ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ދެކުނުގެ އަތޮޅުތަކަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން މިހާރުން މިހާރަށް އެ ރަށްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ބޭނުންވާ ފައިސާ ދޫކުރެއްވުމަށާއި ވިއްސާރައިގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވެ، ކާޑުގެ ބާވަތްތައް ހުސްވެފައިވާ ރަށްރަށަށް އެސްޓީއޯ މެދުވެރިކޮށް ކާޑުގެ ބާވަތްތައް ފޯރުކޮށްދެއްވޭނެ ގޮތްތަކެއް ވެސް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނެފައި ވަނީ އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައި ވަނީ ފިނޭންސް މިނިސްޓްރީގެ ބަޖެޓުން ކަމަށެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ދެކުނުގެ އަތޮޅުތަކަށް ލިބެމުންދާ ގެއްލުންތަކާއި ބެހޭ މައުލޫމާތު ހޯދެއްވުމަށް ޓަކައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ އެމްޑީއެފްގެ އޮފިސަރުނާއި އާއި ފުލުހުންގެ އޮފިސަރުނާއާއި އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އިސްބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފަ އެވެ.

ރައީސް އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ފެންބޮޑުވެ، ނަރުދަމާ ނިޒާމަށް ލިބުނު ގެއްލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ފެން ހިއްކުމުގެ މަސައްކަތް، އެރަށްރަށުގެ ރައްޔިތުންނާ ގުޅިގެން އެ މުއައްސަސާތަކުން ހިންގަމުންދާ ގޮތުގެ މައުލޫމާތު ސާފުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި އެހެންމެ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެކަމުގައި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައިވާކަން ރައީސް އޮފީހުން ފާހަގަކުރެ އެވެ.