15 May 2013, 10:58
ތިރީސް ތިން ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޒަންގައި ރޭ ކުޅުނު މެޗް ޑީބާސްކެޓް ބޯލް ކުލަބުން ކާމިޔާބު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗް ޑީ ބާސްކެޓް ބޯލް ކުލަބުން ކާމިޔާބު ކުރީ ޔޫތު ސްޕޯޓްސް ކުލަބާ ވަދަކޮށް 74 ޕޮއިންޓު 61 ޕޮއިންޓުންނެވެ.
ރޭގެ މެޗުގައި ޑީބާސްކެޓް ބޯލް ކުލަބަށް އެންމެ ގިނަ ޕޮއިންޓް ހޯދައި ރިޝްވާން ރަޝީދު އެވެ. އޭނާ ވަނީ ރޭގެ މެޗުގައި ބަޔައް 19 ޕޮއިންޓު ހޯދައިފަ އެވެ. އަދި ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫތު ސްޕޯޓްސް ކުލަބަށް އެންމެ ގިނަ ޕޮއިންޓު ހޯދަދިން އަހުމަދު އަޒްމީލް އެވެ. އޭނާ ވަނީ މެޗުގައި 21 ޕޮއިންޓު ހޯދަދީފަ އެވެ.
މުބާރަތުގައި މިރޭ 9:00 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އެކެއްގެ ޕޮލިސް ކުލަބާއި އެމްއެސް ހެލްޕިން ހޭންޑެވެ.
މުބާރާތުގެ ގްރޫޕް އެކެއްގައި ހިމެނޭ ޓީމްތަކަކީ ޕޮލިސް ކުލަބާއި ކުލަބް އީގަލްސްއާއި އެމްއެސްއެޗްއެޗްއެސްއޭ އަދި ވީ ޔުނައިޓެޑް ސްޕޯޓްސް ކުލަބެވެ. އަދި ގްރޫޕް ދެއްގައި ހިމެނޭ ޓީމްތަކަކީ ޑީ ބާސްކެޓް ބޯލް ކުލަބާއި ޔޫތު ސްޕޯޓްސް ކުލަބް އަދި ދަ ބައުސް ސްޕޯޓްސް ކުލަބެވެ.
ޖުމްލަ ހަތް ޓީމް ވާދަކުރާ މިމުބާރާތުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހައިލައިގެން ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ ޓީމާއި ދެ ވަނަ ޓީމް ސެމީ ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި މި މަހުގެ 22 ވަނަ ދުވަހު ނިކުންނާނީ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމާއި ގްރޫޕް ދޭއްގެ ދެ ވަނަ ޓީމެވެ. އަދި މުބާރާތުގެ ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ ދެ ވަނަ ޓީމާއި ގްރޫޕް ދޭއްގެ އެއް ވަނަ ޓީމެވެ.
މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ފުރަތަމަ ސެމީން މޮޅުވާ ޓީމަކާއި ދެ ވަނަ ސެމީން މޮޅުވާ ޓީމެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.