ފްރާންސްގެ މުއްސަނދި ފުޓްބޯޅަ ކުލަބު ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) މި ސީޒަންގެ ފުރެންޗް ލީގު ކާމިޔާބުކޮށް، 19 އަހަރު ދުވަހުގެ ތެރޭގައި އެ ކުލަބަށް ލިބުނު ފުރަތަމަ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި އެއްވުން ނިމުނީ ފުލުހުންނާ ސަޕޯޓަރުންގެ ކުރިމަތިލުމަކަށް ގޮސް، ބޮޑު ހަމަ ނުޖެހުމަކަށް ބަދަލުވެގެންވެ.

ޕެރިހުގެ ޕޮލިސް ކޮމިޝަނާ ބާނާޑް ބޯކައުލްޓް ވިދާޅުވި ގޮތުގައި ޕީއެސްޖީގެ ފޭނުންނާއި ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފުލުހުންގެ ތިން މީހަކާއި އާންމުންނާއެކު ޖުމުލަ 30 މީހަކަށް ބޮޑެތި އަނިޔާތެކެއް ލިބިފައިވެއެވެ. އަދި ހަމަ ނުޖެހުން މައިތިރިކޮށް ހަމަޔަކަށް އެޅުވުނީ 800 ފުލުހުންގެ އެތައް ގަޑި އިރެއްގެ މަސައްކަތަށް ފަހުގައި ކަމަށެވެ.

ހަމަ ނުޖެހުން ހިނގަން މެދުވެރިވީ ގާތްގަނޑަކަށް 10000 ޕީއެސްޖީގެ ސަޕޯޓަރުން މަޝްހޫރު އެއިފިލް ޓަވަރުގެ ކައިރީގައި ހުންނަ "ޕްލޭސް ޑު ޓްރޮކަޑެރޯ" ކިޔާ ތަނެއްގައި ޕީއެސްޖީގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިންތިޒާރުގައި ގަޑިއެއްގެ އިރަށްވުރެ ގިނައިރު ހޭދަވިފަހުން ކުޅުންތެރިންނާއި އޮފިޝަލުން އެތަނަށް އައި ހިސާބުންނެވެ. އަދި ކޯޗު ކާލޯ އެންޗެލޮޓީއާއި ކެޕްޓަން ތިއާގޯ ސިލްވާ، ސަޕޯޓަރުންނާ މުހާތަބުކުރަން ޕޯޑިއަމްގެ ކައިރިއަށް ދިޔަތާ ފަސްވަރަކަށް މިނިޓުވެސް ނުވަނީސް، އެއްވެފައިތިބި ސަޕޯޓަރުންގެ ތެރެއިން ބަޔަކު މީހުން ހަމަނުޖެހުން ހިންގައި ކުޅުންތެރިންނާ ދިމާއަށް އެއްޗެހި އުކައި، އެދިމާއަށް އަރައިގަންނަން އުޅުމުން ރަޔަޓް ފުލުހުންވަނީ ޓީމު އެތަނުން ދުރައްޖައްސައި މީހުންތައް މައިތިރި ކުރުމަށް އެތަނަށް ޓިއާގޭހާއި ސްމޯކް ބޮމް އުކާފައެވެ.

އެތަނުގައި ހަރަކާތްތެރިވި، ޕީއެސްޖީގެ "ހާޑްލައިން" ސަޕޯޓަރުންގެ ގުރޫޕަކުން "ފްރީޑޮމް ފޯ ދަ އަލްޓްރާސް"، ޖަހާފައިވާ ބޮޑު ބެނާއެއް އެހިސާބުގައި ގެންގުޅެފައި ވެއެވެ. "އަލްޓްރާސް" އިންނަކީ، ޔޫރަޕުގައި ފުޓްބޯޅަ ކުލަބުތަކުގެ ސަޕޯޓަރުންގެ ގޮތުގައި ސްޓޭޑިއަމް ތަކަށްވަދެ ސަޕޯޓު ކުރުމުގެ ގޮތުން "ގުރޫޕު ހަދައިގެން މަޖާނަގައި، އަޑުގަދަކޮށް، ހަވަޔާއި، ފަޓާސްފަދަ، ބަޑިބޭހުގެ ކުޅިވަރުއް ދައްކުވައިދީ" ސަޕޯޓު ކުރުމުގައި ހޭބުއްދި ފަހަނަޅައި ދާފަދަ ހާލަތެއްގައި ތިބޭ ކުރޫޕު ތަކަށް ކިޔާ ނަމެކެވެ.

އެ ހާދިސާގައި ހަމަނުޖެހުން ހިންގަން އުޅުނު 21 މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. މީގެ ތިން އަހަރު ކުރިން ޕީއެސްޖީގެ ޓިކެޓު ވިއްކުމުގެ ޕޮލިސީ ބަދަލު ކުރުމުގެ ސަބަބުން އެކަމާ ހިތްހަމަ ނުޖެހިގެން ސަޕޯޓަރުން އެއްވި އެއްވުމެއްގައި އެކަކުވަނީ މަރުވެފައެވެ. އެފަހަރު ޓިކެޓިން ޕޮލިސީއަށް ބަދަލު ގެނައީ، "އަލްޓްރާސް"އިން ދަނޑަށްވަދެ އެގޮތަށް ސަޕޯޓު ކުރަން އުޅުމުގެ ތެރޭގައި ހިންގި ހަމަނުޖެހުމުގައި ބަޔަކު މަރުވުމާ ގުޅިގެންނެވެ.

ހޯމަ ދުވަހު ހިނގި އެހާދިސާއަށްފަހު ޕެރިހުގެ ޕޮލިސް ކޮމިޝަނަރު ވިދާޅުވެފައިވަނީ "މީގެފަހުން އެ ގޮތަށް އާންމު ތަންތަނުގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ޕީއެސްޖީއަށް އެއްވެސް ގޮތަކަށް ނުލިބޭނެ" ކަމަށެވެ.

ޕީއެސްޖީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުލަބުން ބޭއްވި ޕާޓީ ހަރާބުވީ އެތަނަށް އެއްވި "ފުޓްބޯޅައާ އެއްވެސް ގުޅުމެއް ނެތް، ބައިގަނޑެއްގެ ސަބަބުން" ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޕީއެސްޖީއަކީ ޔޫރަޕުގެ ފުޓްބޯޅައިގެ ގަދަ ބާރަކަށް ހެދުމަށް ކުލަބުން އަބަދުވެސް މަސައްކަތް ކުރާނޭ ކަމަށެވެ.