ސިޔާސީ ޕާޓީތަކުގެ އަހަރީ އޮޑިޓް ރިޕޯޓް މިއަދު ހުށަހަޅަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އިލެކްޝަންސްގައި ރަޖިސްޓްރީކޮށްގެން ރާއްޖޭގައި ހިންގާ ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް އެ ޕާޓީތަކުގެ އަހަރީ އޮޑިޓް ރިޕޯޓް މިއަދު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް އެ ޕާޓީތަކުގެ އަހަރީ އޮޑިޓް ރިޕޯޓް މިއަދު ހުށަހަޅަން ޖެހޭނެ." ފުއާދް ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަދުގެ ފަހުން އޮޑިޓް ރިޕޯޓް ހުށަހަޅާ ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރައްވާނެ ކަމަށެވެ. އަދި ޖޫރިމަނާ ކުރާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކޮމިޝަންގެ މެންބަރުންގެ މަޝްވަރާގެ މަތިން ކަމަށެވެ.

ފުއާދު އިތުރަށް ވިދާޅުވީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި ވެސް އޮޑިޓް ރިޕޯޓަށް ބަލާ ކަމަށާއި އަދި އޮޑީޓް ރިޕޯޓް ހުށަނާޅާ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ފައިސާ ދޫނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ހުށަހަޅާ އޮޑިޓް ރިޕޯޓުގައި ހިމަނަން ޖެހޭ މައުލޫމާތު ފުރިހަމަކޮށްފައި ނުވާ ނަމަ އެ ކޮމިޝަނުން އެ ޕާޓީއަކަށް އަންގައިގެން އެ މައުލޫމާތު ހޯދާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވެސް ވަނީ އޮޑިޓް ރިޕޯޓް ހުށަނާޅާ ސިޔާސީ ޕާޓީތަކުގެ ފައިސާ ހިފަހައްޓައިފަ އެވެ.