15 May 2013, 11:38
ހދ. ކުމުންދޫގައި ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ ގައިގައި ޖެހި ކަމަށް ބުނެ ބެލެނިވެރިން ނުކުމެ ޓީޗަރަށް ހަމަލަދީ ބޯފަޅާލައިފި އެވެ.
ކުމުންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ އަންވަރު މިއަދު ވިދާޅުވީ އިއްޔެ މެންދުރު ފަހު ސެޝަންގައި ކިޔަވައިދެއްވި ފިޒިކްސް ޓީޗަރަކު ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރެއްގެ ގައިގައި ޖެހުމުން ދަރިވަރަށް ނޭވާލުމަށް ދަތިވެގެން ކުމުންދޫ ސިއްހީ މަރުކަޒަށް ގެންގޮސްފަރުވާދީފައިވާ ކަމަށެވެ.
އަދި އެކަމާ ހިތްހަމަނުޖެހިގެން ބެލެނިވެރިންގެ ތެރެއިން ބަޔަކު ސްކޫލް ދޮށަށް އެއްވެ މުޒާހަރާކޮށް ޓީޗަރަށް ހަމަލަދީ ޓީޗަރުގެ ބޯފަޅާލައިފައިވާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ. ކައުންސިލަރު ވިދާޅުވީ ޓީޗަރަށް ފަރުވާދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ ޓީޗަރަށް ލިބުނު އަނިޔާތަކާ ބެހޭ ތަފްސީލެއް ލިބޭ ގޮތްނުވެފަ އެވެ.
ނައިބު ރައީސް އަންވަރު ވިދާޅުވީ 300 އެއްހާ ދަރިވަރުން ކިޔަވާ އެ ސްކޫލްގައި ބިދޭސީ ޓީޗަރު ކުދިންގެ ގައިގައި ތަޅާ ކަމުގެ ޝަކުވާ މީގެ ކުރިން ވެސް އައިސްފައިވާ ކަމަށެވެ. ނަމަވެސް އިއްޔެގެ އެ ހާދިސާ ހިނގަން މެދުވެރިވީ ކީއްވެގެން ކަން އަދި ދަންނަވަން ނޭންގޭ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
އަދި އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަން އެނގިފައިނުވާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.