މިހާރު މާލެއަށް ކުރަމުން ގެންދާ ވިއްސާރައިގައި ގަހެއް ވެއްޓުމުގެ ސަބަބުން، މަގުމަތީގައި ޕާކްކޮށްފައި އޮތް ވޭނެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.

މަޖީދިއްޔާ ސްކޫލްގެ ގޯތި ތެރޭގައި ހުރި ބޮޑު ގަހެއް ވެއްޓުމުގެ ސަބަބުން އެތާ ކައިރީ ޕާކްކޮށްފައި އޮތް ވޭނަކަށް ގެއްލުން ލިބިފައިވާ ކަން މަންޒަރު ދުށް މީހަކު ސަންއަށް ވަނީ ކިޔައިދީފައެވެ.

އެމީހާ ބުނީ މިއަދު އިރުއޮއްސި 6:30 އެހައިކަންހާއިރު ހިނގި އެ ހާދިސާގައި އެތަނުގައި ޕާކްކޮށްފައި އޮތް ވޭނުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެފައިވާ ކަމަށެވެ.

"އެ ގަސް ވެއްޓުމުގެ ސަބަބުން އެ ވޭނުގެ ބިއްލޫރިތައް ތަޅައިގެން ދިޔަ. އެ ވޭނަށް ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައި،" އެމީހާ ބުންޏެވެ.

އެ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެރިފަރާތުން ވޭން ގެންގޮސްފައިވާ ކަމަށް ވެސް އެ މީހާ ބުންޏެވެ.

ސަންގެ ނޫސްވެރީން އެ ސަރަހައްދަށް ދިޔައިރު މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ވެއްޓިފައި އޮތް ގަސް އެތަނުން ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފައެވެ.