26 Oct 2010, 05:18
ސަރުކާރު ގުޑަނީ ހަމައެކަނި ހަވަރަށް ކަމަށް ޑީއާރުޕީގެ ނައިބު ލީޑަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރޭ ޑީއާރުޕީން ބޭއްވި މުޒާހަރާ ނިންމާލުމަށް ފަހު ޑީއާރުޕީ އޮފީސް ދޮރުމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުމަރު ނަސީރު ވިދާޅުވީ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރަށް އިވެނީ ހަމައެކަނި މުޒާހަރާގެ އަޑުކަމަށާއި ސަރުކާރުން ކޯޓުތަކުގެ ނިންމުންތަކަށާއި ގާނޫނު އަސީސީ އަށް އަދި ގާނޫނުތަކަށް ތަބާ ނުވާކަމަށެވެ.
"ސަރުކާރުން މިދަނީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފުވަމުން. މި ސަރުކާރުން ކޯޓުތަކުން ކުރާ ހުކުމަކަށް ތަބައެއް ނުވޭ. ގާނޫނު އަސީސާއަކަށް ތަބައެއް ނުވޭ. ގާނޫނުތަކަށް ތަބައެއް ނުވޭ. މިސަރުކާރަށް މަގުމަތިން ކުރާ މުޒާހަރާގެ އަޑު އެކަނި އިވެނީ. ހަވަރަށް އެކަނި މިސަރުކާރު ގުޑަނީ. އެހެންވީމާ މި ސަރުކާރު އަނބުރާ ޗާޓުގެ އެތެރެއަށް ޖެއްސުމަށްޓަކައި އަޅުގަނޑުމެން ޑީއާރުޕީއާއި ޑީއާރުޕީއާ ގުޅިފައިވާ ފަރާތްތަކުން ކުރާ މަސައްކަތެއް މި މައްސަކަތަކީ،" އުމަރު ވިދާޅުވި އެވެ.
ޑީއާރުޕީގެ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ޑީއާރުޕީގެ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުން ރޭ ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހިމާޔަތް ދޭންކަމަށް ބުންޏަސް ފުލުހުންގެ ހިމާޔަތަށް އެދިފައި ނުވާނޭ ކަމަށެވެ.
"މިރޭ ކިހާ ނިކަމެތިކޮށްތޯ މީޑިއާގެ މީހުންނަށް އަނިޔާ ކުރީ. އަޅުގަނޑުމެންގެ ކުރިމަތީގައި އެ ފެނުނީ މިއަދު ނޫހުގެ ޝަހީދާ ގައިގައި ތަޅާލިތަން. އަޅުގަނޑުމެން މުޒާހަރާ ނިންމާލަން އުޅުނީ އެކަމަކު އެ މަންޒަރުތައް ފެނުނީމާ ކިހިނެއްތޯ މަޑު ކުރާނީ. ދެން އަޅުގަނޑުމެން ހައްޔަރުކުރީ އަޅުގަނޑާއި އާރިފު [އަލީ އާރިފު]ގެ އިތުރު ބައެއް މެންބަރުން ހައްޔަރުކޮށްގެން ގެންގޮސް ބުނަނީ ކަލޭމެން ތިބީ ހިމާޔަތް ދޭން ގެނެސްފައޭ. އަޅުގަނޑަށް ފުލުހުންނާއި ސިފައިންގެ ފަރާތުން ލިބެން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން އޮންނައިރު ވެސް އަޅުގަނޑަކީ އެ ހިމާޔަތް ބޭނުންކުރާ މީހެއް ނޫން،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ ރޭ މީޑިއާ އަށް ލިބުނު ގެއްލުންތައް ބައިނަލްއަގުވާމީ މީޑިއާތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ފޮނުވުމުގެ މަސައްކަތައް މީހާރު ކުރިއަށް ދާކަމަށެވެ.
"އިންޓަނޭޝަނަލް މީޑިއާ އަށާއި ބައެއް އެހެން ޖަމާއަތްތަކަށް ފޮނުވުމުގެ މަސައްކަތް މީހާރު ވެސް އަޅުގަނޑުމެންގެ އޮފީސްތެރޭގައި ކުރިއަށް އެދަނީ،" މަހުލޫފް ވިދާޅުވި އެވެ.
ވިލި މާފަންނު ދާއިރާގެ މެންބަރު ނިހާން ހުސެންމަނިކު ވިދާޅުވީ އދ. އަށް އަދި އައިޕީއޯއަށް މައްސަލަ ފޮނުވުމަށް ވީޑިއޯގެ ފުޓޭޖުތައް ޑީއާރުޕީން ބޭނުންކަމަށެވެ.
"މީޑިއާއަށް މިކުރި ޖެއްސުން ދުނިޔޭގެ ފެންވަރުގެ ކަމެއް [ކުށެއް] އަޅުގަނޑުމެން މިވަގުތުން މިވަގުތަށް ސްޓޭންޑްބައި އެބަވަން. އަޅުގަނޑުމެން އެދެން ތިޔަ ބޭފުޅުން އޭގެ ހެކި ގޮތުގައި އަޅުގަނޑިމެންނާ ހަމައަށް ތިޔަ ބޭފުޅުން އަތުގައި ހުރި މެޓީރިއަލް އާ ތިޔަ ބޭފުޅުންގެ ސްޓޭޓްމަންޓްސް އަޅުގަނޑުމެން އެބަ ބޭނުންވޭ." ނިހާން ވިދާޅުވި އެވެ.
މި ރޭ ވެސް މުޒާހަރާ ބެއްވުމަށް ހަމަޖެހިފައިވާކަމަށް ޑީއާރުޕީން ބުންޏެވެ.