ކާނާގެ ބާވަތްތައް ތައްޔާރު ކުރުމުގައި ފަނިފަކުސަގެ ބާވަތްތައް ގިނަގިނައިން ބޭނުން ކުރުމަށް ގޮވާލައި އދ.ގެ ކާނާއާއި ދަނޑުވެރިކަމާ ބެހޭ އިދާރާ އިން ރިޕޯޓެއް ނެރެފި އެވެ.

އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރު އޯގަނައިޒޭޝަން (އެފްއޭއޯ) އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ކާނާގެ ގޮތުގައި ބޭނުން ކުރެވޭފަދަ ފަނިފަކުސަގެ ބާވަތްތައް ކެއުމުގައި ގިނަގިނައިން ބޭނުން ކުރުމުގެ ސަބަބުން ދުނިޔެއަށް ދިމާވެފައިވާ ބަނޑުހައި ހޫނުކަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެހީތެރިވެދޭނޭ ކަމަށާއި އަގުހެޔޮ އަދި ސިއްހީގޮތުން ފައިދާހުރި ކާނާ ތައްޔާރު ކުރުމަށް ވެސް އެހީތެރިވެދޭނޭ ކަމަށާއި އަދި އޭގެ ސަބަބުން ތިމާވެއްޓަށް ވެސް އެދެވޭ ރަނގަޅު އަސަރުތަކެއް ކުރާނޭ ކަމަށެވެ.

އެފްއޭއޯގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިހާރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް ދެ ބިލިޔަން މީހުން އެމީހުންގެ ކާނާގައި ފަނިފަކްސަގެ ބާވަތްތައް ހިމަނަ އެވެ. އެހެން ނަމަވެސް ގިނަ މީހުން ފަނިފަކުސަ ކެއުމަށް ފަސްޖެހެނީ ފަކުރު ގަންނަތީވެކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ކެއުމުގައި ފަނިފަކްސަގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ބޭނުން ކުރަމުން އަންނަނީ ރުކުމަޑީގެ ބާވަތްތަކާއި، ބަޅިނދާއި، ފުޅަ ފަދަ ތަކެއްޗެވެ. އަދި ކާނާގެ އާންމުކޮށް ބޭނުން ކުރާ ބާވަތްތަކާ އަޅާ ބަލާއިރު ފަނިފަކުސައިގެ ބާވަތްތަކުން ހަށިގަނޑަށް ލިއްބައިދޭ ނިއުޓްރިޝަންގެ ބައިތައް އިތުރުވާނެ އެވެ.

ތިމާވެއްޓަށް ބަލާއިރު ވެސް އެހެން ދިރޭ ޖަނަވާރުތަކާ އަޅާ ބަލާއިރު ޖައްވަށް ދޫކުރާ ކާބަންޑައި އޮކްސައިޑާއި އެމޯނިޔާފަދަ ގޭސްތައް ވެސް ފަނިފަކުސައިގެ ބާވަތްތައް ދޫކުރާލެއް މަދު ކަމަށް އެރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި އެހެނިހެން ޖަނަވާރުތަކާ ހިލާފަށް ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ފަނިފަކުސަ އުޅޭތީ ކެއުމަށް ބޭނުންވާ ވަރަށް އެތަކެތި ގޮވާން ކުރުމަކީ ވެސް އުނދަގޫ ކަމެއް ނޫން ކަމަށް ވެސް އެރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

އެފްއޭއޯގެ ރިޕޯޓާއި ގުޅިގެ ޔޫރަޕު މީހުންނަށް ކޮންމެ ވެސް ވަރެއްގެ ހައިރާން ކަމެއް ލިބުނު ނަމަވެސް އެފްރިކާ، އަދި އޭޝިޔާ ބައްރުގެ ގިނަ ގައުމުތަކުގައި ފަނިފަކުސަގެ ބާވަތްތައް ބޭނުން ކުރުމަކީ އާންމު ކަމެކެވެ.
ރެސްޓޯރެންޓް ހޮޓާ ފަދަ ތަންތަނުގެ މެނޫގައި ވެސް ފަނިފަކުސަގެ ބާވަތްތައް ހިމެނުމަށް އދ.ގެ ކާނާ އާއި ދަނޑުވެރިކަމާ ބެހޭ އިދާރާއިން ނެރުނު ރިޕޯޓުގައި ވަނީ ގޮވާލާފަ އެވެ.