14 May 2013, 13:47
ތިރީސް ތިން ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޒަންގައި ރޭ ކުޅުނު މެޗް އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީންއިން ކާމިޔާބު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗް އެމްއެސްއެޗްއެޗްއެސްއޭ އިން ކާމިޔާބު ކުރީ ވީ ޔުނައިޓެޑް ސްޕޯޓްސް ކުލަބާ ވަދަކޮށް 62 ޕޮއިންޓު 35 ޕޮއިންޓުންނެވެ.
ރޭގެ މެޗުގައި އެމްއެސްއެޗްއެޗްއެސްއޭއަށް އެންމެ ގިނަ ޕޮއިންޓް ހޯދައި ދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ހުސެއިން ސަހްހުނޫން އެވެ. އޭނޭ ވަނީ މެޗުގައި ޖުމްލަ 22 ޕޮއިންޓް ކާމިޔާބު ކޮށްދީފަ އެވެ. އަދި ވީ ޔުނައިޓެޑްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 14 ޕޮއިންޓު އަހުމަދު ސަނީހު އެވެ.
މުބާރަތުގައި މިރޭ 9:00 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް ދޭއްގެ ޑީބާސްކެޓް ބޯލް ކުލަބާއި ޔޫތް ސްޕޯޓްސް ކުލަބެވެ.
މުބާރާތުގެ ގްރޫޕް އެކެއްގައި ހިމެނޭ ޓީމްތަކަކީ ޕޮލިސް ކުލަބާއި ކުލަބް އީގަލްސްއާއި އެމްއެސްއެޗްއެޗްއެސްއޭ އަދި ވީ ޔުނައިޓެޑް ސްޕޯޓްސް ކުލަބެވެ. އަދި ގްރޫޕް ދެއްގައި ހިމެނޭ ޓީމްތަކަކީ ޑީ ބާސްކެޓް ބޯލް ކުލަބާއި ޔޫތް ސްޕޯޓްސް ކުލަބް އަދި ދަ ބައުސް ސްޕޯޓްސް ކުލަބެވެ.
ޖުމްލަ ހަތް ޓީމް ވާދަކުރާ މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހައިލައިގެން ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ ޓީމާއި ދެ ވަނަ ޓީމް ސެމީ ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި މިމަހުގެ 22 ވަނަ ދުވަހު ނިކުންނާނީ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމާއި ގްރޫޕް ދޭއްގެ ދެ ވަނަ ޓީމެވެ. އަދި މުބާރާތުގެ ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ ދެ ވަނަ ޓީމާއި ގްރޫޕް ދޭއްގެ އެއް ވަނަ ޓީމެވެ.
މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ފުރަތަމަ ސެމީން މޮޅުވާ ޓީމަކާއި ދެ ވަނަ ސެމީން މޮޅުވާ ޓީމެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.