ރަށު ކައުންސިލަރުންނަށާއި އަތޮޅު ކައުންސިލަރުންނަށް އެ މަގާމުތަކުގައި ތިބެގެން އިތުރު ދައުރަކަށް ކުރިމަތިލެވޭ ގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނެސްފައިވާ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި އެ ބިލް ރައީސް ތަސްދީގު ކުރެއްވުމާ އެކު އެގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އެ އިސްލާހް ހުށަހަޅުއްވައިފައި ވަނީ ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ 12 މާއްދާގެ (ހ)ގެ (6) ނަންބަރުގައި ބުނެފައިވަނީ ގާނޫނޫ އަސާސީގެ ދަށުން އިންތިހާބު ކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ލޯކަލް ކައުންސިލެއްގެ މެންބަރު ކަމަށް ކުރިމަތި ނުލެވޭނެ ކަމަށެވެ. ނަމަވެސް އެ އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާއެކު އެމާއްދާ އުވިގެންދާނެ އެވެ.