަދި އެކަމަށް 20 ދުވަަހުގެ ފުރުސަތެއް ބޭނުންވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ނަމަވެސް ގާޒީ ވިދާޅުވީ 20 ދުވަހުގެ ފުރުސަތެއް ނުދެވޭނެ ކަމަށާއި އަންނަ ބުރާސްފަތި ދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
ގާޒީ ވިދާޅުވީ އެދުވަހު ދައުލަތުންނާއި އިސްމާއިލް އަބްދުއްލަތީފުގެ ފަރާތުން ހެކިން ހުށަހަޅަން ބޭނުންވާ ނަމަ އެމީހުންނާ ބެހޭ ފުރިހަމަ މައުލޫމާތު އެނގޭނެ ގޮތަށް ޝަރީއަތަށް ހުށަހެޅަން ޖެހޭނެ ކަމަށެވެ.
ހައްޖަށް ދިޔުމަށް މަލީޝާ އަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރޭގައި ގއ. ކޮލަމާފުށީ ކައުންސިލް މެމްބަރު އަދުނާން ހަސަން ވެސް ހިމެނިވަޑައިގެންނަވަ އެވެ. އަދި ހައްޖަށް ދިއުމަށް އެޖަމާއަތަށް އެންމެ ގިނަ އިން ފައިސާ ދައްކާފައި ވަނީ ތ. ގުރައިދޫ އަށް ނިސްބަތްވާ މީހުންނެވެ. ރާއްޖޭގެ އެކި ރަށްތަކުން އެ ޖަމާއަތަށް ފައިސާ ދައްކާފައިވާއިރު އިންޑިއާގެ ދެ މީހަކު ވެސް ހައްޖަށް ދިޔުމަށްޓަކައި މަލީޝާ ޖަމާއަތަށް ފައިސާ ދައްކާފައިވެ އެވެ.
ދައުލަތުން އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ 1433 ވަނަ އަހަރު މީހުން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން 8.6 މިލިއަން ރުފިޔާ ނެގުމަށް ފަހު، އެ މީހުން ހައްޖަށް ގެންގޮސް ނުދީ އިސްމާއީލްއަބްދުއްލަތީފް އެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަމުގެ ދައުވާ އެވެ.