25 Oct 2010, 17:10
1:44- މުޒާހަރާގައި ނޫސްވެރިންނަށް ދިން ހުރިހާ އަނިޔާއެއް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ނޫސްވެރިންނަށް ދިން ހުރިހާ ހަމަލާތަކެއް ބައިނަލްއަގުވާމީ މުޖުތަމައަށް ގެންދާނެ ކަމަށާއި އެކަމާ ދެކޮޅަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވީހާ އަވަހަކަށް އަޅާނެ ކަމަށް ޑީއާރްޕީން ބުނެފި އެވެ. ޑީއާރްޕީގެ ނޫސް ކޮންފަރެންސްގައި އަދިވެސް މުޒާހަރާތައް ސިލްސިލާކޮށް ކުރިޔަށް ގެންދާނެ ކަމަށާއި އެ މުޒާހަރާތަކުގައި ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް ވެސް ވަނީ އެދިފަ އެވެ.
1:33- ޑީއާރްޕީގެ ނޫސް ކޮންފަރެންސް ފަށައިގެން މިހާރު ކުރިޔަށް އެބަދެ އެވެ. ފުލުހުން ބަންދުކުރި މަޖިލީހުގެ މެންބަރުން އެތަނުގައި އެބަތިއްބެވެ.
1:25- ހައްޔަރުކުރި މަޖިލިސް މެންބަރުން ދާދި ދެންމެއަކު ދޫކޮށްލައިފި އެވެ
1:12- މުޒާހަރާގެ ހަރަކާތްތައް މިހާރު ނިމިއްޖެ އެވެ. ޑީއާރްޕީން ނޫސްކޮންފަރެންސެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެ އެވެ.
1:05- ފުލުހުން ބިޑި އަޅުވައިގެން ގެންދިޔަ ކިޔަވާ ކުއްޖަކީ ގ. ނަފީސާ މަންޒިލް އަހުމަދު ނާޝިދެވެ. އޭނާ އަކީ އަރައްބިއްޔާގެ ގުރޭޑް 11 ގައި ކިޔަވާ ދަރިވަރެކެވެ. މާދަމާ ހެނދުނު އޭނާގެ ޓެސްޓް އެބައޮތެވެ.
00:50- ފުލުހުންނާއި މުޒާހަރާގެ ބައިވެރިން ކުރިމަތިލީ ވަގުތު ހިނިގި ހަމަނުޖެހުމުގެ ތެރޭގައި ކައިރީ ގެއެއްގެ ތެރޭގައި ފިލާވަޅު ހަދަން އިނދެފައި ނުކުތް ކުއްޖަކު ވެސް ވަނީ ފުލުހުން ބިޑިއަޅައިގެން ގެންގޮސްފަ އެވެ.
"އަޅުގަނޑު ދުށިން އެކުއްޖާ އާދޭސް ކުރަނިކޮށް ބިޑިއަޅައިގެން ގެންދަނިކޮށް،" ސަންގެ ނޫސްވެރިޔާ ބުންޏެވެ.
00:48- ފުލުހުން ބުނީ އެކި ސަރަހައްދުތަކުން އާންމުންނާއި މަޖިލިސް ބައެއް މެންބަރުން ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރު ކުރި މީހުންގެ އަދަދެއް އަދި ނޭންގޭ ކަމަށެވެ.
00:47- މިހާރު ތިބީ ވަރަށް މަދު ބައެއް. ފުލުހުން ދަނީ އިންޒާރުދެމުން ސަރަހައްދު ސާފު ކުރަމުން. އިންޒާރު ދެމުންދާއިރު ބާރުގެ ބޭނުން ކުރާނެ ކަމަށް ވެސް ފުލުހުން ދަނީ ގޮވަމުންނެވެ. މިހާރު ބައެއް އާންމުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
00:35- މަޖިލިސް މެންބަރުންތައް ހައްޔަރުކުރަން ފަށައިފި ކަމަށް ބުނަމުން އެބަދޭ. މަހުލޫފަށް ވަނީ އަނިޔާވެފައި. މުޒާހަރާ ވަނީ ރޫޅާފައި މިހާރު ވެސް ދަނީ އިންޒާރު ދެމުން. ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ދަނީ ގޮވަމުން. މަހުލޫފާއި އަލީ އާރިފާއި މުހުސިނު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
00:29- އަލިކިލެގެފާނު މަގު މުޒާހަރާގެ ބައިވެރިންނާ ފުލުހުނާ ދެމެދު ކުރިމަތިލުންތައް ހިނގަމުން އެބަދެ އެވެ. ފުލުހުންގެ އަތުން ބައެއް އެއްޗެހި މުޒާހަރާގެ ބައެއް ބައިވެރިން އަތުލައިގެން ދުވަމުން އެބަދެ އެވެ.
00:27- މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ ފުލުހުން ނޫސްވެރިނާމެދު އަމަލުކޮށްފައި ވަނީ ވަރަށް އިހާނެތިކޮށް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެޙޭ ފިޔަވަޅުތައް ލަސްނުކޮށް އަޅާނެ ކަމަށެވެ.
00:22- މުޒާހަރާ އޮތީ އޮލިމްޕަހާ ހަމައިގަ އެވެ. މިހާރު އަލިކިލެގެފާނު މަގުން މުލިއާގެއާ ދިމާއަށް ދަތުރުކުރަމުން އެބަދެ އެވެ. އެ މަގު މުލިއާގެއާ ކައިރިން ފުލުހުން އޮތީ ބަންދުކޮށްފައެވެ.
00:17- ކަރުނަ ގޭސް ޖެހުމުން މުޒާހަރާ ދެބައިވުމާއެކު އަނެއްކާ ދެބައި އެކުވެ އަނެއްކާ ސޯސަން މަގުން މަޖީދީމަގަށް ނުކުތުމަށް ދަތުރު ކުރަން ފަށައިފި އެވެ. މިހާރު މުޒާހަރާ ލީޑް ކުރަމުންދަނީ މަހުލޫފެވެ. ސަރުކާރާއި ރައީސްގެ އިސްތިއުފާއަށް ގޮވަމުން އެބަދެ އެވެ.
00:12- މަޖިލީހުގެ ފުރަގަހުން އަނެއްކާ ވެސް ފުލުހުން ކަރުނަ ގޭސް ބޭނުން ކުރަން ފަށައިފި އެވެ. މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރަމުންދަނީ މުލިއާގެއާ ކައިރިއަށް ދެވޭތޯ އެވެ.
00:12- ނޫސްވެރިންނަށް އަނިޔާ ނުކުރުމަށް މުޒާހަރާގެ ބައިވެރިން ގޮވަމުން އެބަދޭ. އަދި ނޫސްވެރިންގެ ދިފާއުގައި ނުކުންނާނެ ކަމަށާއި ނޫސްވެރިންނަށް ހަމަލަދޭނަމަ، ހަމަލަދޭނެ ކަމަށް ވެސް ގޮވަމުން އެބަދެ އެވެ.
00:08- ނޫސްވެރިން މިހާރު ވެސް އެބަތިއްބެވެ. ފުލުހުން ނޫސްވެރިންނަށް ހަމަލާދީ އަނިޔާ ކޮށްފައި ވަނީ ފުލުހުން ބުނާ ހިސާބަކަށް ފަހަތަށް ޖެހިގެން ތިއްބަ އެވެ. ބާރުގެ ބޭނުން މީޑިޔާގެ ބާރު ބޭނުން ކުރި އިރު ކުރީގެ މުޒާހަރާތަކަށް ވުރެ މިރޭ މުޒާހަރާއަކީ ބޮޑު މުޒާހާރާއެއް ނޫނެވެ. ނޫސްވެރިންނަށް އަނިޔާތައް ލިބިފައިވާއިރު ބައެއް އާންމުންނަށް ވެސް ވަނީ އަނިޔާވެފަ އެވެ.
00:03- ނޫސްވެރިން ބުނަމުން ދަނީ ފުލުހުން ހަދަނީ ދޮގު ކަމަށާއި މިހާރު ވެސް ފުލުހުން ގަސްދުގައި ކަރުނަ ގޭސް ބޭނުން ކުރަމުންދާ ކަމަށެވެ. އެމްއެންބީސީގެ ނޫސްވެރިންނަށް ފުލުހުން ހަމަލަ ނުދޭ ކަމަށް ވެސް ބައެއް ނޫސްވެރިން ދަނީ ބުނަމުންނެވެ. ވީޓީވީގެ ޑިޕިއުޓީ ސީއީއޯ އަށް ވެސް ދެންމެ ވަނީ ހަމަލާދީފަ އެވެ.
"މިޑިޔާ ފާސް ދެއްކުމުން އިހާނެތިކޮށް ވަނީ ހަމަލާދީފައި އަޅުގަނޑު ދުށިން" ސަންގެ ނޫސްވެރިޔާ ބުންޏެވެ. އަލުން ރޭވިގެން އައި ޑީއާރްޕީގެ މުޒާހަރާގެ ސަފުތައް ވަނީ އަނެއްކާވެސް ރޫޅައިލާފައެވެ.
23:49- ހައްޔަރު ކުރި ދެ ނޫސްވެރިން ދޫކޮށްލައިފި. މުޒާހަރާގެ ބައިވެރިން މުޒާހަރާކުރަމުން މެދުޒިޔާރަތް މަގަށް ނުކުތުމާ ގާތްވެއްޖެ އެވެ. މުޅި ސަރަހައްދުގައި ފުލުހުންގެ ސަފުތައް އެތުރި އެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ.
23:55- ޑީއާރްޕީގެ މުޒާހަރާގެ ބައިވެރިން އަނެއްކާ އެކުވެ ސޯސަން މަގުން ދަތުރު ކުރަމުން އެބަދެ އެވެ.
23:49- ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ދެންމެ ވިދާޅުވީ ފުލުހުން ރައިޓްގިޔަރުގައި ހަރަކާތްތެރިވަމުންދާއިރު ސަރަހައްދުގައި ފުލުހުން އަންގާ ގޮތަށް ނޫސްވެރިން ހަރަކާތްތެރިވާނަމަ ފުލުހުންނަށް ފަސޭހަ ވާނެ ކަމަށާއި އެހެންނަމަވެސް އެގޮތް ނުވުމުން ފުލުހުންނާ ނޫސްވެރިނާ ކުރިމަތިލުންތަކެއް މެދުވެރިވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބައެއް ނޫސްވެރިންގެ ކިބައިން އެކްޓިވިސްޓް އުސޫލުތައް ފެންނަ ކަމަށެވެ.
23:43- ފުލުހުން ކަރުނަ ގޭސް ޖަހައި ރޫޅައިލި ޑީއާރްޕީގެ އޮފީސް ދޮށަށަށް އެއްވުމަށް ފަހު އަނެއްކާވެސް މަގުމައްޗަށް ނުކުމެއްޖެ އެވެ.
23:42- ވީޓީގެ ދެ ނޫސްވެރިން ހައްޔަރުކޮށްފި އެވެ. ހުސައިން ފަޔާޒާއި ފަރިޔާލު ހަސަން ފުލުހުން ހައްޔަރު ކުރީ ބިޑި އަޅުވައިގެނެވެ. އެމީހުން ތިބީ ފުލުހުންގެ މައި އިދާރާގަ އެވެ.
23:38- އެ ސަރައްދުގައި ހުރި ނޫސްވެރިޔަކު ބުނީ މުޒާހަރާގެ ހަރަކާތައް ނެތް އިރު ފުލުހުން ނޫސްވެރިން ފަހަތުން ދުވަމުންދާ ކަމަށާއި އެއްވެސް ބެލުމެއް ނެތި ކޮށްޕާއި ބޫޓުންނާއި މުގުރުން ހަމަލާ ދެމުންދާ ކަމަށެވެ.
23:32- ދާދި ދެންމެއަކު ވީޓީވީ ޖަދުއާނަށް ފުލުހަކު ހަމާލާ ދީފި. މިހާރު ވެސް ދަނީ ހަމަނުޖެހުން އުފެދެމުންނެވެ. ހުރިހާ މީޑިޔާތަކުން އަނިޔާ ނުކުރުމަށް އެދެމުންދާއިރު ވެސް ފުލުހުން ނޫސްވެރިންނާ ދެކޮޅަށް ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. މިހާރު މުޒާހަރާގެ އެއްވެސް ހަރަކާތެއް ނެތް އިރުވެސް ފުލުހުން ދަނީ ނޫސްވެރިނާ ކުރިމަތިލަމުންނެވެ.
23:27- ދިއެފްއެމްގެ އިބުރާހިމް ޝާފިއު ބުނީ އޭނާގެ ކަށިމަތީގަ އާއި ބޮލުގައި މުރުން ޖަހާފައިވާ ކަމަށާއި އޭނާ އުފުލާލައިގެން ފުލުހުންގެ އިދާރާއާ ހަމައަށް ވެސް ގެންދިޔަ ކަމަށެވެ. ނޫސްވެރިން ބުނަނީ ފުލުހުން ނޫސްވެރިންނަށް ހަމަލާ ދެމުންދަނީ އެއްވެސް ބެލުމެއް ނެތި ކަމަށާއި މުހާތަބު ކުރަމުންދަނީ ވެސް ވަރަށް ހުތުރު އިބާރާތުން ކަމަށެވެ. މިއީ ރާއްޖޭގައި އަދި އެއްވެސް މުޒާހަރާއެއްގައިވެސް ހަމަނުޖެހުމެއްގައިވެސް ފުލުހުން އަމަލުކޮށްފައިވާ ގޮތެއް ނޫނެވެ.
23:23- ސިފައިންގެ ސަފުތައް އިންޒާރު ދެމުން އަމީރު އަހުމަދު މަގުން ކުރިއަރައިގެން އެބަ އާދެ އެވެ. ސިފައިން އަންގަމުންދަނީ އެ ސަރަހައްދު ސާފު ކުރަން ބޭނުންވާ ކަމަށާއި އެ ސަރަހައްދު ދޫކޮށް ދިއުމަށެވެ.
23:21- ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ފުލުހުން ނޫސްވެރިންނާ ކުރިމަތިލީ ފުލުހުން އަންގާ ގޮތަށް އެސަރަހައްދުގައި ހަރަކާތްތެރި ނުވުމުން ކަމަށެވެ.
23:18- މުޒާހަރާ ކަވަރު ކުރުމަށް ނުކުމެ އުޅުނު އެކި މިޑިޔާތަކުގެ ވަރަށް ގިނަ ނޫސްވެރިނަށް ފުލުހުން ގަސްދުގައި ހަމަލަދެމުންދާ ކަމަށް އެ ސަރަހައްދުގައި ތިބި ނޫސްވެރިން ދަނީ ބުނަމުންނެވެ. ބައެއް ނޫސްވެރިންނަށް ބޮޑެތި އަނިޔާތައް ވެފައިވާއިރު ބައެއް ނޫސްވެރިންނަށް ފުލުހުން ވަނީ މުގުރުބުރިން ހަމަލާދީފަ އެވެ. އަދި ލޮލަށް އަސޭމިރުސް ދުންޖަހައިފަ އެވެ. މިއަދު ނޫހުގެ ޝަހީދާގެ ބުރަކަށީގައި ފުލުހަކު ބޫޓުން ޖެހިކަމަށް އޭނާ ބުނަމުން އެބަދެ އެވެ.
23:14- މިއަދު ނޫހުގެ ޝަހީދާ އާއި ހަވީރުގެ ނަސުރުﷲ އަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.
23:12- ނޫސްވެރިން ދުރު ކުރުމަށް ފުލުހުން ޕެޕާސްޕްރޭ ބޭނުންކޮށްފައެވެ. މިޑިޔާގެ ވަރަށް ގިނަ މީހުން ނަށް ވަނީ އަނިޔާވެފައެވެ. ބައެއް ނޫސްވެރިން ބިންމައްޗަށް ވެއްޓިފަ އެވެ. ނޫސްވެރިންނަށް އަމާޒުކޮށް ބާރުގެ ބޭނުންކޮށްފައިވާއިރު މުޒާހަރާގެ ބައިވެރިން ތިބީ މާ ދުރުގައެވެ.
23:03- ފޮރިން މިނިސްޓްރީ ކައިރިން ދުރަށް ދިއުމަށް ފުލުހުން އިންޒާރު ކުރަމުން އެބަދެ އެވެ.
"ދުރަށް ނުގޮސްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެބަ އިންޒާރުކުރޭ،" އެ ސަރައްދުގައި ހުރި ސަންއެފްއެމް އޮންލައިންގެ ނޫސްވެރިޔާ ބުންޏެވެ.
23:03- ފޮރިން މިނިސްޓްރީ ކައިރިން މުޒާހަރާގެ ބައިވެރިންނަށް ކުރިއެރޭ ގޮތެއް ނުވި އެވެ. ފުލުހުންގެ މަގު ބަންދުކޮށްފައިވާތީ އެ ސަރަހައްދުގައި ތިބެގެން ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުން އެބައެވެ. އެ ސަރަހައްދަށް ނޫސްވެރިން ދިއުން ވެސް ފުލުހުން ވަނީ މަނާކޮށްފަ އެވެ.
22:55- މުޒާހަރާގެ ބައިވެރިން ރައީސް އޮފީހާ ދިމާއަށް ހިނގަމުން އެބައެވެ. ނަމަވެސް އެ ސަރަހައްދު އޮތީ ފުލުހުންގެ ސަފުތައް ރުކުރުވައިލާ ބަންދުކޮށްފަ އެވެ.
22:53- ކަރުނަ ގޭސް ޖެހުމުން ބައިބައި ވެގެން ދިޔަ މުޒާހަރާގެ ބައިވެރިންގެ ގިނަ އަދަދެއްގެ ބަޔަކު ޑީއާރްޕީގެ ނައިބު ލީޑަރު އުމަރު ނަސީރާއެކު އަމީރު އަހުމަދު މަގުން މަޖީދިއްޔާ ދޮރާއްޓާ ދިމާއަށް ޖަމާވަމުން އެބަދެ އެވެ.
22:50- ފުލުހުން ގެ އޮފިޝަލަކު ވިދާޅުވީ މިރޭ ބާރުގެ ބޭނުންކޮށްފައި ވަނީ ފުލުހުންގެ ސަފުތަކާ ކުރިމަތި ނުލުމަށް ތަކުރާރުކޮށް އިންޒާރު ކުރުމަށް ފަހުގައި ކަމަށެވެ. ހިޔާލު ފާޅު ކުރުމުގެ މައިދާން ދޫކޮށް މަގުތަކަށް ނުކުމެ ފުލުހުންނާ ކުރިމަތިލާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
22:47- ދި ޓީވީގެ ކެމެރާ މަންގެ ބޯ ފަޅައިގެން ދިޔައީ ފުލުހުން އެއްލި ކަރުނަގޭސް ފުޅިއަކުން ޖެހި އެވެ.
22:40- މިރޭ ކަރު ފުލުހުން ބާރުގެ ބޭނުން ކޮށް މުޒާހަރާގެ ބައިވެރިން ފަހަތަށް ފޮނުވާލާފައި ވަނީ ސޯސަން މަގުން ގޮސް މެދުޒިޔާރަތް މަގަށް އަޅަން އުޅެނިކޮށެވެ. ކަރުނަގޭސް ޖަހާފައި ވަނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައެވެ. ފުލުހުންގެ ސަފުތައް ކުރިއަރައިގެން އައި ވަގުތު ތިން ފަހަރު މަތިން ކަރުނަ ގޭސް ބޭނުން ކޮށްފައިވެ އެވެ. އަދި ބައެއް މީހުން ކޮށްޕާ ފަހަތަށް ޖައްސުވާފައިވައެވެ.
މެދުޒިޔާރާތް މަގުގައި މިވަގުތު ތިބި ޑީއާރްޕީގެ ޕާލަމެންޓް ގްރޫޕްގެ ބައެއް މެންބަރު ފުލުހުންނާ ވާހަކަ ދައްކަމުން އެބަދެ އެވެ. މުޒާހަރާގެ ބައިވެރިން ތިބީ އެކި ސަރަހައްދުތަކުގައެވެ.
22:31- ޑީރާޕީގެ މުޒާހަރާ ހުއްޓައިލި ކަމެއް އިއުލާނެއް ނުކުރެއެވެ. ބައިވެރި ފަހަތަށްޖެހި އެކި ސަރައްދުތަކުގައި އެބަތިއްބެވެ.
22:23- މެދުޒިޔާރާތް މަގުން ކަރުނަ ގޭސް ޖަހަމުން އެބަދެ އެވެ. ފުލުހުންނާ މުޒާހަރާގެ ބައިވެރިނާ ދަނީ ކުރިމަތިލުންތައް ހިނގަމުންނެވެ. ދިޓީވީގެ ކެމެރާނަކަށް ވަނީ ގެއްލުން ލިބިފައެވެ. މީޑިޔާގެ އެއްވެސް ފަރާތަކަށް މުޒާހަރާ ކުރާ ތަނަށް ވަނުމުގެ ފުރުސަތެއް ނުދެ އެވެ. ތިން ފަހަރު މަތިން ވަނީ ކަރުނަ ގޭސްޖަހައިފައެވެ.
ޑީއާރްޕީގެ އިސް ލީޑަރުން ކުރީގައި ތިބެގެން މުޒާހަރާގެ ބައިވެރިން މުލިއާގެއާ ދިމާއަށް ހިނގައިގެންފި އެވެ. މުޒާހާރާގެ ބައިވެރިން ނިންމާފައި ވަނީ މިރޭ މަޖީދީ މަގުން ގޮސް ސޯސަން މަގުން މެދިޒާޔާރަތް މަގުން މުލިއާގެ ކުރި މައްޗަށް ދާށެވެ. މުޒާހަރާގެ ބައިވެރިން ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުން މިހާރު ދަތުރު ކުރަމުން ދަނީ މަޖީދީ މަގުންނެވެ. ޑީއާރްޕީ އޮފީސް ކުރިމަތިން ނައްޓާލީ ފުލުހުން ކަރުނަ ގޭސް ޖަހައިފިނަމަ އަޅާނެ މާސްކުވެސް ހޯދައިގެނެވެ. މިރޭ ވެސް ފުލުހުން ވަނީ މުލިއާގެއާ ގުޅޭ ސަރަހައްދުތައް ބަންދުކޮށްފަ އެވެ.