ސިޔާސީ ޕާޓީތަކުގެ އަހަރީ އޮޑިޓް ރިޕޯޓް ހުށަހެޅުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު އޮޑިޓް ރިޕޯޓް ހުށަހަޅާފައި ވަނީ ނުވަ ސިޔާސީ ޕާޓީއަކުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

ސަން އޮންލައިން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ސެކްޓްރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ސިޔާސީ ޕާޓީތަކުން އޮޑިޓް ރިޕޯޓް ހުށަހަޅުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވި އިރު މިހާތަނަށް ނުވަ ސިޔާސީ ޕާޓީއަކުން އޮޑިޓް ރިޕޯޓް ހުށަހަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ސިޔާސީ ޕާޓީތަކެއް ކަން މިވަގުތު ހާމަ ކުރެވެން ނެތް ކަމަށް އާސިމް ވިދާޅުވި އެވެ.

"އިއްޔެގެ ނިޔަލަށް ސިޔާސީ ޕާޓީތަކުން އޮޑިޓް ރިޕޯޓް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ނުވަ ސިޔާސީ ޕާޓީއަކުން ވަނީ އޮޑިޓް ރިޕޯޓް ހުށަހަޅާފައި. އެހެން ނަމަވެސް އެއީ ކޮން ސިޔާސީ ޕާޓީތަކެއް ކަން މިވަގުތު ހާމަ ކުރެވޭކަށް ނެތް."

އޭނާ ވިދާޅުވީ އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭ ތާރީހުގައި އޮޑިޓް ރިޕޯޓް ހުށަނާޅާ ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރާނެ އަދަދެއް ކަނޑައަޅާނީ ކޮމިޝަނުންގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން އަހަރަކު އެއްފަހަރު އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭއިރު ކުރީ އަހަރު އޮޑިޓް ރިޕޯޓް ހުށަހަޅާފައި ވަނީ އެމްޑީޕީ، ޑީއާރްޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، ދިވެހި ގައުމީ ޕާޓީ، ޕީޕަލްސް އެލަޔްސް( ޕީއޭ) ގައުމީ އިއްތިހާދު، މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް( އެމްއެންސީ) އަދި އިސްލާމިކް ޑިމިކްރެޓިކް ޕާޓީ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެފައި ވަނީ ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ އޮޑިޓް ރިޕޯޓް ހުށަނާޅާ ސިޔާސީ ޕާޓީތަކަށް ދޫ ނުކުރާނެ ކަމަށެވެ.