14 May 2013, 15:50
ޔޫރަފިއަން ޔޫނިއަންގައި ހިމެނޭ ހަ ގައުމެއްގެ އިސްވެރިންގެ ވަފުދެއް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
އެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ކްރިސްޓިން ރޮބިޗޮން އާއި އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ފެބްރިޒިއޯ ޕިއޯ އާޕީއާ، އާއި ޖަރުމަނުވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ޑރ. ޖަރގެން މޮރހަރޑް އާއި ނެދަލެންޑްސް ގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ލުއީ ޕެއިޓްއާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޮބީ ބުލޮކް އަދި ޔޫރަޕިއަން ޔޫނިއަންއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ވަފްދުގެ ފަސްޓް ސެކްރެޓަރީ ޓެހީ ލެހްޓިނެންއެވެ.
އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައި މިއަދު ބޭއްވުނު މި ބައްދަލުވުމުގައި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރެވެމުން އަންނަ މަސައްކަތްތަކާ ބެހޭގޮތުން އެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން މައުލޫމާތު އޮޅުންފިލުވިއެވެ.
މީގެ އިތުރުން އެ ގައުމުތަކުންނާއި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ރިޔާސީ އިންތިޚާބުގެ މަސައްކަތްތަކަށް ވެދެވެން ހުރި އެހީތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވެއެވެ.