ޓޫރިޒަމް ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ދެވޭ އެވޯޑެއް ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ މައި އިވެންޓް ރާއްޖޭގައި ބޭއްވޭތޯ މަޝްވަރާކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓުރީއިން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ނައިބު މުހައްމަދު މަލީހު ޖަމާލު މިއަދު ސަން އޮންލައިނަށް ވިދާޅުވީ "ވޯލްޑް ޓްރެވަލް އެވޯޑްސް 2014" ރާއްޖޭގައި ބޭއްވޭތޯ އެ އިވެންޓް އޯގަނައިޒް ކުރާ ވޯލްޑް ޓުރެވަލް އެވޯޑްސް ގުރޫޕާއެކު ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މަޝްވަރާ ކުރުންތައް ފަށާފައިވާ ކަމަށެވެ.

މަލީހު ވިދާޅުވީ ޓޫރިޒަމް ދާއިރާއިން މުޅި ދުނިޔެއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް ދޭ އެ އެވޯޑް ދިނުމުގެ ހަފްލާ ރާއްޖޭގައި ބޭއްވޭތޯ މަޝްވަރާ ކުރަމުންދާއިރު އެއިވެންޓް ރާއްޖޭގައި ބޭއްވުވުމުގެ ފުރުސަތު ރާއްޖެއަށް ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އާއްދިތަ ދުވަހު ރާއްޖޭގައި ބޭއްވުނު "ވޯލްޑް ޓްރެވަލް އެވޯޑްސް 2013" ގެ އިންޑިއަން އޯޝަން ކެޓަގަރީއާއި ދޭތެރޭވެސް އެގުރޫޕުން ވަރަށް ހިންހަމަޖެހިފައި ތިބި ކަމަށާއި އެހެންކަމުން އެއީ އެފުރުސަތު ރާއްޖެއަށް ލިބިދާނެކަމުގެ ހެއްކެއްކަމަށް މަލީހު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް އެއިވެންޓް ރާއްޖޭގައި ބޭއްވޭނެ ކަމުގެ، އެބޭފުޅުންވެސް ވަރަށް ބޮޑު އިސްކަމެއްދޭ މިފަދަ ގަުއމުތަކުގައި ބޭއްވުމަށް" މަލީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ އިވެންޓެއް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުމަކީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

ވޯލްޑް ޓުރެވަލް އެ ވޯޑަކީ 1993 ވަނަ އަހަރުން ފެށިގެން ޓްރަވެލް އިންޑަސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް އަހަރަކު އެއް ފަހަރު ދެމުން އަންނަ އެވޯޑެކެވެ. އަދި މި އެވޯޑަކީ ޓްރަވެލް އިންޑަސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ އެންމެ އަގުބޮޑު އެވޯޑުވެސްމެ އެވެ.