14 May 2013, 19:04
ދިއެފްއެމް އަށް ރައްޔިތުންގެ މަޖިލީހުގެ ލައިވް ފީޑު ދިނުން މެދުކެނޑާލާފައި އޮތުމަށްފަހު މިހާރު އަލުން ލައިވްފީޑު ދޫކުރަން ފަށައިފި އެވެ.
ދިއެފްއެމްއަށް އަލުން ލައިވް ފީޑު ދޫކުރަން ފަށާފައިވާކަން ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މީޑިއާ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެތަނަށް ދޫކުރުމުން އައި ލައިވް ފީޑު މެދުކަނޑާލަން ޖެހުނީ އެތަނުން ގެނެސްދިން ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ މެންބަރުންގެ ކަރާމާތާއި އިއްޒަތަށް އުނިކަން ލިބޭގޮތަށް ވާހަކަދައްކާފައިވާތީ ކަމަށެވެ.
ދިއެފްއެމް އަށް ދޫކުރަމުން ދިޔަ ލައިވް ފިޑު ކަނޑާލާފައި ވަނީ މަޖިލީހުގެ އާންމު ކޮމެޓީން އެ މައްސަލަ ބެލުމަށް ފަހު އެ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތް މެންބަރުންގެ އިއްތިފާގުން އެގޮތަށް ނިންމާފައިވާތީ ކަމަށް ވެސް މަޖިލީހުގެ އިދާރާގެ ސިޓީގައި ބުނެފައި ވެއެވެ.
އެ ސިޓީގައި ބުނެފައި ވަނީ "ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ އަޑާއި މަންޒަރު ރެކޯޑުކުރުމާއި، ބޭނުންކުރުމާއި އަދި ބްރޯޑްކާސްޓްކާސްޓް ކުރުމުގެ އުސޫލުތައް ބަޔާން ކުރުމުގެ ގަވާއިދު" އާއި "ރައްޔިތުންގެ މަޖިލީހުގައި ހަރަކާތްތެރިވަ ނޫސްވެރިންގެ ގަވާއިދު" ގެ މަސައްކަތް އާންމު ކޮމެޓީގެ ކުޑަ ކޮމެޓީއަކުން މިހާރު ދިރާސާކުރަމުން ގެންދާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ނިމެންދެން އެހެން މީޑިއާތަކަށް ލައިވް ފީޑް ދޫކުރެވިފައިވާ އުސޫލުން ދިއެފްއެމް އަށް ވެސް މަޖިލީހުގެ ލައިވްފީޑް ދޫކުރުމަށް މިދިޔަ މަހުގެ ތިން ވަނަ ދުވަހު ބޭއްވި އާންމު ކޮމެޓީގެ ބައްދަލުވުމުން ފާސްކޮށްފައިވާތީ އެކަން ދިއެފްއެމް އަށް އަންގާފައިވާނެ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން މީޑިއާ ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ ބުނެފަ އެވެ.