މިދިޔަ ބުރާސްފަތި ދުވަހު ފަރެސްމާތޮޑާ އިން ގެއްލުނު މީހާ ހޯދުމަށް ކަނޑުގަދަވެ ވިއްސާރަ ވުމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް މީޑިޔާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ ފަރެސްމާތޮޑާ އިން ގެއްލުނު، ރޯޒީ ސައިޑް މުހައްމަދު ފަލާހް،30، ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުންދާ ކަމަށާއި ނަމަވެސް އެ ސަރައްދުގެ ކަނޑުގަދަވުމާއި ވައި ގަދަވުމުގެ ސަބަބުން އޭނާ ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ގެއްލުނު މީހާ ހޯދުމަށް ބޭނުންކުރި އެމްއެންޑީއެފް "ކުރަނގި" ހެލިކޮޕްޓަރު ވެސް މޫސުން ގޯސްވުމާ ގުޅިގެން ބޭނުންނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ސަރައްދުން އަޅުގަނޑުމެނަށް މައުލޫމާތު ލިބެނީ ކަނޑުގަދަވެ މޫސުން ގޯސްކަމަށް. އެހެންވެ ހެލްކޮޕްޓަރު ވެސް މިހާރު ވަނީ މިވަގުތު ބޭނުންކުރުން ހުއްޓާލާފައި. ކަނޑުއެހާ ގަދަ ވީމާ މޫދުން ހޯދުމަށް ހުރަސްތަކެއް މި ވަނީ ކުރިމަތިވެފައި،" އަބްދުﷲ އަލީ ވިދާޅުވި އެވެ.

ފަލާހް ގެއްލިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ކުޑަ ޑިންގީއެއްގައި ފަރެސްމާތޮޑާ ކައިރީގައި އޮންނަ "ފާތިހުއްޓާ" ކިޔާ ފަޅުރަށް ކަރިނެވެ. އެމްއެންޑީއެފް އިން ބުނެފައި އެއީ އައުޓް ބޯޑް އިންޖީނެއް އަޅާފައިވާ 14 ފޫޓްގެ ގުރާފެހި ކުލައިގެ ދަވާދު ލާފައިވާ ޑިންގީއެއްކަމަށެވެ.