14 May 2013, 15:56
ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް އިންތިޚާބުވެވަޑައިގެންނެވި ނަވާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ނަވާޒް ޝަރީފަށް މަރްހަބާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، މިއީ ޕާކިސްތާނުގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް ލިބިގެންދިޔަ އާ ފުރުސަތެއް ކަމަށާއި، އަދި ނަވާޒް ޝަރީފްގެ ޒައާމަތުގައި، ޕާކިސްތާނުގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަން ޔަގީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.