މިދިޔަ އަހަރުގެ ފަހު ކުއާޓާގެ މާލީ ބަޔާން އާންމުކޮށްފައި ނުވާތީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ދިރާގު ޖޫރިމަނާކޮށްފި އެވެ.

ސީއެމްޑީއޭ އިން މިއަދު ބުނީ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ މާލީ ބަޔާން އާންމު ނުކޮށްގެން ދިރާގު 30،000ރ. އިން ޖޫރިމަނާ ކުރީ މާލީ ބަޔާން ހުށަހެޅުމަށް ދީފައިވާ މުއްދަތު 30 އޭޕުރީލްގެ ނިޔަލަށް ހަމަވެފައިވާ އިރު އެ މާލީ ބަޔާން ހުށައަޅާފައިނުވާތީ ކަމަށެވެ.

ސީއެމްޑީއޭ އިން މިއަދު ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން މާލީ ބަޔާން އާންމުކުރުމަށް ދިރާގަށް އަންގައިފަ އެވެ.

އެމައްސަލައާ ބެހޭ ގޮތުން ދިރާގުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސެކިއުރިޓީޒް ދޫކުރާ ކުންފުނިތަކުން މައުލޫމާތް ހާމަކުރުމުގެ ޒިންމާއާބެހޭ ގަވައިދުގެ ހަތް ވަނަ މާއްދާގެ ދަށުން މަދުވެގެން އަހަރަކު ހަތަރު ފަހަރު ޝާއިރުކުރަން ޖެހޭ ރިޕޯޓް އެ އަހަރެއްގެ ކޮންމެ ތިން މަހެއް ނިމޭތާ 30 ދުވަހުގެ ތެރޭގައި ޝާއިރުކުރަން ޖެހެ އެވެ.