މަނީ ގްރާމް ހެކްކޮށްގެން ހަތަރު މިލިއަނެއްހާ ރުފިޔާ ރާއްޖޭން ބޭރުކުރި މައްސަލައިގެ ތަހުގީގު ނުނިމޭތީ އަދިވެސް އެ ޚިދުމަތް ދޭން ފަށާފައިނުވާ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެފި އެވެ.

މަނީގްރާމް ހެކުކޮށްގެން 4.9 މިލިއަން ރުފިޔާ ރާއްޖެ އިން ބޭރުގެ ގައުމަކަށް ބަދަލުކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު މަނީ އެކްސްޕްރެސް ހެކްކޮށްގެން ހަތަރު ލައްކައެއްހާ ރުފިޔާގެ ފްރޯޑް މައްސަލަ ތަހުގީގު ކުރަމުންދާތާ މިއަދަށް މަހަކަށް ވުރެ ގިނަ ދުވަސް ވަނީވެފަ އެވެ.

ނަމަވެސް އެ ދެ މައްސަލައާ ގުޅިގެން ވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި ފުރޯޑުގެ އެ ދެ މައްސަލައިގެ ތަހުގީގު ދިޔަ ހިސާބެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މަނީގްރާމްގެ ހިދުމަތް މެދުކަނޑާލާފައިވިއަސް، މަނީ އެކްސްޕްރެސްގެ ޚިދުމަށް ދެމުން އަންނަ ކަމަށް ޕޯސްޓް ލިމިޓެޑްގެ ޗެއާމަން އަހުމަދު ނިޒާމު ވިދާޅުވި އެވެ. ނިޒާމު ވިދަޅުވީ މަނީގްރާމްގެ ޚިދުމަތް ނުފެށި ވަނީ އެ މައްސަލައިގެ ތަހުގީހު އަދިވެސް ކުރިއަށްދާތީ ކަމަށެވެ.

މަނީގުރާމްގެ ހިދުމަތަކީ 1940 ވަނަ އަހަރުން ފެށިގެން އެއް ގައުމުން، އަނެއް ގައުމަށް ފައިސާ ބަދަލުކުރުމުގެ ހިދުމަތް ދެމުން އަންނަ އެމެރިކާގެ ކުންފުންޏެކެވެ. ސަތޭކަ ނުވަދިހަ ހަތަރު ގައުމެއްގައި ހިދުމަތް ދެމުންދާ މަނީގްރާމަކީ 275،000 އެޖެންޓުންނާ އެކު ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު ފައިސާ ބަދަލުކުރުމުގެ ހިދުމަތްދޭ ކުންފުންޏެވެ.