ގައުމީ ކުތުބުޚާނާގެ މެމްބަރަކަށް ވުމަށް ޒަމާނުއްސުރެއް ހައްދަމުން ގެންދިޔަ މެމްބާޝިފް ކާޑުގެ ބަދަލުގައި އައިޑީކާޑު ބޭނުންކޮށްގެން، ހިލޭ މެމްބަރަކަށް ވުމުގެ ފުރުސަތު އަންނަ މަހުން ފެށިގެން ހުޅުވާލާނެ ކަމަށް އެތަނުން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ގައުމީ ކުތުބުޚާނާގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ޝިޔާމް ވިދާޅުވީ އެގޮތަށް ހަމަޖެއްސީ އައިޑީކާޑަކީ ގިނަ ކަންތައްތަކެއްގައި ބޭނުންކުރަމުން އަންނަ ވަރަށް މުހިންމު އެއްޗެއް ކަމަށްވާތީ އޭގެ ފެސޭހަކަން ކުތުބުހާނާގެ މެމްބަރުންނަށް ވެސް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެގޮތަށް ހަމަޖެއްސުމުން ގައުމީ ކުތުބުޚާނާގެ މެމްބަރަކަށް ވުމުގައި އަމިއްލަ އަތުން ޚަރަދެއް އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"އައިޑީކާޑަކީ ހުރިހާ ކަމެއްގައި ވެސް ބޭނުންކުރާ އެއްޗަކީ، އެހެންވެ އައިޑީކާޑަށް ބަދަލުކުރަން ނިންމީ މެމްބަރުންނަށް ފަސޭހަކަން ފޯރުކޮށްދޭން،" ޝިޔާމް ވިދާޅުވި އެވެ.

ގައުމީ ކުތުބުޚާނާގެ މެމްބަރަކަށް ވުމަށްޓަކައި މިހާރު 35 ރުފިޔާ ގައުމީ ކުތުބުހާނާއަށް ދައްކަންޖެހެ އެވެ. ނަމަވެސް އަންނަ މަހުން ފެށިގެން އެއްވެސް ޚަރަދަކާ ނުލައި އަޑިކާޑު ބޭނުންކޮށްގެން މެމްބަރަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ގައުމީ ކުތުބުހާއިން ބުންޏެވެ.