ވަޒީފާއަށް މީހުން ހޮވުމުގައި ގަވައިދާ ހިލާފަށް ވަކި ފަރާތަކަށް ފައިދާ ލިބޭގޮތަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ އެސްޓީއޯގެ އިސް ތިން މުއައްޒަފެއްގެ މައްޗަށް މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ޕީޖީ އަށް ފޮނުވައިފި އެވެ.

އޭސީސީ އިން މިއަދު ބުނީ މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ އެސްޓީއޯގެ އިސް ތިން މުއައްޒިފުންނަކީ އެސްޓީއޯގެ ސޭލުސް އެންޑް މާކެޓިން މެނޭޖާ ނާއިފް ސަލީމް އާއި އެސްޓީއޯގެ ސޭލުސް އެންޑް މާކެޓިންގެ ޖެނެރަލް މެނޭޖާ އާދަމް އާޒިމްގެ އިތުރުން ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާންގެ މައްޗަށް ކަމަށެވެ.

އޭސީސީ އިން ބުނީ އެ މީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައި ވަނީ ގދ. ތިނަދޫ ގައި ހުންނަ އެސްޓިއޯގެ ފިހާރައަށް މުވައްޒަފުން ވެއްދުމަށް ކުރި އިއުލާނާ ގުޅިގެން ވަޒީފާ އަށް މީހުން ވެއްދުމުގައި ގަވައިދާ ހިލާފަށް ވަކި ފަރާތަކަށް ފައިދާ ލިބޭ ގޮތަށް އަމަލުކޮށްފަިއވާތީ ކަމަށެވެ.

އެގޮތުން އެވަޒީފާތަކަށް ކުރިމަތިލި ފަރާތްތަކުގެތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކުގެ އެޕުލިކޭޝަން ބާތިލްކޮށްފައި ނުވާކަމަށާއި އަދި އެގޮތަށް އެސްޓީއޯ އިން އަމަލުކޮށްފައި ވަނީ ޝަރުތު ހަމަނުވާ ފަރާތްތައް ވަޒީފާ އަށް ހޮވުމަށް ކަމަށް ބެލެވޭކަމަށާއި އަދި ވަޒީފާ އަށް މީހުން ހޮވުމުގައި އެފަރާތްތަކުން ހުށައަޅާފައިވާ ތައުލީމީ ސެޓްފިކެޓްތަކަށް ބަލައިފައިނުވާކަމަށް ބުނެފައިވެ އެވެ.

އެމަގާމްތަކަށް މީހުން ޝޯޓްލިސްޓް ކުރުމުގައި ވަޒީފާއަށް ހޮވުނު އެއްފަރާތަށް ދޭންޖެހޭވަރަށް ވުރެ އިތުރަށް އެސްޓީއޯގެ ސޭލުސް އެންޑް މާކެޓިން މެނޭޖާ ނާއިފް ސަލީމް މާކުސް ދީފައިވާ ކަމަށާއި އަދި ވަޒީފާއަށް ކުރިމަތިލި އެއްފަރާތުން އެކްރެޑިޓްނުކޮށް ހުށައަޅާފަިއވާ ސެޓްފިކެޓް ޑިޕްލޮމާ ފެންވަރުގެ ސެޓްފިކެޓެއްކަމަށް ޝޯޓްލިސްޓްކުރުމުގައި ބަލާފަވާ އިރު އެފަރާތަކީ ތަޖުރިބާ ހުރި ފަރާތެއްކަމަށް އެސްޓީއޯގެ ސޭލުސް އެންޑް މާކެޓިން މެނޭޖާ ނާއިފް ސަލީމް އާއި ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖާ ފާތިމަތު އާޝާން ބުނެފައި ޝޯޓްލިސްޓް ކުރުމުގައި އެފަރާތުގެ ތަޖުރިބާގެ ބަޔަށް މާކުސް ދީފައިވަނީ ނުހައްގުން ކަމަށް އޭސީސީ އިން ބުނެފައިވެ އެވެ.

އޭސީސީ އިން ބުނީ އެސްޓިއޯގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖާ ފާތިމަތު އާޝާން އާއި ސޭލުސް އެންޑް މާކެޓިން ޑިޕާޓަމަންޓްގެ ޖެނެރަލް މެނޭޖާ އާދަމް އާޒިމް އަށް އެސްޓީއޯގެ ތިނަދޫ ފިހާރައަށް ސޭލްސް ރެޕްރެޒެންޓިވްސް ނެގުމަށް ކުރި އިއުލާނާ ގުޅިގެން ހުށައެޅުނު ހުރިހާ ލިޔެކިޔުމެއް ލިބުނުނުކަމަށް ތަހުގީގްގައި ބުނެފައިވާ އިރު އިންޓަވިއުއަށް ފަހު ވަޒީފާ ލިބުނު ދެ ފަރާތަށް ވަޒީފާ ހަމަޖައްސަން ހިއުމަން ރިސޯސް ޑިޕާޓްމަންޓްގައި އެދުމުގެ ކުރިން އާދަމް އާޒިމްއަށް އެ އިއުލާނާ ގުޅިގެން ކުރި ޝޯޓްލިސްޓް ނަތީޖާ އާއި އިންޓަވިއުގެ އިތުރުން ހުރިހާ ނަތީޖާއެއް ބަލާފައިވާ ކަމަށް ވެސް ތަހުގީގްގައި ބުނެފައިވާ ކަމަށެވެ. އަދި ފާތަމަތު އާޝާން އެދެފަރާތަށް ވަޒީފާ ހަމަޖެހުނުކަމުގެ ލިޔުން ތައްޔާރުކުރީ އާދަމް އާޒިމް ވަޒީފާ ހަމަޖެއްސުމަށް ކުރި ސޮޔަށް ބެލުމަށްފަހު ކަމަށް ވާތީ އެ ދެފަރާތަކީ އެޑިޕާޓްމަންޓްތަކުގެ އިސްވެރިންކަމަށްވާ އިރު ވަޒީފާ އަށް މީހުން ހޯދުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަށްތޯ ބެލުމަކީ އެ ދެ ފަރާތުގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް އެސްޓީއޯގެ މުއައްޒިފުންގެ އަތްމަތީފޮތުގައި ވަޒީފާއަކަށް އެދުމުގެ ކުރިން ވަޒީފާއިން ވަކިވި ލިޔުމެއް ހުށައަޅަންޖެހޭކަމަށް ބަޔާކޮންކޮށްފައިވާ އިރު ތިނަދޫ ފިހާރައިން ވަޒީފަދިން އެއް ފަރާތުން ވަޒީފާއިން ވަކިވި ލިޔުން ހުށައަޅާފައިނުވަނީސް ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް ބުނެފައިވެ އެވެ.