15 May 2013, 10:03
މެންޗެސްޓާ ސިޓީގެ ކޯޗު ކަމުން ރޮބާޓޯ މަންޗިނީ ވަކިކުރުމަށްފަހު އެޓީމު ކުޅުނު ފުރަތަމަ މެޗު، ރޭ ރެޑިންއާ ދެކޮޅަށް ކުޅެ ދޭއް ސުމަކުން ކާމިޔާބު ކޮށްފިއެވެ.
ސިޓީގެ ކޯޗުކަމުން މަންޗިނީ ވަކިކޮށްފައިވަނީ އޭނާ އަކީ ހުރިހާ ކުޅުންތެރިންނަށް ހަމަހަމަ ކޮށް ފުރުސަތު ދިނުމުގެ ބަދަލުގައި ވަކި ކުޅުންތެރިންނަށް އިސްކަންދޭ ކޯޗެއް ކަމަށް ބުނެވެ. ހޯމަ ދުވަހު ސިޓީގެ ކޯޗު ކަމުން މަންޗިނީ ވަކިކޮށްފައިވާއިރު އެސިސްޓެންޓް ކޯޗް ޑޭވިޑް ޕްލެޓްވެސް ވަނީ ވަޒީފާ ބޭނުން ނޫންކަމަށް ބުނެ އިސްތިއުފާ ތީފައެވެ.
ޕްރިމިއާ ލީގުގައި ރޭ ރެޑިންގެ ދަނޑުގައި ސިޓީ ކުޅުނު މެޗުގައި އެކުލަބާ ހަވާލުވެގެން ހުރީ ބްރެއިން ކިޑްއެވެ. އެ މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 40 ވަނަ މިނިޓުގައި ސަޖިއޯ އަގުއެރޯއެވެ. އަދި 88 ވަނަ މިނިޓުގައި ސިޓީގެ ދެވަނަ ލަނޑު ކާމިޔާ ކޮށްދިނީ އެޑިން ޒެކޯއެވެ.
ރޭގެ މެޗުން މޮޅުވުމުން ސިޓީއަށް ވަނީ 78 ޕޮއިންޓާއެކު ލީގުގެ ދެވަނަ ކަށަވަރު ވެފައެވެ. އަދި ރޭގެ މެޗަކީ ސިޓީއަށް ރެޑިންގެ ދަނޑުގައި ވޭތުވެ ދިޔަ 14 އަހަރުގެ ތެރޭގައި ހޯދުނު ފުރަތަމަ ކާމިޔާބެވެ. ކުރިން ރެޑިންގެ ދަނޑުގައި ސިޓީ މޮޅުވެފައިވަނީ 1999 ވަނަ އަހަރު އެ ދެޓީމު ދެވަނަ ޑިވިޝަންގައި އޮތްއިރުއެވެ.
މެޗަށްފަހު ރެޑިންގެ ކޯޗު ނިޖެލް އެޑްކިންސް ވަނީ ސިޓީގެ ކުޅުމަށް ރޭގެ މެޗުގައި މޮޅު އަދި ރީތި ކުޅުމެއް ދައްކާފައިވާ ކަމަށް ބުނެ ސިޓީއަށް ތައުރީފު ކޮށްފައެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ރެޑިން އިންވެސް ސިޓީއަށް ރަނގަޅު ރައްދެއް ދީފައިވާނެ ކަމަށް ކޯޗު ބުންޏެވެ.
ރޭގެ މެޗުގެ ކުރިން ސިޓީއިން އޮތީ ކުޅުންތެރިންނަށާއި އަދި ވަގުތީ ކޯޗަށްވެސް އެއްވެސް މީޑިއާއަކަށް މައުލޫމާތު ނުދިނުމަށް އަންގާފައެވެ. ދަނޑުގައި ކުޅިބަލަންތިބި ސިޓީގެ ސަޕޯޓަރުން ވަނީ މަންޗިނީއަށް ތައުރީފު ކޮށް އަދި ޝުކުރު އަދާކޮށް ލިޔެފައިވާ ބެނާތައް ދަނޑުގައި ދައްކާފައެވެ. އަދި ވޭތުވެ ދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ސިޓީއަށް އެންމެ ކާމިޔާބު ދުވަސްވަރަކީ މަންޗިނީގެ ކޯޗު ކަމުގައި އެ ކުލަބު ހިންގި ދުވަސްވަރު ކަމަށް ސަޕޯޓަރުން ބުނެފައިވެއެވެ.
މަންޗިނީ ވަނީ ސިޓީއަށް 44 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ލީގު ކާމިޔާބު ކޮށްދީފައެވެ. އަދި އޭނާގެ ބެލުމުގެ ދަށުން ސިޓީކުޅުނު 194 މެޗުގެ ތެރެއިން 115 މެޗު ކާމިޔާބު ކޮށްފައިވާއިރު، 39 މެޗު އެއްވަރުކޮށްފައި ވެއެވެ. މަންޗިނީގެ ކޯޗު ކަމުގައި ސިޓީ ބަލިވެފައިވަނީ 40 މެޗުންނެވެ.