ރޯމް (މޭ 14): ނަހަމަގޮތުގައި ވެރިކަމުގެ ބާރުތައް ބޭނުންކުރެއްވި ކަމުގެ ކުށުގައި އިޓަލީގެ ކުރީގެ ބޮޑުވަޒީރު އަދި އެގައުމުގެ އެންމެ އެންމެ މުއްސަނދި އެއް މަހުޖަނު ސިލްވިޔޯ ބާލުސްކޯނީ 6 އަހަރަށް ޖަލަށްލުމަށް އެގައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލް އެދިވަޑައިގެންފި އެވެ.

އިޓަލީގެ ޕްރޮސެކިއުޓާ ޖެނެރަލް އީލްދާ ބުކަސީނީ މިކަމަށް އެދިވަޑައިގެންނެވީ ބާލުސްކޯނީގެ ވެރިކަމުގެ ދުވަސްވަރު ވެރިކަމުގެ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައި އިޓަލީގެ ކޯޓެއްގައި އޭނާގެ މައްޗަށް ކުރިޔަންގެންދާ ޝަރީޢަތުގަ އެވެ. ބާލުސްކޯނީގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި އިޓަލީގެ ބޮޑުވަޒީރު ކަމުގައި އޭނާ ހުންނެވި ދުވަސްވަރު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރި އުމުރުން 18 އަހަރު ނުފުރޭ ޢަރަބި އަންހެނެއް ކަމަށްވާ ކަރީމާ އަލްމަޙްރޫޤީ މިނިވަން ކުރުމަށް ޤާނޫނާ ޚިލާފަށް ފުލުހުންނަށް އަމުރުކުރެއްވުމުގެ އިތުރުން ކަރީމާއަށް ފައިސާ ދީގެން އޭނާއާ އެކު ބަދުއަޚްލާޤީ ޢަމަލުތައް ހިންގެވުންވެސް ހިމެނެ އެވެ.

ްއަށާރަ އަހަރު ނުފުރޭތީ އިޓަލީގެ ޤާނޫނުގައި ކަރީމާއާ މެދު ބެލެވެނީ ކުޑަކުއްޖެއްގެ ގޮތުގަ އެވެ. ޑިސްކޯތަކުގައި ނަށަންއުޅޭ މަޣްރިބްގެ ޒުވާން އަންހެނެއް ކަމަށްވާ ކަރީމާ އަށް ފައިސާދީގެން އޭނާއާ އެކު ބާލުސްކޯނީ ބަދުއަޚްލާޤީ ޢަމަލުތައް ހިންގެވިކަމަށް ވަނީ ބާލުސްކޯނީ އެދުވަސްވަރު ދިރިއުޅުއްވި އިޓަލީގެ ބޮޑުވަޒީރުގެ ގަނޑުގަ އެވެ.

މިތުހުމަތުތަކަށް ބަލަމުންގެންދާ ޝަރީޢަތުގައި އިޓަލީގެ ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވީ ނަހަ މަގޮތުގައި ވެރިކަމުގެ ބާރުތައް ބޭނުންކުރެއްވުމުގެ އިތުރުން 18 އަހަރު ނުފުރޭ އަންހެނަކާ އެކު ބަދުއަޚްލާޤީ ޢަމަލުތަކެއް ހިންގެވިކަމުގެ ތުހުމަތު ވެސް ބާލުސްކޯނީގެ މައްޗަށް ކުރެވިފައިވާތީ ބާލުސްކޯނީ ހަ އަހަރަށް ޖަލަށްލުމުގެ އިތުރުން އިޓަލީގެ ސަރުކާރާއި ދައުލަތުގެ އެއްވެސް ވަޒީފާއެއް މުޅި އުމުރަށް ނުލިބޭނެ ޙުކުމެއް ވެސް ބާލުސްކޯނީގެ މައްޗަށް އިއްވަންޖެހޭ ކަމުގަ އެވެ.

އުމުރުން 78 އަހަރުގެ ބާލުސްކޯނީގެ ދިފާޢީ ވަކީލުންގެ ޓީމުން ވަނީ ބަދުއަޚްލާޤީ ޢަމަލުހިންގުމަކީ އިޓަލީގެ ޤާނޫނުގައި މަނާކަމެއް ނޫން ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް އެދިވަޑައިގެންނެވި އަދަބަކީ މާއަނިޔާވެރި އަދަބެއް ކަމަށް ސިފަކޮށްފަ އެވެ. އަދި ބާލުސްކޯނީ، ކަރީމާ އާ ބަދުއަޚްލާޤީ ޢަމަލުތައް ހިންގެވީ އޭނާގެ ރުހުމުގައި ކަމަށާއި މައްސަލައަކީ ކަރީމާއަށް 18 ނުފުރުން ކަމަށްވާ އިރު އެއީ މިހާބޮޑު އަދަބެއް ކަނޑައަޅަން ޖެހޭ ވަރުގެ ކުށެއްނޫން ކަމަށް ވެސް ބާލުސްކޯނީގެ ދިފާޢީ ވަކީލުންގެ ޓީމުގައި ހިމެނޭ ނިކޮލައި ގިޑީނީ ވިދާޅުވި އެވެ.

މިމައްސަލަތަކުގެ އިތުރުން އިޓަލީގެ އިސްތިއުނާފު ކޯޓަކުން މިދިޔަ ހުކުރުދުވަހުވަނީ ޓެކްސް ނުދެއްކުމުގެ މައްސަލައެއްގައި އިޓަލީގެ ދަށުކޯޓަކުން ބާލުސްކޯނީގެ މައްޗަށް އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ޙުކުމެއް ވެސް އަލުން ކަށަވަރުކޮށްދީފަ އެވެ. މިޙުކުމް އިޓަލީގެ ހައިކޯޓުގައި އަލުން އިސްތިއުނާފް ކުރުމުގެ ފުރުސަތު ބާލުސްކޯނީ އަށް ލިބިވަޑައިގަންނަވާތީ އޭނާގެ ޤާނޫނީ ޓީމުން ގެންދަނީ އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)