ސޮނީ ސްޕޯޓްސް އޮފީސްގެ ސެކިޔުރިޓީ ގާޑަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ފަހު އެތަނުން ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ގެންގޮސްފައި ވަނީ އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކުރީ ޖަނަވަރީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސްގެ އޮފީހުގައި ޑިޔުޓީއަށް ހުރި ސެކިޔުރިޓީ ގާޑަށް ބިރުދައްކައި އޭނާ އަށް ތޫނު އެއްޗަކުން ހަމަލާދީ އެ އޮފީހުން ވައްކަންކުރަން މަސައްކަތްކުރަން އުޅެނިކޮށް ކަމަށެވެ.

އެ މައްސަލާގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އެ ސަރަހައްދު ބަލައި ފާސްކުރިއިރު ވައްކަންކުރަން ބޭނުންކުރާ ޒާތުގެ ސާމާނުތަކެއް އެ ސަރަޙައްދުން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި އެ ހާދިސާގައި އަނިޔާވި ސެކިޔުރިޓީ ގާޑަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.