25 Oct 2010, 16:52
އިންޑޮނޭޝިއާގެ ސުމަތުރާ އަށް އައި ބާރު ގަދަ ބިންހެލުމާ ގުޅިގެން، އެ ބިން ހެލުމުގެ އަސަރު ރާއްޖެ އަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.
އިންޑޮނޭޝިއާ ސަދަން ސުމަތުރާ އަށް ރެކްޓާ މިންގަނޑުން 7.5 ގެ ބާރު މިނުގައި މިރޭ ވަނީ ބިންހެލުމެއް އައިސްފަ އެވެ. މި ބިން ހެލުމާ ގުޅިގެން އެސަރަހައްދުގައި މިހާރު ވަނީ ސުނާމީގެ އިންޒާރު ނެރެފަ އެވެ.
މޯލްޑިވްސް މީޓިއަރޮލޮޖިކަލް ސާވިސްގެ ޑިއުޓީ ފޯކާސްޓަރ ތަހުމީނާ އަބްދުލް ކަރީމް ވިދާޅުވީ އިންޑޮނޭޝިއާގެ ސުމަތުރާ އަށް މިރޭ އައި މި ބާރު ގަދަ ބިން ހެލުމާ ގުޅިގެން ރާއްޖެ އަށް އެއްވެސް ނުރައްކަލެއް ނުކުރާނެ ކަމަށެވެ. އަދި ބިންހެލުމާ ގުޅިގެން ރާއްޖޭގައި ނެރެފައިވަނީ އެޑްވައިޒަރީ އެލާޓެއް ކަމަށާއި ސުނާމީ އެއް އުފެދިފައިވާ ކަމުގެ މައުލޫމާތު ލިބިފައިނުވާތީ އަދި ޔެލޯ ލެވެލް އިސޫ ކޮށްފައިނުވާ ކަމަށްވެސް ފޯކާސްޓާ ވިދާޅުވި އެވެ.
"ރާއްޖޭގައި ވާނީ އެޑްވައިޒަރީ ލެވެލް ވަން ގެ އެލާޓެއް ނެރެފައި. އެއީ ވައިޓް އެލާޓް. ވައިޓް އެލާޓްވީމަ އަދި އެއްވެސް ނުރައްކަލެއް ނެތް. އަދި ޔެލޯ ނެރެނީ ރާއްޖެ އަށް އެކަމުގެ އަސަރު ފޯރާނެ ކަމުގެ އިންޒާރު ލިބުމުން. ނަމަވެސް އަދި އެފަދަ އެއްވެސް ނުރައްކަލެއް ނެތް" ތަހުމީނާ ވިދާޅުވި އެވެ.
ސުނާމީ އިންޒާރު ދޭ ސެންޓަރުން ބުނާ ގޮތުގައި، އިންޑޮނީޝިއާގެ ސުމަތުރާގެ އައްސޭރި ފަށަށް އައި މިބާރު ގަދަ ބިންހެލުމުން މާ ދުރު ހިސާބުތަކަށް ނުރައްކާވާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް ބިންހެލުން އައި ސަރަހައްދާ 100 ކިލޯމީޓަރުގެ ހިސާބުގަނޑަށް ސުނާމީއެއް އަތުވެދާނެ ކަމަށް ބެލެވޭ ކަމަށް އެސެންޓަރުން ބުނެ އެވެ.
ސުމަތުރާގެ ޕަންޑަންގްއާ 240 ކިލޯމީޓަރު ދެކުނަށް 33 ކިލޯމީޓަރު އަޑިއައި މިބިން ހެލުމާ ގުޅިގެން ޕެސިފިކް ސުނާމީ ވާނީން ސެންޓަރުން ވެސް ބުނެފައިވަނީ ސުނާމީއެއް އައުން ގާތީ ހަމައެކަނި އެސަރަހައްދަށް ކަމަށެވެ.
އިންޑޮނޭޝިއާގެ ސުމަތުރާ އަށް 2004 ވަނަ އަހަރު އައި ސުނާމީގައި ސްރީލަންކާ އާއި ރާއްޖެ އާއި ތައިލެންޑް އަދި އިންޑިއާ އިން ދެލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.