މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުންފެށި، ރަނގަޅަށް ހުޅަނގު ވުމާ ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސާވިސަސް އިން ބުނެފި އެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިރޭ ވެސް މާލެއަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މޫސުން ގޯސްވެ ވައިބާރުވަމުން ދާތީ ހުރިހައި ފަރާތްތަކުން ވެސް އަދި ޚާއްސަކޮށް ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ޚާއްސަ ސަމާލުމަކެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިރޭ މާލެއަށް އައި ބާރުގަދަ ކޮޅިގަނޑެއްގައި މަޖީދިއްޔާ ސްކޫލް ގޯތިތެރޭގައި ހުރި ބޮޑު ގަހެއްގެ ގޮފިގަނޑެއް ވެއްޓި ޕާކްކޮށްފައިވާ ވޭނެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެ ހިނގައިބިނގައި އުޅުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

މި ވިއްސާރައިގެ ސަބަބުން އަތޮޅުތަކުގެ އެކި ރަށްތަކަށް ދަނީ އެކިވަރުގެ ގެއްލުންތައް ލިބެމުންނެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތަކުގެ މައުލޫމާތު އެ ސެންޓަރަށް ފޮނުވުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.