ވޮޝިންޓަން (މޭ 14): އެމެރިކާގެ އިލެކްޓްރޯނިކް ނިޒާމުތަކަށް އަމްނާއި ސަލާމަތުގެ (ސައިބަރ ސެކިއުރިޓީ) ގެގެރެންޓީހޯދަންޖެހިފައިވާ ކަމަށާއި މިއީ ނިއުކްލިޔާ ހަތިޔާރުން އެމެރިކާ ބިނާކޮށްފައިވާ ދިފާޢީ އައްޑަނަ ނުވަތަ ނިއުކްލިޔާ ޑިޓަރެންޓާ އެއްވަރުގެ މުހިއްމު ކަމެއް ކަމަށް އެގައުމުން ހާމަކޮށްފި އެވެ.

އެމެރިކާގެ ކަނޑުގެ ބާރުތަކުގެ ކޮމާންޑަރު އެޑްމިރަލް ޖޮނަތަން ގްރީނީޓް ވިދާޅުވީ އެމެރިކާގެ ޢަސްކަރީ ޢަޤީދާ (ދިފާޢީ ޑޮކްޓްރިން)ގައި އިސްކަންދޭ ކަންތައްތަކަށް ބަލާއިރު އެމެރިކާގެ އިލެކްޓްރޯނިކް ނިޒާމުތަކަށް އަމްނާއި ސަލާމަތުގެ ގެރެންޓީ ހޯދުމަކީ އެމެރިކާ ބިނާކޮށްފައިވާ ނިއުކްލިޔާ ޑިޓަރެންޓާ އެއްވަރުގެ ކަމެއް ކަމުގަ އެވެ. ސިންގަޕޫރުގައި ވާހަކަ ދައްކަވަމުން އެޑްމިރަލް ޖޮނަތަން ގްރީނީޓް ވިދާޅުވީ އެމެރިކާގެ ދިފާޢީ ބަޖެޓަށް އައި ހީނަރުކަމާއެކު ވެސް އެމެރިކާގެ އިލެކްޓްރޯނިކް ނިޒާމުތަކަށް އަމްނާއި ސަލާމަތްކަން ހޯދުމުގެ ޕްރޮގްރާމް ނުވަތަ ސައިބާ ސެކިއުރިޓީގެ ޚަރަދުތަކަށް ބަދަލެއްނާންނާނެ ކަމުގަ އެވެ.

އަދި ނިއުކްލިޔާ ހަތިޔާރަށް އެމެރިކާ ކުރާ ޚަރަދާއި އެކަމަށްކުރާ އިންވެސްޓްމަންޓާ އެއްވަރުގެ ޚަރަދާއި އިސްވެސްޓްމަންޓް، އެމެރިކާގެ އިލެކްޓްރޯނިކް ނިޒާމުތަކުގެ ސަލާމަތަށް ވެސް ޕެންޓަގަންއިން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެމެރިކާގެ ކަނޑުގެ ބާރުތަކުގެ ކޮމާންޑަރު މިމޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ ޗައިނާއިން އެގައުމުގެ އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރަނީ ޖާސޫސުކޮށްގެންއެމެރިކާ އިން ހޯދާ މަޢްލޫމާތުގެ އަލީގައި ކަމަށް ބުނެ ޕެންޓަގަން ދާދިފަހުން ރިޕޯޓެއް ނެރެފައިވަނިކޮށެވެ.

މިރިޕޯޓްގައި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޗައިނާ އެމެރިކާގެ އިލެކްޓްރޯނިކް ނިޒާމުތަކަށް ސައިބަރ ޙަމަލާތައް ދީގެން ސިއްރު މަޢްލޫމާތު ހޯދަމުން ގެންދާކަމަށް ތުހުމަތުކޮށް އެކަމާމެދު އެމެރިކާ ކަންބޮޑުވާމިންވަރު ހާމަކޮށްފައިވެ އެވެ. (ރޮއިޓާސް)