އޭއެފްސީ ކަޕުގެ ދެވަނަ ބުރުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް މެލޭޝިޔާގެ ސެލަންގޯރު ކުޅޭ މެޗުގެ ޓިކެޓް ހުސްވެގެން އަލުން ޓިކެޓް ޕްރިންޓު ކޮށްގެން ވިއްކަން ފަށައިފި އެވެ.

ސެލަންގޯރާ ދެކޮލަށް ނިއު ކުޅޭ މެޗް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 ގައި ގަލޮޅު ރަސްމީ ދަނޑުގައެވެ. އަދި މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރާނެއެވެ.

ނިއުގެ މެނޭޖަރު ޝާޒް ހަބީބް ވިދާޅުވީ، މިހާރުވެސް ނުވަ ހާހައްވުރެ ގިނަ ޓިކެޓް ވިކިފައިވާ ކަމަށާއި ގޮނޑި ބަރީގެ ހުރިހާ ޓިކެޓެއް ވެސް ހުސްވެފައި ވާކަމަށެވެ. އެހެން ނަމަވެސް މިހާރު ޕްރިންޓު ކޮށްގެން ވިއްކަމުން ގެންދާ ޓިކެޓް ތަކަކީ ސިޑިބަރީގެ ޓިކެޓްތައް ކަމަށް ޝާޒު ވިދާޅުވިއެވެ. އަދި މެޗުގެ ޓިކެޓް ވިއްކަމުން ގެންދާނީ ގަލޮޅު ދަނޑުންނެވެ.

"ގޮނޑި ބަރިން 1800 ޓިކެޓް ވިކިހުސްވެއްޖެ. ސިޑިބަރިން ވެސް 7000 ޓިކެޓް ވިކި ހުސްވެއްޖެ. އަޅުގަނޑު ކުރިން ޕްރިންޓު ކުރި ޓިކެޓް ތައް ހުސްވެގެން އަލުން ޓިކެޓް ކޮޅެއް ޕްރިންޓު ކޮށްގެން މިވިއްކަނީ. މިހާރު މިވިއްކަނީ ސިޑިބަރީގެ ޓިކެޓް ކޮޅެއް." ޝާޒު ވިދާޅުވިއެވެ.

ސެލަންގޯރާ ދެކޮޅަށް ނިއު ކުޅޭ މެޗުގެ ޓިކެޓްތައް ވިއްކާފައި ވަނީ ސިޑިބަރިން 15ރ. އަދި ގޮނޑި ބަރިން 50 ރ. އަށެވެ.

ނިއުއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް ސެލަންގޯރު ދަތުރު ކުރީ އޭއެފްސީ ކަޕްގެ ގްރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ނިއު ދެވަނަ ބުރަށް ދަތުރު ކުރީ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މެލޭޝިޔާ ލީގުގެ ހަތަރުވަނައިގައި އޮތް ސެލަންގޯރާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނިއުރޭޑިއަންޓު ނުކުންނަ އިރު، އޭއެފްސީ ކަޕްގެ ދެ ވަނަ ބުރުން ނިއު އެންމެ ފަހުން ޖާގައެއް ހޯދާފައި ވަނީ 2005 ވަނަ އަހަރުއެވެ. އަދި މިފަހަރު ނިއު ދެވަނަ ބުރުން ޖާގަ ހޯދީ 15 ޕޮއިންޓާ އެކު މުބާރާތުން އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުގެ ގޮތުގައި ކަން ފާހަގަ ކޮށްލެވެއެވެ.

ސެލަންގޯ ޓީމުވެސް ވަނީ މީގެ ކުރިން 2006 ވަނަ އަހަރު އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލް ކުޅެފައެވެ.