އިސްލާމް އާބާދު (މޭ 15): މިދިޔަ ހޮނިހިރު ދުވަހު ޕާކިސްތާނުގައި ބޭއްވި ޢާންމު އިންތިޚާބުގައި އެގައުމުގެ ކުރީގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފުގެ ޕާޓީއަށް އެކަނި ސަރުކާރެއް އެކުލަވާލެވޭ މިންވަރަށް ކާމިޔާބު ލިބިފައިވާކަން ކަށަވަރުވި ނަމަވެސް ޕާކިސްތާނުގެ ގައުމީ މަސްލަޙަތަށް އިސްކަންދެއްވައި އެހެން ޕާޓީތަކާ އެކު ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން ބޭނުންފުޅުވާކަން ނަވާޒް ޝަރީފް ހާމަކުރައްވައިފި އެވެ.

ނަވާޒް ޝަރީފް ވިދާޅުވީ މިވަގުތު ޕާކިސްތާނުގެ ޙާލަތު އޮތްގޮތުން ވީހާ ގިނަޕާޓީތަކެއް އެކުލެވޭ ގުޅިފައިވާ ފުޅާދާއިރާއެއްގެ ސަރުކާރެއް ބޭނުންވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ގައުމުގެ މައްސަލަތައް ޙައްލުކުރުމުގައި ގިނަ ޕާޓީތަކެއް ގުޅިގެން މަސައްކަތްކުރުން މުހިއްމު ކަމުގަ އެވެ. އެހެންކަމުން ފުރަތަމަ އިސްކަން ދެއްވާނީ އެހެން ޕާޓީތަކާ އެކު ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ކަމަށް ނަވާޒް ވިދާޅުވި އެވެ.

ނަވާޒް ޝަރީފް، ޕާކިސްތާނުގެ ވެރިކަމަށް ތިން ވަނަ ފަހަރަށް ރައްޔިތުން އިޚްތިޔާރުކުރި އިރު ޕާކިސްތާނަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް އޭނާގެ ކުރިމަތީގައި ވަނީ ފުނިޖެހިފަ އެވެ. މީގެތެރޭގައި ތާލިބާނުން ހިންގާ ބޮންގޮއްވުމާއި ހަނގުރާމައިގެ ޢަމަލުތައް ހުއްޓުވުމަށް ޓަކައި އެޖަމާއަތާއެކު ސުލްޙަވެވޭނެ ފޯމިއުލާއެއް އީޖާދު ކުރުމާއި އިނދަޖެހިފައިވާ އިޤްތިސާދު އަލުން ނެގެހެއްޓުމާއި ޕާކިސްތާނާ ދެކޮޅަށް އެމެރިކާ ހިންގާ މީހުން މެރުމުގެ ހަރުކަށި ޢަމަލުތައް ހުއްޓުވުމާއި ޓެރަރިޒަމްގެ ބަހަނާގައި އެމެރިކާ ހިންގާ ހަރުކަށި ޢަމަލުތަކަށް އެއްބާރުލުން ދިނުމަށް އެމެރިކާ ޕާކިސްތާނަށް ކުރިމަތިކުރާ ފިއްތުންތަކުން ސަލާމަތްވެވޭނެ ގޮތެއް ހޯދުން ހިމެނެ އެވެ.

މީގެ އިތުރުން ޕާކިސްތާނުގެ ސިޔާސީ މަސްރަހަށް އަތްގަދަ ކުރުމުގެ ރޫޙު ހުންނަ އެގައުމުގެ ސިފައިންގެ ޖެނެރަލުންތަކުގެ އިތުބާރު ހޯއްދެވުމާއި ހައްދުފަހަނަޅާފައިވާ މިންވަރަށް ޕާކިސްތާނުގައި މައްޗަށް ގޮސްފައިވާ ކޮރަޕްޝަނުގެ އަމަލުތައް ކޮންޓްރޯލް ކުރުމާއި ޕާކިސްތާނުގެ ބާވެފައިވާ އުމްރާނީ ތަރައްޤީގެ އިންފްރާސްޓްރަކްޗާ ޒަމާނީކުރުން ވެސް ހިމެނެ އެވެ.

ޕާކިސްތާނުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން އިއްޔެ ނެރުނު ރަސްމީ ވަގުތީ ނަތީޖާތައް ދައްކާގޮތުން ނަވާޒް ޝަރީފްގެ "މުސްލިމް ލީގް–ނަވާޒް" ޕާޓީއަށް އެގައުމުގެ ޕާލަމެންޓްގެ 272 ގޮނޑީގެ ތެރެއިން 123 ގޮނޑި ވަނީ ލިބިފަ އެވެ. އަދި ވޯޓުތައް ގުނައި ނުނިމޭ ބައެއް ދާއިރާތައް ހުރިއިރު މިހާރު ގުނަމުންދާ ވޯޓުތަކުން ވެސް އެންމެ ކުރީގައި އުޅެނީ ނަވާޒް ޝަރީފުގެ ޕާޓީ ކަމަށްވާތީ ޕާލަމެންޓްގެ އެންމެ ކުޑަ އަޣްލަބިއްޔަތު ކަމަށްވާ 137 ގޮނޑި ނަވާޒް ޝަރީފުގެ ޕާޓީ އަށް ލިބޭނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕާކިސްތާނުގެ ޕާލަމެންޓްގެ އެންމެ ކުޑަ އަޣްލަބިއްޔަތަކީ 137 ގޮނޑި ކަމަށްވާއިރު އެކަނި އެއްޕާޓީއަކަށް މިޢަދަދަށް ގޮނޑި ކާމިޔާބު ކުރެވިއްޖެ ނަމަ އެހެން ޕާޓީތަކާ ކޯލިޝަން ހެދުމަކާ ނުލައި އެޕާޓީގެ އަމިއްލަ ސަރުކާރެއް ޤާއިމް ކުރެވިދާނެ އެވެ. ޕާކިސްތާނުގެ އާންމު އިންތިޚާބުގެ ވޯޓުގުނުން އަދި މުޅިން ނިންމާލެވިފައިނުވާ އިރު މިހާތަނަށް ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ އެންމެ ފަހުން ވެރިކަންކުރި ޕާކިސްތާން ޕީޕަލްސް ޕާޓީ އަށެވެ. އެޕާޓީއަށް 31 ގޮނޑި ލިބިފައިވާއިރު 26 ގޮނޑި ލިބިގެން ތިން ވަނައަށް ގޮސްފައި ވަނީ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ޢިމްރާން ޚާންގެ "ތަޙްރީކޭ އިންސާފު" ޕާޓީ އެވެ. (ނޫސްއެޖެންސީތައް)