14 May 2013, 16:04
އޭއެފްސީ ކަޕުގެ ދެވަނަ ބުރުގައި ރާއްޖޭގެ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް މާދަމާ ނުކުންނަ މެލޭޝިޔާގެ ސެލަންގޯ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި އެހެން ނަމަވެސް އެކަމާ އެއްވެސް ވަރަކަށް ޖެހިލުން ނުވާކަމަށް ނިއުގެ ބަލްގޭރިޔާ ކޯޗު ވެލިޒާ ޕޮޕޯފް ބުނެފިއެވެ.
މާދަމާ ހަވީރު ގަލޮޅުދަނޑުގައި ކުޅެން ހަމަޖެހިފައިވާ މެޗާބެހޭގޮތުން މިއަދު ގަލޮޅު ދަނޑުގައި އޮތް ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން ނިއުގެ ކޯޗު ބުނީ ސެލަންގޯ ޓީމަކީ ވަރުގަދަ މޮޅުޓީމެއް ކަމަށާއި އެ ޓީމު އޭއެފްސީ ކަޕުގެ ފުރަތަމަ ބުރުގައި ހައިރާން ކުރުވަނިވި ކުޅުމެއް ދައްކާފައިވާ ކަމަށެވެ.
"ސެލަންގޯއަކީ ސީރިއަސް އަދި ވަރުގަދަ ޓީމެއް. ތެދައް ބުނާނަމަ އެކުލަބު ޕެރަކާއި އީސްޓް ބެންގަލްއާ ދެކޮޅަށް ކުޅުނު ދެމެޗް ބަލާފައި އަހަރެން ހައިރާންވި. އަހަރެމެން އެމީހުންނަށް އިހްތިރާމް ކުރަން، އެކަމަކުވެސް ޖެހިލުމެއް ނުވޭ. އެއީ މި މެޗަކީ އަހަރުމެންނަށް ބަލިވެގެން ފަރުޖައްސާ ލެވޭނޭ މެޗެއްނޫން. އަހަރުމެން ޖެހޭނީ މެޗުން މޮޅުވާން،" ނިއުގެ ކޯޗު ބުންޏެވެ.
ނިއުއާ ދެކޮޅަށް ނުކުންނަ ސެލަންގޯ ދެވަނަ ބުރަށް އައިގޮތަށް ބަލައިލާ އިރު އެކުލަބު ގްރޫޕް ސްޓޭޖްގައި ކުޅު ހަ މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ ދެމެޗުން ބަލިވެ ދެމެޗުން ވަނީ އެއްވަރުވެފައެވެ. އެގޮތުން އިންޑިއާގެ އީސްޓް ބެންގަލްއާ ދެކޮޅަށް ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުން ބަލިވެ ދެވަނަ މެޗު އެއްވަރުވެފައިވާ އިރު، ސިންގަޕޫރުގެ ޓަންޕިނޭ ރޯވާސްއާ ދެކޮޅަށް ކުޅުނު އެއްމެޗުން އެއްވަރުވެ އަނެއް މެޗުވަނީ ކާމިޔާބު ކޮށްފައެވެ. އަދި ވިއެޓްނާމްގެ ސައިގަންއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ބަލިވި އިރު ދެވަނަ މެޗު ސެލަންގޯވަނީ ކާމިޔާބު ކޮށްފައެވެ. ގްރޫޕް ސްޓޭޖުގައި އިދިކޮޅު ޓީމުތަކުގެ ގޯލަށް ޖުމުލަ 12 ލަނޑު ޖެހިފައިވާއިރު ބައިކޮޅަށްވަނީ 11 ލަނޑު ވަދެފައެވެ. ސެލަންގޯ ދެވަނަ ބުރުން ޖާގަހޯދީ ޖުމުލަ އަށް ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ހޯދައިގެންނެވެ.
ނިއުރޭޑިއެންޓު ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ ކުޅުނު ހަމެޗުގެ ތެރެއިން ފަސްމެޗު ކާމިޔާބުކޮށް ޖުމުލަ 15 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. ނިއު ބަލިވީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން އެކަންޏެވެ. އަދި ގްރޫޕު ސްޓޭޖުގައި އެއް ޓީމަކުން އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ޓީމަކީވެސް ނިއުކަން ފާހަގަ ކޮށްލަން ޖެހެއެވެ. އިދިކޮޅު ޓީމުތަގުގެ ގޯލަށް 20 ލަނޑު ޖަހާފައިވާއިރު ނިއުގެ ކޮޅަށް ވަދެފައިވަނީ އެންމެ 4 ލަނޑެވެ.
ނިއުގެ ކޯޗު ބުނީ އިދިކޮޅު ޓީމަކީ ކިތަންމެ ވަރުގަދަ ޓީމެއް ކަމުގައި ވީނަމަވެސް ނިއުގެ ކުޅުމުގެ ސްޓައިލަށް ބަދަލެއް ގެނެސް ފަހަތުގައި ކުޅެން ނުތިބޭނެ ކަމަށާއި އޭގެ ބަދަލުގައި ޓީމު ނުކުންނާނީ ކުރިންވެސް ކުޅުނު ގޮތަށް ރަނގަޅު ކުޅުމެއް ދައްކައިގެން މޮޅުވާން ކަމަށެވެ.
ނިއުރޭޑިއެންޓުގެ ޗެއާމަން އަލީ ވަހީދު މީގެ ކުރިން ފާހަގަ ކުރެއްވި ގޮތުގައި ނިއުގެ މި ސީޒަންގެ އެންމެ ބޮޑު އަމާޒަކީ އޭއެފްސީ ކަޕުގެ ދެވަނަ ބުރަށް ކޮލުފައިވުމެވެ. އެހެން ނަމަވެސް ކޯޗު ބުނީ އޭނާގެ ޓާގެޓަކީ މުޅި ސީޒަންގައި ނިއު ކުޅޭ ހުރިހާ މެޗަކުންވެސް މޮޅުވުން ކަމަށެވެ.
"އަހަރެންގެ ޓާގެޓަކީ އަބަދުވެސް މޮޅުވުން. އެއީ އޭފްސީ ކަޕް ވިޔަސް، ދިވެހި ލީގު ކަމުގައިވިޔަސް، އަދި ރަހްމަތްތެރި ކަމުގެ މެޗެއް ކަމުގައިވިޔަސް އަހަރެން ބޭނުންވާނީ މޮޅުވާން. ފަހަރެއްގަ އިދިކޮޅު ޓީމަކީ އަހަރުމެންނަށް ވުރެ ވަރަށް މޮޅު ޓީމަކަށްވެސް ވެދާނެ. އެކަމަކުވެސް ފުޓްބޯޅައަކީ ކުރިން ވާނޭ ގޮތެއް ބުނަން އެނގޭ ކުޅިވަރެއް ނޫން،" ޕޮޕޯފް ބުންޏެވެ.
ޕޮޕޯފު ފާހަގަ ކުރި ގޮތުގައި ކަރުދާހުގައި ލިޔެފައި އޮންނަ ގޮތުން ސެލަންގޯއަކީ "ފޭވަރިޓް" ޓީމަށް ވެދާނެއެވެ. އަދި ރާއްޖޭގެ ލީގާ އަޅާ ބަލާއިރު މެލޭޝިޔާގެ ސުޕަ ލީގަކީ މާ ބޮޑު އަދި މޮޅު ކުޅުންތެރިން ތަކެއް ކުޅޭ ވަރުގަ ލީގެކެވެ. އެހެން ނަމަވެސް ނިއުއަށް ހޯމް އެޑްވާންޓޭޖް އޮތުމާވެސް އެކު އަމިއްލަ ދަނޑުގައި ސެލަންގޯ މަށްޗަށް ކާމިޔާބު ހޯދުމަކީ ނުވާވަރު ކަމެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ.
ބައެއް ފަރާތްތަކުން ސިފަ ކުރާގޮތުގައި ނިއުއާއި ސެލަންގޯގެ ކުރިމަތި ލުމަކީ ރާއްޖެއާއި މެލޭޝިޔާގެ ކުރިމަތި ލުމެކެވެ. އެހެން ނަމަވެސް ނިއުގެ ކޯޗުބުނީ އޭނާ އެގޮތަށް ނުދެކޭ ކަމަށެވެ. ވަކި ޓީމަކާ ދެކޮޅަށް ކުޅޭ މެޗަކަށް ނުކުންނަ އިރު މާބޮޑަށް "ޖަޒުބާތު ވެގެން" ކުޅެން ނުކުތުމަކީ ޓީމަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އޭނާގެ ޓީމު ކުޅޭ ކޮންމެ މެޗަކީވެސް އޭނާ ދެކޭގޮތުގައި ވަރަށް މުހިއްމު މެޗެކެވެ.
"އަހަރެން އެހާ ގަޔާވާ ވާހަކައެއް ނޫން އެއީ، މިމެޗަކީ މެލޭޝިޔާއާ ރާއްޖެއާ ވާދަކުރާ މެޗެކޭ ބުނެ ދައްކާ ވާހަކަތައް. މިއީ ހަމަ އާދައިގެ މަތިން ކުޅޭ މެޗެއް. މިކަމުގައި [ޖަޒުބާތުވާކަށް ނުޖެހޭ]. ޖަޒުބާތުގައި ޖެހިގެން ތިބެ ކުޅެފިނަމަ އެކަމުން ފައިދާއެއް ނުކުރާނެ. އަހަރެން ބުނާނީ މިއީ ހަމަ އާދައިގެ މަތިން އަހަރުމެން ކުޅޭ މެޗުތައް ފަދަމެޗެކޭ. އަހަރެމެން ބޭނުންވަނީ މެޗުން މޮޅުވާން،" ނިއުގެ ކޯޗު ބުންޏެވެ.
މާދަމާގެ މެޗަށް ނުކުންނައިރު ކުޅުންތެރިންނަށް އަނިޔާގެ ކުދިކުދި މައްސަލަތައް ހުރި ކަމުގައި ވީނަމަވެސް ނިއުރޭޑިއެންޓް އޮތީ މެޗަސް ފުރިހަމައަށް ތައްޔާރުވެފައި ކަމަށްވެސް ކޯޗު ބުންޏެވެ. އަދި ޓީމުގެ މުހިއްމު ފޯވަޑް އަލީ އަޝްފާގުވެސް މެޗުގައި ފުލްކޮށް ކުޅެވޭނޭކަމަށް އުއްމީދު ކުރާކަމަށްވެސް އޭނާ ބުންޏެވެ.
ނިއުގެ ކެޕްޓަން އިމްރާން މުހައްމަދު ބުނީ މާދަމާގެ މެޗަކީ ގައުމީ ޓީމު ކުޅޭ މެޗެއް ނޫންކަމުގައިވީނަމަވެސް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއްވެސް ހިމެނޭ ރާއްޖޭގެ ޓީމަކަށްވުމުން ގަލޮޅު ދަނޑުގައި ނިއު ކުޅޭ އެމެޗުގައި ސަޕޯޓަރުންގެ ދައުރަކީ ވަރަށް މުހިއްމު ދައުރެއް ކަމަށާއި އަދި ޓީމުގެ 12 ވަނަ ކުޅުންތެރިޔާގެ މަގާމު މާދަމާގެ މެޗުގައިވެސް ސަޕޯޓަރުންގެ ފަރާތުން ފެނިގެންދާތަން ދެކެން ބޭނުން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ޖެހިގެން ގޮވާލާ ކޮންމެ ވަގުތެއްގައިވެސް ދިވެހި ސަޕޯޓަރުންގެ ފަރާތުން ލިބޭ އެހީތެރިކަން، ދަނޑަށް ވަޑައިގެން އެ ކުރަށްވާ ސަޕޯޓު، މާދަމާގެ މެޗުގައިވެސް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަޑައިގެން މެދު ކެނޑުމެއްނެތި ސަޕޯޓް ކޮށްދެއްވުން އެދެން. ދަނޑަށް ވަދެވަޑައިގެން މެޗު ބަލާލުމުގެ އިތުރުން 12 ވަނަ ކުޅުންތެރިޔާގެ ގޮތުގައި ސަޕޯޓަރުން ތިއްބެވުން އަޅުގަނޑު އެދެން،" އިމްރާން ބުންޏެވެ.