ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާ އެކު ސަރުކާރާ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކެއް އެއް ގަލަކަށް އެރި އެވެ. އެއަށް ފަހު ރައީސް ނަޝީދުގެ ސަރުކާރުގެ ނައިބް ރައީސް މުހައްމަދު ވަހީދާ އެކު އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވައިލި އެވެ. އެ ސަރުކާރު އެކުލަވާލީ ވަގުތީ ސަރުކާރެއް ކަމަށް ގަބޫލުކޮށްގެންނެވެ. ހާއްސަކޮށް ކޯލިޝަން ސަރުކާރުގައި ބައިވެރިވުމަށް ޑީއާރުޕީގެ ކައުންސިލްގެ ބޮޑު ބައެއް ދެކޮޅު ވެސް ހެދި އެވެ. ނަމަވެސް ޑީއާރުޕީން ގޮތްދޫކޮށް، ކޯލިޝަންގައި ބައިވެރިވީ ގައުމީ މަސްލަހަތަށް ޓަކައި އެއީ ކުރަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކޮށްގެންނެވެ.

ކޯލިޝަން ޕާޓްނަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ފުރަތަމަ ގާތް ގުޅުމެއް ގެންގުޅުއްވީ ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ލީޑް ކުރައްވާ ޕީޕީއެމްއާ އެވެ. ނަތީޖާއެއްގެ ގޮތުން ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ދެން ތިއްބެވި ބޭފުޅުންގެ މެދުގައި ބޮޑެތި މައްސަލަތަކެއް ވެސް އެތެރޭގައި ޖެހެން ފެށި އެވެ. ނަމަވެސް އެ މައްސަލަތައް ފެންމަތި ނުކޮށް އެ ފަރާތްތަކުން މަޑުން ތިބީ ގައުމީ މަސްލަހަތު އިސްކުރުމުގެ ބޭނުމުގަ އެވެ.

ރައީސް ވަހީދާއި ޕީޕީއެމްއާ ދެމެދު މައްސަލަތައް ކުރިމަތިވީ، ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓްކަން ގަބޫލުކުރެއްވި ހިސާބަކުންނެއް ނޫނެވެ. އެ ގުޅުން ގޯސްވީ ރިޔާސީ ޓިކެޓް އެއް ފަރާތުން އަނެއް ފަރާތަށް ދޫކޮށްލުމުގެ މައްސަލަ ކުރިމަތިވުމުންނެވެ. ޕީޕީއެމް އިން ގަބޫލުކުރަނީ އެންމެ ބޮޑު ޕާޓީއަކީ ޕީޕީއެމް ކަމަށެވެ. އަދި ރައީސް ވަހީދު ވަޑައިގަންނަވަން ޖެހޭނީ ޕީޕީއެމްގެ ފަހަތަށް ނޫނީ އެ ޕާޓީގެ ރަނިންމޭޓަކަށެވެ. ޑރ. ވަހީދުގެ ޓީމުން ގަބޫލުކުރަނީ ސިޓިން ޕްރެސިޑެންޓް އެހެން ޕާޓީއެއްގެ ރަނިންމޭޓަކަށް ނުދެވޭނެ ކަމަށެވެ. ޕީޕީއެމް އަންނަން ޖެހޭނީ ރައީސް ވަހީދުގެ ފަހަތްޕުޅަށް ކަމަށެވެ.

ނަމަވެސް ޕީޕީއެމްގެ ފާޑުކިޔުންތައް ފަހަކަށް އައިސް ރައީސް ވަހީދަށް އަމާޒުވާން ފެށީ ހޯމް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގް މޭޓަކަށް ހަމަޖެއްސުމުން ހޯމް މިނިސްޓަރުގެ މަގާމުން ޖަމީލު ވަކިކުރެއްވުމުންނެވެ. ސަރުކާރުން ބުނަނީ ގައުމެއްގެ ދާހިލީ ވުޒާރާއަކީ އެ ގައުމެއްގެ ސަރުކާރެއްގެ މުހިންމު އެއް ވުޒާރާއަކަށްވާ އިރު އެ ވުޒާރާ ހިންގަވާ ބޭފުޅަކީ އިދިކޮޅު ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓް ނުވަތަ އެ ކެންޑިޑޭޓެއްގެ ރަނިންމޭޓް ކަމުގައި ވެއްޖެ ނަމަ އެއީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ގައުމީ މަސްލަހަތާއި އަމަން އަމާންކަން ނަގަހައްޓަން ތިބި ބައެއްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާ ވަޒީރަކު ސިޔާސީ އެހެން ކެންޑިޑޭޓެއްގެ ނުވަތަ ޕާޓީއެއްގެ ބޭފުޅަކަށް ވުމަކީ ވެސް އެ ސަރުކާރެއްގެ ތެރޭގައި މައްސަލަތު ފުށުއަރާނެ ކަމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެ އެވެ. ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މައްސޫދު އިމާދު ވިދާޅުވީ ރައީސް ވަހީދު ވެސް އަންނަ ރިޔާސީ އިންތިހާބްގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރައްވާ އިރު، ރައިވަލް ކެންޑިޑޭޓްގެ ރަނިންމޭޓް ކެބިނެޓްގެ އެއް ފަރާތުގައި އިންނަވައިގެން މަސައްކަތް ކުރެއްވުމަކީ މަސްލަހަތު ތަންދޭ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ޑރ. ޖަމީލް ވެސް އަދި ޕީޕީއެމް އިން ވެސް ގަބޫލުކުރަނީ އެއީ މައްސަލައެއް ނޫން ކަމަށެވެ. ވަހީދުގެ ސަރުކާރަކީ ކޯލިޝަން ސަރުކާރެއްކަން ވަހީދު ގަބޫލުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެފަދަ ސަރުކާރެއްގައި ވަކި މަގާމެއް ވަކި ގޮތެއް ވެގެން ނުވާނެ ކަމަށާއި އެހެން ކަމަށްވާ ނަމަ، ކެބިނެޓްގައި ދެން ތިއްބެވި އެހެން ޕާޓީތަކުގެ ވަޒީރުންނާ ދޭތެރޭ ވެސް އެއް ހުކުމެއް ހިނގަން ޖެހޭނެ ކަމަށެވެ.

ސަރުކާރުގެ އެ ވާހަކަތަކަށް ރައްދުދެއްވައި ޕީޕީއެމްގެ އިސް ތަރުޖަމާނު އަހްމަދު މަހުލޫފް ވިދާޅުވީ ޖަމީލު ރިޔާސީ ކެންޑިޑޭޓެއްގެ ރަނިންމޭޓަކަށް ހުންނަވައި ކެބިނެޓްގައި މަސައްކަތް ކުރެއްވުމަކީ މަސްލަތު އޮންނަ ކަމެއް ކަމަށް ގަބޫލުކުރައްވާ ނަމަ ރައީސް ޑރ. ވަހީދު އިސްތިއުފާ ދެއްވުން "މާ ރަނގަޅުވާނެ" ކަމުގަ އެވެ. އަދި ވިދާޅުވީ ރައީސް ވަހީދު އަތޮޅުތަކަށް ކުރައްވަމުން ގެންދަވަނީ ކެމްޕޭން ދަތުރުތައް ކަމަށާއި ޕީޕީއެމް އިން ރައީސް ވަހީދުގެ ދަތުރުތަކަށް ދެން އެއްބާރުލުން ނުދޭނެ ކަމަށެވެ.

މަހުލޫފުގެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް އޮފީހުގެ ޕޮލިޓިކަލް އެޑްވައިޒަރު އަހުމަދު ތައުފީގު ވިދާޅުވީ ރައީސް ވަހީދަށް ރަށްރަށުގެ ރައްޔިތުން ދެމުންގެންދާ ތާއީދަކީ ވަކިޕާޓީއެއް ބާރުއަޅައިގެން ދެމުން ގެންދާ ތަރުހީބެއް ނޫން ކަމަށެވެ. އަދި ވަހީދަކީ ރައްޔިތުންގެ މަގުބޫލްކަން މިހާރު ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމުގައިވާތީ އެތާއީދު ވަހީދަށް ލިބެމުންދާނެ ކަމުގައި ވެސް އޭނާ ސިފަކުރައްވަ އެވެ.

ޑރ. ޖަމީލް ސަރުކާރުން ވަކިކުރުމާ އެކު ރައީސް ވަހީދުގެ ސަރުކާރަށް ތާއީދުކޮށްގެން ތިބި ޕާޓީތަކުގެ ތެރެއިން ޕީޕީއެމްގެ ފާޑުކިޔުންތައް ރައީސް ވަހީދަށް މިއަދު އަމާޒު ވެފައިވާ އިރު އެކޯލިޝަންގެ ތެރޭގައި ހިމެނޭ ޑީއާރުޕީގެ ނިންމުން ޕީޕީއެމާ ތަފާތެވެ. އެގޮތުން ޑީއާރުޕީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ވަހީދަށް ތާއީދުކުރުމަށާއި ރައީސް ވަހީދާ އެކު ކޯލިޝަން ހެދުމަށް ނިންމައިފަ އެވެ.

ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ ވިދާޅުވީ ޑީއާރުޕީން އެގޮތަށް ނިންމީ ރައީސް ޑރ. ވަހީދާއި އެމަނިކުފާނަށް ތާއިދުކުރާ ފަރާތްތަކާއި އަދި ޑީއާރުޕީން ރިޔާސީ އިންތިހާބުގައި ނިކުމެއްޖެ ނަމަ ރައްޔިތުނަށް ލިބެންވާ "ހަގީގީ ފުރުސަތު" ނުލިބި މާޒީ އިއާދަ ވެގެންހިނގާދަނެތީ ކަމަށެވެ.

ރައީސް ވަހީދު ވެރިކަން ކުރައްވަމުން އަންނަނީ ކޯލިޝަން ސަރުކާރެއްގެ ތެރެއިންނެވެ. އެ ކޯލިޝަންގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ޕާޓީން ސީދާ ދެކޮޅު ހެދުމަކީ ސަރުކާރަށް ކުރިމަތިވެގެންދާނެ ބޮޑު ގޮންޖެހުމަށް ވެގެންދާނެ ކަމަށް ވެސް ގިނަ ބަޔަކު ސިފަކުރެ އެވެ. ނަމަވެސް ޑީއާރުޕީން އަދިވެސް ބުނަމުން ގެންދަނީ ރިޔާސީ އިންތިހާބާ ހަމައަށް މިސަރުކާރު ދެމެހެއްޓުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ ކަމުގަ އެވެ. ޕީޕީއެމް އިން ވެސް އެ ބުނުން އެެ ގޮތަށް ބުނެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި ކޯލިޝަން ގްރޫޕްގެ ތެރޭގައި ހިމެނޭ ރައީސް ވަހީދުގެ ކޯލިޝަނާއި ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީން ކުރިމަތިލާނެ ކަމުގައި މިހާރު ބެލެވިފައިވާ އިރު އަނެއް ފަރާތުން ވާދަކުރާ އެމްޑީޕީ އެ އިންތިހާބް ކާމިޔާބުކުރާނެ ކަމަށް އެ ޕާޓީން އަންނީ ބުނަމުންނެވެ. އެހެން ކަމާ އެކު ޕީޕީއެމް އާއި ވަހީދު އެއްވަނަ ނުވަތަ ދެވަނަ ފުރުސަތަށް "ތަޅާއިރު" ސަރުކާރަށް ލޮޅުންތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވަރަށް ގިނަ ފަރާތްތަކުން ގަބޫލުކުރެ އެވެ. ނަމަވެސް އެ ތެޅުން ކޮންޓްރޯލް އެންވަޔަރަމަންޓެއްގައި ގެންގުޅުމަށް ދެ ފަރާތަށް ވެސް މަޖުބޫރުވާނެ އެވެ. އެއީ ވަހީދުގެ ސަރުކާރު "އެއްލާލުމަކީ" ވަހީދަށް ލިބޭނެ ހަމްދަރުދީއެއް ކަމަށްވާތީ އެވެ. އެހެން ނޫނަސް އެފަދަ ނިންމުމެއް ނިންމަން ޕީޕީއެމް އިން ހިފާ ނަމަ އެ ޕާޓީގެ އެތެރޭގައި ރެނދުއަޅާނެ ކަމަކަށްވާތީ، ރައީސް މައުމޫން ލީޑް ކުރައްވާ ޕީޕީއެމް އިން އެ ފިޔަވަޅު އެގޮތަށް އަޅާނެ ކަމަކަށް ނުބެލެވެ އެވެ.