14 May 2013, 13:56
ހަރުދަނާ ސަރުކާރެއް އުފެދިފައިނެތުމުގެ "ހިތި" ރައްޔިތުން ތަޖުރިބާ ކުރަމުން ގެންދާ ކަމަށާއި އެފަދަ ސަރުކާރެއް މިރާއްޖޭގެ ވުޖޫދަށް ގެނެސްދެވޭނީ ޕީޕީއެމަށް ކަމުގައި އެ ޕާޓީގެ ރަނިން މޭޓް ކަމުގައި މިހާރު އިއުލާންކޮށްފައިވާ ކުރީގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް ސަން އޮންލައިނަށް ދެއްވި އިންޓަވިއެއްގައި މިއަދު ވިދާޅުވީީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ޕީޕީއެމް ވަރަށް ފުރިހަމަ އަޣުލަބިއްޔަތަކުން ކާމިޔާބު ކުރާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އޮތް ކަމަށެވެ. އެކަމުގެ އެއް ސަބަބަކީ 2008 ވަނަ އަަހަރު އާ ގާނޫނު އަސާސީ އުފަންވުމަށް ފަހު މިހާތަނަށް ރާއްޖެ އަށް ހަރުދަނާ ސަރުކާރެއް ލިބިފައިނުވުން ކަމަށާއި އެކަމުގެ ހިތި ރާއްޖޭގެ ހުރިހާ ރައްޔިތުން ތަހައްމަލު ކުރަމުން ގެންދާ ކަމުގެ ހެކި ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ މިހާތަނަށް ކޯލިޝަންތައް ހަދައިގެން އައިސްފައިވާ ސަރުކާރުތަކަކީ ވަރަށް ހިތި އެއްޗެއްގެ ގޮތުގައި ރައްޔިތުންނަށް ފެނިގެން ގޮސްފައިވާ ކަމަށެވެ.
"ކޯލިޝަންއަކީ ވަރަށް ހިތި އެއްޗެއްގެ ގޮތުގައި މިހާތަނަށް ފެނަމުން ގޮސްފައި ވަނީ. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ރައީސް ނަޝީދުގެ ޣިޔާލަތުގައި (ލީޑާޝިފް) ވެސް ހަމަ އެކިއެކި ޖަމާއަތްތަކާ އެކު ހެދި ކޯލިޝަންއަކީ ވަރަށް ހިތި އެއްޗެއްގެ ގޮތުގައި. އަނެއްކޮޅުން މިހާރު މިފެންނަނީ އެހާ ބޮޑު ޖަމާއަތެއް ވެސް ކުދި ޖަމާއަތްތަކުން ކޯލިޝަން ހަދާތަން،އެހެންވެ ހަރުދަނާ ސަރުކާރެއް ޕީޕީއެމުން ވުޖޫދަށް ގެންނާނަން،" ޖަމީލް ވިދާޅުވި އެވެ.
ހަރުދަނާ ސަރުކާރެއް ޕީޕީއެމުން ގެނައުމުގެ ނަތީޖާއަކަށް ވެގެންދާނީ ފުރަތަނަ ފަހަރަށް ރާއްޖޭގެ ރައްޔިތުންނަށް ހިންގަން ޖެހޭ ޕްރޮގްރާމްތައް، ގާނޫނު އަސާސީ އިން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދީފައިވާ އިޖުތިމާއީ ރައްކާތެރިކަމާއި އިގުތިސާދީ ރައްކާތެރިކަން އެކުލެވިގެންވާ ސަރުކާރު ހިންގާނެ ކަމުގައި ޖަމީލް ވިދާޅުވި އެވެ. އަދި އެ ޕާޓީ އަށް މިހާތަނަށް ލިބިފައިވާ އެއް ކުރިއެރުމަކީ އެޕާޓީން ކުރިއަށް ގެންދިއުމަށް އެޕާޓީގެ މެނިފެސްޓޯގައި ކުރުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކަކީ ރައްޔިތުން ބަލައިގެންނާނެ ޕްރޮގްރާމްތަކެއް ކަމުގައިވުން ކަމަށް ޖަލީލް ވިދާޅުވި އެވެ.
"އިގުތިސާދީ އަދި ވިޔަފާރި ވަޒީފާ އުފެއްދުން ވެގެން ދާނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއްވެސް ސިޔާސީ ޕާޓީއަކުން ޒުވާނުންނަށް މިހާ ފުޅާދާއިރާއެއްގައި ފުރުސަތު ހުޅުވާލައި ޒުވާނުންގެ ވަޒީފާ އިތުރު ކުރުމަށްޓަކައި އެންމެ ފުޅާ ޕްރޮގްރާމަށް، އޭގެ އިތުރުން އިޖުތިމާއީ ގޮތުން ރާއްޖޭގައި އަންހެނުންނަށް ހޯދައިދެވޭ ރައްކާތެރިކަން ހިމެނޭ. އޭގެތެރޭގައި އާއިލާތައް ރޫޅުމުގެ ސަބަބުން ބޯހިޔާވަހިކަން ގެއްލޭ ފަރާތްތަކަށް ދާއިމީ ބޯހިޔާވަހި ކަމެއް ލިބެންދެން ސަރުކާރުން އެފަރާތްތަކަށް ރައްކާތެރި ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް މިވަނީ ކަނޑައަޅާފައި. އަދި އެކިއެކި މައްސަލަތަކާ ހުރެ ބޯހިޔާވަހިކަން ގެއްލޭ ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަމެއް ލިބެންދެން ސަރުކާރުން އެފަރާތްތަކަށް ރައްކާތެރި ބޯހިޔާވަހި ކަމެއް ފޯރުކޮށްދިނުމުގެ އިންތިޒާމްތަކެއް ވެސް މިވަނީ ކަނޑައަޅާފައި. މީގެ އިތުރުން ކައިވެނިތައް ރޫޅުމުން އެކަނިވެރިވާ ފަރާތްތަކަށް އެ ދެމަފިރިންގެ އެކުގައި ދިރިއުޅެގެން ހޯދައިފައިވާ މުދާ ލިބޭނެ ގޮތްތަކެއް ވެސް އަޅުގަނޑުމެން ވާނީ ރާވައިފައި،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ރައްޔިތުން މިއަދު މިރާއްޖޭގެ ވެރިކަމަށް ބަޔަކު ގެންނައިރު ސަރުކާރުތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އަދި އިޖުތިމާއީ އަދި އިޖުތިސާދީ ރައްކާތެރިކަމެއް ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރި ބަޔެއްތޯ ބަލާނެ ކަމަށް ދެކެވަޑައިގެންނަވާ ކަމުގައި ޖަމީލް ވިދާޅުވި އެވެ. އަދި އެކަން ކޮށްދެވޭނީ ހަމައެކަނި އެޕާޓީއަށް ކަމުގައި ދެކެވަޑައިގެންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.