"އޭނަ ބުނީ ފަލާހް ބުންޏޭ އަންހެނުން ކައިރީ ބުނާށޭ ކަލެއަށްޓަކައި މަރުވެއްޖައީމޭ، އަހަރެންމަތިން ހަނދާން ނައްތާލަށޭ،" މިއީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގދ. ފަރެސްމާތޮޑާއިން ޑިންގީއެއްގައި ނުކުމެ އުުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ އެރަށު، ރޯޒީސައިޑް، މުހައްމަދު ފަލާހުގެ އަންހެނުން ފާތިމަތު ނަޒީފާ އަށް ފަލާހު އެންމެ ފަހުން ދީފައިވާ މެސެޖެވެ. މާލޭގައި ވަޒީފާ އަދާކުރާ ނަޒީފާ ބުނާ ގޮތުން ނަމަ އޭނާ އަށް ތިމާގެ މީހެއްގެ ފަރާތުން އެމެސެޖު ލިބުނީ ފަލާހު ގެއްލުނު ޚަބަރު އިވި ޝޮކެއްގެ ތެރޭ ހުއްޓަ އެވެ. ނަމަވެސް ފަލާހު ގެއްލުނު އިރު އެ ދެމަފިރިންގެ ދެތެރޭ އެއްވެސް މައްސަލައެއް ޖެހިފައިނުވާ ކަމަށް ވެސް ނަޒީފާ ބުންޏެވެ.

"ބުދަ ދުވަހުގެ ރޭ ފަލާހަށް ގުޅައިގެން ވާހަކަ ދެއްކިއިރު އެއްވެސް މައްސަލައެއް ނުޖެހޭ،" ފިރިމީހާ ގެއްލުނު ހިތާމައިގައި މިހާރު މާތޮޑާ އަށް ގޮސް ހުރި ނަޒީފާ ބުންޏެވެ.

ފަލާހު ގެއްލިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ފަރެސްމާތޮޑާ ކައިރީގައި އޮންނަ "އުހެހުއްޓާ" ކިޔާ ފަޅުރަށަކުން ދެބުރެއްގެ މަތިން އަކިރި ހިފައިގެން އައިސް، ތިން ވަނަ ފަހަރަށް ޑިންގީ ގައި ނިކުތް ފަހުންނެވެ. ފަލާހު އެންމެ ފަހުން ފެނިފައިވަނީ ހަވީރު ޑިންގީއެއްގައި ދަނިކޮށެވެ. ފަލާހު ގެއްލިފައި ވަނީ ކޮންމެ ވެސް ކަމަކާ އޭނާ ހިތްހަމަނުޖެހިގެން ކަމަށް ބައެއް މީހުނަށް ހީވެފައިވަނީ އެނާ އަންހެނުނަށް އެެންމެ ފަހުން ދިން މެސެޖް ރަށުތެރޭގައި ފެތުރެމުންނެވެ.

އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު ކުރި ކައިވެންޏަށް މަހެއް ވީތަނާ ފިރިމީހާ ގެއްލުމުގެ ހިތާމައިގައި ޝޮކެއްގައި ނަޒީފާ ހުރިއިރު، ފަލާހު ގެއްލުމުގެ ވާހަކައިން މުޅި އެއާއިލާ އަށް ވެސް ވަނީ ޝޮކެއް ލިބިފަ އެވެ. ފަލާހުއާ އާއިލީ ގޮތުން ގުޅުމެއް އޮންނަ މުހައްމަދު ސަބާހު ބުނީ ފަލާހް ގެއްލިގެން ހޯދަން ފެށުމުގެ ކުރިން އޭނާއާ އެދުވަހު ދިމާވެ ވާހަކަ ދެއްކި ކަމަށެވެ. އަދި އެއްވެސް ކަމަކާ ހިތްހަމަނުޖެހިގެން ފަލާހު ވާހަކަ ދައްކާފައިނުވާ ކަމަށް ވެސް ސޮބާހު ބުންޏެވެ.

" ފަލާހްއަކީ ވަރަށް ގާތް މީހެއް. އޭނާ ގެއްލުނު ދުވަހު ވެސް އަދި އޭގެ ކުރިން ވެސް ވާހަކަދެއްކި. ފަލާހް އަކިރި ހިފައިގެން އައިސް އަތިރިމަތީގައި ހުއްޓާ ދިމާވެގެން ވެސް ވާހަކަ ދެއްކިން. އޭގެ ފަހުން އޭނާ ކަނޑުމައްޗަށް ނިކުމަތީ. ނޭނގެ އަސްލު ވީ ގޮތެއް،" ސަބާހް ބުންޏެވެ.

ފަލާހު ގެއްލިގެން ހޯދާތާ މިއަދަށް ހަ ދުވަސްވެފައިވާއިރު، އާއިލާއިން އަދިވެސް އުންމީދު ކަނޑައިނުލާ އަންނަނީ ސަލާމަތީ ބާރުތަކުގެ އެހީގައި ފަލާހު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައެއް ނުވެ އެވެ.