17 Mar 2010, 15:22
19:00
ޑީއާރުޕީ، ޕީއޭ ކޯލިޝަނަށް 43 ޕަސެންޓް، އެމްޑީޕީ އަށް 39 ޕަސެންޓް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.
މި ކޮމިޓީތައް އެކުލަވާލުމަށް އުފައްދާފައިވާ ކުޑަ ކޮމިޓީގެ ރިޕޯޓް އިއްވަވަމުން އެ ކޮމިޓީގެ ރިއާސަތު ބެލެހެއްޓެވި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޮންމެ ކޮމިޓީއެއްގެ 43 ޕަސެންޓް ޑީއާރްޕީޕީއޭ ކޯލިޝަނަށް ދޭން ނިންމީ މުޅި މަޖިލީހުގައި އެ ކޯލިޝަންގެ ނިސްބަތަކީ އެއީ ކަމުގައި ވާތީ ކަމަށާއި، އެމްޑީޕީ އަށް 39 ޕަސެންޓް ދޭން ނިންމީ ވެސް އެ އުސޫލުން ކަމަށެވެ. އަދި މަޖިލީހުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީން ކުރެ ކޮންމެ ޕާޓީއަކަށް ދެ ކޮމިޓީން ފުރުސަތު ދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އާ ގަވާއިދަށް އަމަލުކުރަން ފަށާތާ 14 ދުވަސް ތެރޭގައި ދާއިމީ ކޮމިޓީތައް އެކުލަވާލައި ނިންމަންޖެހޭ ކަމަށާއި މިއަދަކީ އެކަމަށް އޮތް މުއްދަތުގެ އެންމެ ފަހު ދުވަސް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އަދި ކޮމިޓީތައް އަލުން އެކުލަވައިލިއިރު ކުރިން ވެސް އޮތް ގޮތަށް ދާއިމީ ކޮންމެ ކޮމިޓީއެއްގައި 11 މެމްބަރުން ތިބޭގޮތަށް އެއްބަސްވެ ވަގުތީ ކޮމިޓީތަކަށް ކުރިން ވެސް އޮތްގޮތަށް ބޭއްވުމަށް ނިންމެވީ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
ކޮމިޓީގެ ރިޕޯޓު ހުށަހެޅުއްވުމަށްފަހު ރިޕޯޓަށް ބަހުސްކުރުމަށް ހުޅުވާލެއްވި ފުރުސަތުގައި، ކޮމިޓީތައް އެކުލަވާލާފައިވާ ގޮތާ މެދު ބައެއް މެންބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އެކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާ ވިދާޅުވީ، ކޮމިޓީތަކުގައި އެމްޑީޕީ އާއި ޑީއާރުޕީއަށް ފުރުސަތުތައެއް ލިބިފައިވާއިރު މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކަށާއި މިނިވަން މެންބަރުންނަށް ފުރުސަތު ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް. އަދި ކޮމިޓީތައް އަލުން އެކުލަވާލުމަށް އަނބުރާ ގެންދިއުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ނަމަވެސް އެމްޑީޕީ އާއި ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އެހެން މެންބަރުން ވަނީ ކޮމިޓީގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވެ އެކަމަށް ތާއީދު ކުރައްވައިފަ އެވެ.
މި މައްސަލައިގައި ކޮމިޓީތައް އެކުލަވާލާފައިވާ ގޮތް ކަމުނުދާ ކަމަށާއި ކޮމިޓީގެ ރިޕޯޓު އަނބުރާ ގެންދިއުމަށް ހަމްޒާ ހުށަހެޅުއްވި ހުށަހެޅުން ވެސް ވަނީ ފާސްނުވެފަ އެވެ.