ރ. ދުވާފަރުގައި އަމިއްލައަށް މަރުވާން އުޅުނު އަންހެނަކު ފުލުހުން ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 11:00 ހާއިރު ދުވާފަރު ކުނިގޮނޑާއި ދިމާލުން މޫދަށް އެރިގެންގޮސް އަމިއްލައަށް މަރުވާން އުޅެނިކޮށް ސަލާމަތްކޮށްފައިވަނީ އެރަށު 26 އަހަރުގެ އަންހެނެއް ކަމަށެވެ. ނަމަވެސް އެ މީހާގެ ނަމާއި އެޑްރެހެއް ފުލުހުން ނުބުނެ އެވެ.

ފުލުހުންގެ ޓީމެއް ގޮސް މޫދަށް އެރި އޭނާ ސަލާމަތް ކުރި ވަގުތު ކަނޑު ވަރަށް ގަދަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ އަންހެން މީހާ ސަލާމަތްކުރުމަށް ފަހު ދުވާފަރު ފެމެލީ އެންޑް ޗިލްޑްރަންސް ސެންޓަރާއި ހަވާލުކޮށްފައި ކަމަށެވެ.

ސަންއާ ވާހަކަދައްކަމުން ދުވާފަރު މީހަކު ބުނީ އެ އަންހެން މީހާ އަމިއްލައަށް މަރުވާން އުޅެފައި ވަނީ އޭނާގެ އާއިލާއާ މެދު ޖެހުނު މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އެ އަންހެން މީހާއަކީ މީހަކާ އިނދެ ވަރިކޮށްފައި ހުންނަ މީހެއްކަމަށާއި ހަތް އަހަރާއި ތިން އަހަރުގެ ދެ ދަރިން ވެސް އޭނާގެ ހުންނަ ކަމަށް ވެސް އެ މީހާ ބުންޏެވެ. ނަމަވެސް ކޯޓުން އެ ދެ ކުދީން ބައްޕައާ ހަވާލުކޮށްފައިވާތީ އެ އަންހެން މީހާ އެކަމާ ހިތާމަ ކުރާ ކަމަށް ވެސް ދުވާފަރުން ވާހަކަދެއްކި މީހާ ބުންޏެވެ.

އެ އަންހެން މީހާއާއި އޭނާގެ ކުދިންނާއި ބައްދަލުނުވާތާ ތިން ވަރަކަށް މަސް ވެފައިވާކަމަށް ވެސް ދުވާފަރުން ވާހަކަދެއްކި މީހާ ބުންޏެވެ.