15 May 2013, 11:37
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން ހަތަރެއް އެކަކުން ބަލިވެ، ވިގަން އެތުލެޓިކް ރެލިގޭޓްވެއްޖެ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ އާސެނަލް އެވެ. އެލަނޑު މެޗުގެ 11 ވަނަ މިނެޓުގައި އާސެނަލްއަށް ކާމިޔާބު ކޮށްދިނީ ޖަރުމަންގެ ފޯވަޑް ލޫކަސް ޕޮޑޮލްސްކީ އެވެ.
ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ވިގަންއަށް އުންމީދު އާކޮށްދިނީ މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އެޓީމުގެ ޝޯން މެލޯނީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މޮޅެއް ހޯދައިގެން ނޫނީ އިތުރަށް ސަލާމަތް ވާނެ ކަމުގެ ބިރު ހީވެފައިވާ ވިގަންގެ އުންމީދުތައް ފުޑު ފުޑު ވެގެން ދިޔައީ މެޗުގެ ދެ ވަނަ ހާފުގެ 63 ވަނަ މިނެޓުގައި އާސެނަލްގެ ވޮލްކޮޓް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 ލަނޑަށް ބަދަލުވި ހިސާބުންނެވެ. ރޭގެ މެޗުގައި އާސެނަލްގެ ތިން ވަނަ ލަނޑު އެޓީމުން ޖެހީ މެޗުގެ 68 ވަނަ މިނެޓުގައެވެ . އެ ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ޕޮޑޮލްސްކީއެވެ. އަދި އާސެނަލްގެ ހަތަރު ވަނަ ލަނޑު އެޓީމަށް ރޭ ކާމިޔާބު ކޮށްދިނީ ރަމްސޭ އެވެ.
ވިގަންއާ އެކު މި ސީޒަންގައި ޕްރިމިއާ ލީގުން ރެލިގޭޓްވެފައި ވަނީ ރެޑިން އާއި ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރް) އެވެ.
ރޭގެ މެޗުން ވިގަން ރެލިގޭޓުވި ނަމަވެސް އަދި އެޓީމަށް ލީގުގައި ކުޅެން ޖެހޭ އެއްމެޗް އެބައޮތެވެ. ލީގުގައި ވިގަން އޮތީ 35 ޕޮއިންޓާއެކު 18 ވަނަ މަގާމް ގައެވެ. ވިގަން އަތުން މޮޅުވުމުން އާސެނަލް ވަނީ 70 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމަށް ލިބިފައި ވަނީ 69 ޕޮއިންޓެވެ. އަދި ލީގެ އެއް ވަނަ މަގާމްގައި 88 ޕޮއިންޓާއެކު މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު، ދެ ވަނަ މަގާމް ގައި 78 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ސިޓީ އެވެ. އަދި ލީގުގެ ތިން ވަނަ މަގާމް ގައި 72 ޕޮއިންޓާއެކު އޮތީ ޗެލްސީ އެވެ.