މިދިޔަ އަހަރު ހިނގާފައިވާ ހާދިސާތަކަށް ބަލާއިރު ފުލުހުންގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް 20 ޕަސެންޓަށް "ވައިލެންޓް ކްރައިމް" މަދުކުރުން ކަމުގައި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ވެބްސައިޓަށް ރިޔާޒު ދެއްވާފައިވާ ވީޑިއޯ އިންޓަވިއެއްގައި ވިދާޅުވީ އެ މަގާމާއި އޭނާ ހަވާލުވެ ވަޑައިގެންނެވި އިރު ރާއްޖޭގައި ވަރަށް ގިނަ ކުށްތަކެއް ހިނގަމުން ދިޔަ ކަމަށާއި ފުލުހުންގެ މުޅި އިދާރާ އިން ވެސް އެންމެ ފުރަތަމަ އިސްކަމެއް ދީގެން ކުރި ކަމަކީ "އޮޕަރޭޝަނަލް ޕްރައޮރިޓީޒްތަކެއް" ކަނޑައެޅައިގެން ކުށްތައް މަދުކުރުން ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ވެސް ފުލުހުންގެ މަސައްކަތް ކުރަމުން ގެންދިޔައީ ކުށް މަދުކުރުމަށް "އޮޕަރޭޝަނަލް ޕްރައޮރިޓީޒްތަކެއް" ކަނޑައަޅައިގެން ކަމަށް ވިދާޅުވި އެވެ. ނަމަވެސް ސިޔާސީ ގޮތުން ހުރި ގޮން ޖެހުންތަކާ އެކު މިދިޔަ އަހަރު ނިމުނު އިރު ހާސިލްކުރައްވަން ބޭނުންވި މިންވަރަކަށް އެކަންތައް ހާސިލް ކުރެވިފައިނުވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަގީގަތުގައި ހާސިލް ކުރަން ބޭނުންވި ވަރަށް މިދިޔަ އަހަރު ނިމުނު އިރު ކަންތައްތަކެއް ހާސިލެއް ނުކުރެވުނު، އޭގައި ވަރަށް ގިނަ ސަބަަބުތަކެއް ވެސް އެބަހުރި، މިދިޔަ އަަހަރު ގައުމު އޮތީ ސިޔާސީ ގޮތުން ވަރަށް ބޮޑު ހަލަބޮލި ކަމެއްގެ ތެރޭގައި. އެ ހުރިހާ ޗެލެންޖަސްތަކާ އެކު އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔައީ ކްރައިމަށް ފައިޓް ކުރަން، ހަމައެގޮތަށް މިއަހަރު ވެސް މަސައްކަތް ކުރަމުން މިގެންދަނީ،" ކޮމިޝަނަރު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ދުނިޔޭގައި އެހެން ގައުމުތަކުގެ ފުލުހުން ކުރާ މަސައްކަތްތަކާ ދިވެހި ފުލުހުން ކުރާ މަސައްކަތްތައް ވަރަށް ބޮޑަަށް ތަފާތު ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގައި އެމަޖެންސީ ހާލަތްތަކުގައި ހަރަކާތްތެރިވުމަށް ވަކި ބަަޔަކު ތިބޭ އިރު ރާއްޖޭގެ ފުލުހުން އެހުރިހާ ކަމެއްގައި ވެސް ހަރަކާތްތެރިވާން ޖެހޭ ކަމުގައި ރިޔާޒު ވިދާޅުވި އެވެ.

"ދުނިޔޭގެ އެހެން ތަންތަނުގައި އެކިއެކި ކަންކަމަށް އެކި އެކި ނަންނަން ކިޔާފައި އެތައް ތަފާތު ބަޔަކު ހަރަކާތްތެރިވާން އެބަ ތިބޭ، ނަމަވެސް ދިވެހި ފުލުހުން މަަސައްކަތް މިކުރަނީ މިހުރިހާ ކަމެއްގައި އެއް ބައެއްގެ ގޮތުގައި، މިސާލަކަށް ރަށެއްގައި އަލިފާނުގެ ހާދިސާއެެއް ހިނގި ނަމަވެސް ފުލުހުން އުޅެންޖެހޭ އެއަލިފާން ނިއްވުމުގައި، ފަސް މީހުން ތިބި ނަމަވެސް އެކަމުގައި އުޅެންޖެހޭ."ރިޔާޒު ވިދާޅުވި އެވެ.

ކޮމިޝަނަރުގެ ވާހަކަފުޅުގައި ފާއިތުވި އަހަރާއި އޭގެ ކުރީ އަހަރު މަރުގެ މައްސަލަތައް މަދު ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ފުލުހުން ދީފައިވާ ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން މި އަހަރުގެ މިހާތަނަށް އައި އިރު ވެސް މަރުގެ އެފަދަ ހާދިސާއެއް ހިނގާފައިނުވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ކޮމިޝަނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ބޮޑެތި ކުށްތައް ހިންގައި ރާވަމުންދަނީ ކޮންބައެއްތޯ ބަލައި މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުން ހޯދައި ބަލައި އެފަދަ ކުށްތައް މަދުކުރުމަށް ހާއްސަ ސަމާލު ކަމެއް ދީގެން ފުލުހުން ކުރަމުން ގެންދާ މަސައްކަތް ވަރަށް ކާމިޔާބު ކަމުގައި ރިޔާޒު ވިދާޅުވި އެވެ.