15 May 2013, 09:54
މީގެ ކުޑަ ދުވަސްކޮޅަކާއި ހަމައަށް ވެސް ގިނަ ބަޔަކު ގަބޫލު ކުރަމުންދިޔައީ ރިޔާސީ އިންތިހާބުގައި އެންމެ ވާދަވެރި ދެ ކެންޑިޑޭޓުނަށް ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމިން ކަމަށެވެ. ބައެއް މީހުންގެ ވިސްނުން ހުރީ ވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެހެން ކެންޑިޑޭޓުނަށް ޖެހޭނީ އަބްދުﷲ ޔާމިނަށް ތާއިދުކުރަން ކަމަށެވެ. އެއީ އޭރުގެ ހާލަތަށް ބަލާފަ ބައެއް މީހުން ދެކުނު ގޮތް ކަމުގައިވިއަސް މިހާރު މިވަނީ އެ ހާލަތު ބަދަލުވެފަ އެވެ.
ރިޔާސީ އިންތިހާބަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިސްވެ ހުންނަވައިގެން އުފައްދަވާ ކޯލިޝަނުގެ ސަބަބުން ދެ ވަނަ އެންމެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމިނުގެ މައްޗަށް ރައީސް ވަހީދުގެ ކޯލިޝަނުން ގަދަވެދާނެ ކަމަށް ގަބޫލުކުރާ އާންމުން އިތުރުވާން ފަށައިފި އެވެ. ހަމަ އެހެންމެ ރައީސް ވަހީދުގެ ކޯލިޝަނުގެ ސަބަބުން ޕީޕީއެމް ފުރަތަމަ ބުރުން ވެސް ފެއިލް ވެދާނެތޯ ސުވާލު އުފިދިފައިވާ މީހުން ވެސް އެހާ ގިނަ އެވެ.
ރައީސް ވަހީދު ހައްދަވާ "ފުޅާ ކޯލިޝަން"ގެ ސަބަބުން ޔާމިނަށް ދެ ވަނަ ބުރަކަށް ދިއުމުގެ ފުރުސަތު ނެތް ކަމަށް ރައީސް ވަހީދުގެ ޕާޓީންނާއި ކޯލިޝަނުން ބުނަން ފަށައިފި އެވެ. ރައީސް ވަހީދަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރާ ފަރާތްތަކުން ކަންތައްތަކެއް ވެސް ފާހަގަ ކުރަން ފަށައިފި އެވެ.
ރައީސް ވަހީދު ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންވައިގެންނެވެ. އެހެން ކަމުން "ވެރިކަމުގެ" ކޮއިލުތެރޭގައި ހުންނެވުމުން މަދުވެގެން 15 ޕަސެންޓް އޮޓެމެޓިކުން ލިބޭނެ ކަމަވެ އެވެ. އެ ގޮތަށް ދެކޭ މީހުން ވެސް މަދެއް ނޫނެނެވެ.
ރައީސް ވަހީދު ރިޔާސީ އިންތިހާބަށް ނުކުންނަވަން ބައިޔަތު ހިއްޕެވީ ޕާޓީތަކުގެ މެންބަރުންގެ އަދަދު 35،000 ވުރެ ގިނަ އެވެ. އެއީ 21000 މެންބަރުންގެ ޑީއާރްޕީ އާއި 10،000 ވުރެ ގިނަ މެންބަރުންގެ އަދާލަތު ޕާޓީ އާއި ގައުމީ ޕާޓީގެ 2000 މެންބަރުންނާއި ރައީސް ވަހީދުގެ ޕާޓީގެ 3000 މެންބަރުންނެވެ.
ގައުމީ އިއްތިހާދުގެ އިސް ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ މެންބަރުން އަދަދު ބަލައިގެން އިންތިހާބުގައި ކުރި ހޯދޭ ނަމަ ރައީސް ވަހީދުގެ ކޯލިޝަނަށް އިން އިންތިހާބު ކާމިޔާބުކުރާނެ ކަމަށެވެ.
"އިދިކޮޅު ބައެއް ފަރާތްތަކުން ވެސް ފާހަގަކުރޭ އިންތިހާބަކުން މޮޅުވާނީ އެންމެ ގިނަ މެންބަރުން ތިބޭ ޕާޓީއަކުން ކަމަށް. އެ ވިސްނުމުން ވިސްނާނަމަ ރައީސް ވަހީދުއާއެކު ކޯލިޝަން ހެދާފައިވާ ޕާޓީތަކުގެ މެންބަރުންގެ އަދަދު އެބަ ޕީޕީއެމްގެ މެންބަރުންނަށްވުރެ އިތުރުވޭ. އެހެންވީމަ އިންތިހާބު ރައީސް ވަހީދަށް ކާމިޔާބު ނުވާންވީ ސަބަބެއް ނެތް،" އައްބާސް ވިދާޅުވި އެވެ.
ޑީއާރުޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ޑރ. އަބްދުﷲ މަސޫމް ވިދާޅު ވަނީ ޕީޕީއެމް އަކީ ސިޔާސީ ޕާޓީއެއް ކަމަށް ވެސް ޑީއާރުޕީން އެއްއިރަކު ވެސް ނުދެކޭ ކަމަށާއި އެއީ ހާންދާނީ ޕާޓީ އެއް" ކަމަށެވެ. އަދި ޑީއާރުޕީން ރައީސް ވަހީދުއާއެކު ކޯލިޝަން ހެދީ ރާއްޖޭގެ ރައްޔިތުންގެ ވިސްނުމަށް ބެލުމަށް ފަހުގަ ކަމަށެވެ. އޭނާ ތަކުރާރުކޮން ވިދާޅުވަނީ ޕީޕީއެމްއާ މެދު ކަންބޮޑުނުވާ ކަމަށާއި ރައީސް ވަހީދުއާއެކު އޮތީ ބޮޑު ކޯލިޝަނެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި ޕީޕީއެމް ވެސް ރައްޔިތުނަށް ހެޔޮއެދޭ ކަމުގައި ވާނަމަ ޖެހޭނީ ކޯލިޝަނުގައި ބައިވެރިވާން ކަމަށެވެ.
ޑީއާރުޕީން ކޯލިޝަން ހެދުމާއި ގުޅިގެން ރައީސް ޑރ. ވަހީދު ވެސް ވަނީ އުއްމީދީ ގޮތަކަށް އިންތިހާބުގެ ވާހަކަ ދައްކަވާފަ އެވެ. މީގެ ކުރިން އެމަނިކުފާނު ވެސް ވަނީ އެއްބައިވަން ސަރުކާރެއް އެކުލަވާލުމަށް ގޮވާލައްވާފަ އެވެ. ނަމަވެސް އެމަނިކުފާނު މިހާރު ކުރައްވާ މަސައްކަތަކީ ކޯލިޝަނާއެކު ކުރިއަށްގެންދިއުމުގެ މަސައްތެވެ. ޕީޕީއެމްގެ މައްޗަށް އެމަނިކުފާނު މައްޗަށް ކުރިހޯދިދާނެ ކަމުގެ އުއްމީދު އޮތްކަން އެމަނިކުފާނުގެ ވާހަކަފުޅުތަކުން ދެކެމެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ ޓީމެއްގެ ގޮތުގައި. އަޅުގަނޑުމެން ބްރޭންޑްވާން އެބަޖެހޭ، ކުރިން ސަރުކާރުގައިވި ގޮތަށް ރައީސަކަށް ހުންނަވާ ބޭފުޅަކީ ވަކި ޕާޓީއެއްގެ މީހަކަށް ވެގެން ނުވާނެ. އަޅުގަނޑާއި އަޅުގަނޑުގެ ރަނިންގް މޭޓަކީ ހުރިހާ ބޭފުޅުންގެ މީހަކަށް ހުރިހާ ޕާޓީއަކާ އެކީގައި މަސައްކަތް ކުރާ މީހަކަށް ވާންޖެހޭނީ،" އެމަނިކުފާނާއެކު އޮތް ކޯލިޝަނާ ބައްދަލުކުރައްވާ ވަނީ ވިދާޅުވެފަ އެވެ.
ރައީސް ވަހީދަށް ރިޔާސީ އިންތިހާބުގައި ޔާމިންގެ މައްޗަށް ކުރި ހޯދިދާނެ ކަމަށް ގަބޫލުކުރާ ޖުމްހޫރީ ޕާޓީގެ އިސް މީހަކު ބުނީ މިހާރު އޮތް ހާލަތުގައި ރައީސް ވަހީދަށް ޔާމިންގެ މައްޗަށް ކުރި ހޯދިދާނެ ކަމަށެވެ. ނަމަވެސް އޭނާ ގަބޫލުކުރާ ގޮތުގައި އެ ޔަގީންކަމަށް އިތުރަށް އަދި އެ ޕާޓީއަކުން ރައީސް ވަހީދާ ގުޅެން ޖެހެ އެވެ. މިހާރު އެ ޔަގީންކަން އަދި އެހާ ބޮޑެއް ނޫނެވެ. އެމްޑީއޭ އިން ނުވަތަ ޖުމްހޫރީ ޕާޓީން ރައީސް ވަހީދާއި ގުޅިއްޖެ ނަމަ އެ ފުރުސަތު ބޮޑުވާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
ރައީސް ވަހީދުގެ ކޯލިޝަނާއި އަދިވެސް އިތުރު ބައެއް ގުޅެދާނެ ކަމަށް ބެލެވި އެ ކޯލިޝަން ބޮޑުވުމުގެ ފުރުސަތު އޮތް ނަމަވެސް ޕީޕީއެމް އެކަމަށް ޖަހަނީ ޖޯކެވެ. ޕީޕީއެމް ދެކެނީ ރައީސް ވަހީދުއާއެކު މާގިނަ ބަޔަކު ނެތް ކަމަށެވެ.
ޕީޕީއެމް އިން ބުނަނީ ކިތަންމެ ބޮޑު ކޯލިޝަނެއް ހެދި ނަމަވެސް ޖެހިލުން ނުވާ ކަމަށެވެ. ޕީޕީއެމްގެ ތަރުޖަމާނު އަހްމަދު މަހްލޫފް ވިދާޅުވީ ރައީސް ވަހީދުއާއެކު ކޯލިޝަން ހެދީ ސިޔާސީ ޕާޓީތަކަކުން ނޫން ކަމަށާއި އެއީ ވަކި ދެތިން ފަރުދުން ކަމަށެވެ. "ޑީއާރުޕީއަކީ އެކަކު. ގައުމީ ޕާޓީއަކީ އެކަކު، އަދާލަތު ޕާޓީން ނޫނީ އެ ކޯލިޝަނުގައި ނެތް ބުރަދަނެތް ހުރި އެއްވެސް ބައެއް. ޕީޕީއެމް ޖެހިލުމެއް ނުވޭ ވަހީދުގެ ކޯލިޝަނާހެދި،"
ޔާމީން ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. އެމަނިކުފާނު ވިދާޅުވަނީ އެ ޕާޓީއަށް މެންބަރުން އިތުރުކޮށް ޕާޓީ އިތުރަށް "ވަރުގަދަވެގެންދާނެ" ކަމަށެވެ. ޔާމިންގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރައީސް ވަހީދުވެސް ޕީޕީއެމް އިން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ގަބޫލެއް ނުކުރައްވަ އެވެ.
ރައީސް ވަހީދުގެ ކޯލިޝަން ދެކެ ޕީޕީއެމް ޖެހިލުން ނުވި ނަމަވެސް ކުރިން ނުދައްކާ ވާހަކަތަކެއް ޕީޕީއެމް ދައްކާކަން ބައެއް ފަރާތްތަކުން ފާހަގަކުރެ އެވެ. އެއީ ކޯލިޝަން ނުހެދޭނެ ކަމަށް ދެކެވޭ ވާހަކަތަކެވެ.
ނަމަވެސް އައްބާސް އާދިލް ރިޒާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ރިޔާސީ ނިޒާމުގައި ކޯލިޝަން ހަދާކަމަށާއި އެކަން ނުކުރެވެންވީ ހަމައެއް ނެތް ކަމަށެވެ. ރައީސް ވަހީދުގެ މައްޗަށް ޔާމިނަށް ކުރި ހޯދިދާނެ ކަމަށް ކުރަމުންދާ ސުވާލަށް ކޮންމެ ދުވަހަކު ވެސް ދާނީ ޖަވާބުލިބެމުންނެވެ. އެންމެ ފަހުގެ ޖަވާބު ލިބޭނީ އިންތިހާބުގެ ނަތީޖާއިންނެވެ.